މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑު ހޮވުމަށް ބާއްވާ އާންމު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ނިންމާފައިވާކަމަށް އިންތިޚާބީ ކޮމެޓީން ބުނެފި އެވެ.

 

މުނިއަވަސް އަށް މައުލޫމާތު ދެމުން އިންތިޚާބީ ކޮމިޓީން ބުނީ މި ޖަލްސާ ފެށޭނީ މިރޭ 20:00 ގައި އޮލިމްޕަހުގައި ކަމަށެވެ. އިންތިޚާބުގެ ރެޖިސްޓްރޭޝަން އޮންނާނީ 20:00 އިން 21:00 އަށް ކަމަށްވެސް އިންތިޚާބީ ކޮމެޓީން ބުނެއެވެ. 21:00 ގެ ފަހުން ރެޖިސްޓްރީ ނުކުރެވޭނެ ކަމަށްވެސް ކޮމެޓީން  ހަނދާންކޮށްދެ އެވެ.

 

އެގްޒެކިއުޓިވް ބޯޑު ހޮވުމަށް ބާއްވާ އާންމު ޖަލްސާ އަށް އެސޯސިއޭޝަންގެ ވީހާވެސް ގިނަ މެންބަރުން ގަޑިއަށް ހާޒިރުވެ ވޯޓުގައި ބައިވެރި ވުމަށް އިންތިޚާބީ ކޮމެޓީގެ ފަރާތުން އެދެއެވެ.

 

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑު ހޮވުމަށް ބާއްވާ އިންތިހާބް ކުރިއަށްގެންދަނީ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އާއި ކަޅުއޮށް ނަސީރެވެ.

 

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މިފަހަރު ކުރިމަތިލާފައިވަނީ އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

 

ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ދައުރުވި ހަމަވި ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.

 

އަަލަށް ހޮވާ ބޯޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ މަޝްހޫރު އެކްޓަރު ޔޫސުފު ޝަފީއު (ޔޫއްޕެ) އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ޔޫއްޕެ އަށް ވަނީ އެ މަގާމު ކަށަވަރުވެފަ އެވެ.

 

ޚަޒާންދާރުގެ މަގާމަށް ކުރިމަތިލައިފައިވަނީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާއި އިބްރާހީމް ރިޔާޒް (ރިޔާ) އެވެ. ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިތިބީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.