ޑިއުޓީއަށް އިޒުވާނަށް އާދެވުނީވެސް ގަޑިޖެހިގެންނެވެ. ބާރުހިނގުމެއްގައި ގޮސް ކާޑް މެޝިންކައިރިއަށްގޮސް ކާޑު ޖެހުމަށްފަހު އަވަސް އަވަހަށް ހިނގައިގަތީ މީހުންފުރާ ދޮރާއި ދިމާއަށެވެ. ނަމަވެސް އިޒުވާނުގެ ނަޒަރު ހުއްޓުނީ ޕިއްޒާ ކޮންމެނީ އިން ނުކުމެގެނެދިޔަ ޒީނާ ފެނުމުންނެވެ. އެ ދިމާލަށް ދާން ހިނގައިގަތީ ޒީނާއާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކުރެވުނު ކަންތައްކަށް މައާފަށް އެދެން އިޒުވާނު ހުރީ ބޭނުން ވެފައެވެ. ފަޔަށް ބާރު ލާފައި އިޒުވާނަށް ދެވުނީ ވަކި ހިސާބަކަށެވެ. މީހެއްގައިގައި ލައިގަތެވެ. އިޒުވާނު ބިޔަވެފައި ޖާނުން ވަރުގަދަ ކަމުން އިޒުވާނަށް ސަލާމަތް ވެވުނެވެ. ނަމަވެސް އޭނަގެ ލޯ ހުއްޓިފައި ހުރީ ޒީނާއަށެވެ.
“ތަދުވެއްޖެ..”އަންހެންކުއްޖެއްގެ އަޑު ކޮންމެވެސް ދިމާލަކުން އައިހެން ހީވެގެން އިޒުވާނު ދެކޮޅު ބަލާއިލިއެވެ. މީހަކުފެންނަ ނެތުމުން ޒީނާ ފެނޭތޯ އަނެއްކާވެސް ނަޒަރު ހިންގާލިއެވެ. އެވަގުތު އަންހެން ކުއްޖަކު ބިންމަތީގައި އެކުއްޖާ ގެންގުޅު އަތްދަބަހާއި ޕާސްޕޯޓް ނަގަން އުޅުނުތަން އިޒުވާނުގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެންކުއްޖާ އަޅައިގެން ހުރި ބުރުގާގެ ފޮތިގަނޑުވެސް އޮތީ ރޫޅިފައެވެ.
“ސޮރީ” އޭ ބުނެލަމުން އިޒުވާން އޭނަގެ އަތްދިއްކޮށްލިއެވެ. ނަމަވެސް އަތުގައި ހިފުމުގެ ބަދަލުގައި އެކުއްޖާ އަމިއްލައަށް ތެދުވަން އުޅުނެވެ. ގަސްތުގައި އިޒުވާނުގެ އަތުގައި ހިފަން އެކުއްޖާ އިންކާރުކުރިއެވެ. ބުރުގާ ފޮތިގަނޑު ރީތިކޮށްލަމުން ނުރުހުމުގެ ނަޒަރަކުން އެ އަންހެން ކުއްޖާ އިޒުވާނަށް ބަލައިލިއެވެ. އަވަސް އަވަހަށް ތެދުވަމުން އޭނަލައިގެން ހުރި ޖީންސް ފޮޅާލިއެވެ. އޭނަ ލައިގެން ހުރީ ތަންތަނުން ރޮދި ކޮށިފައިވާ ފަޔަށް ބާރު މިޒަމާނުގެ ޖީންސެކެވެ. ލައިގެން ހުރި ގަޔަށްބާރު ޓޮޕުކޮޅުގެ ބޭރުން ދޫ ޖެކެޓެއްވަނީ ގަޔަށް ހެޔޮވަރުކޮށްލާފައެވެ. ލައިގެން ހުރި ޖެކެޓް ރީތިކޮށްލަމުން އެ ކުއްޖާ އިޒުވާނުގެ މޫނަށް ބަލައިލަމުން ތުން އަނބުރާލަމުން ލޮލަށް ވައްތަރު ތަކެއް ޖައްސާލިއެވެ.
ދެވަނަ ފަހަރަށް އިޒުވާނުގެ މޫނަށް އެކުއްޖާއަށް ބަލައިލެވުނެވެ. އެކުއްޖާގެ އެހުރިހާ ހަރަކާތްތަކަށް އިޒުވާނަށް ގެއްލިފައި ހުރެވުނެވެ. އިޒުވާނު ފެނުމުން ވީ ގޮތެއްވެސް ނޭންގުނެވެ. ބަސްހުއްޓިފައި އެ ކުއްޖާއަށް ބަލަން ހުރެވުނެވެ. އިޒުވާނުގެ ބިޔަ ހަށިގަނޑާއި ހެޔޮވަރުގެ ދިގު އިސްކޮޅަށް އެކުއްޖާގެ ހިތްލެބިގެން ދިޔައެވެ. އަޅައިގެން ހުރި ބުރުގާގެ ފޮތިގަނޑު ކޮނޑަށް އެއްލި އިރުވެސް ހީވަނީ މަޑު މިއުޒިކީރާގެއްގައި އެއްލާލި ހެންނެވެ. އެކުއްޖާއަށްވެސް އިޒުވާނު ފެނިފައި އަންތަރީސް ކުރުވައިފިއެވެ. ދުލުގައި ގޮށްޖެހި ނަޒަރު ގޮސް އެދިމާއާށް ހުއްޓުނުގޮތަށް ހުރެވުނީއެވެ.
“މާތްކަލާކޯ ރީތި ފިރިހެނެއް” އެކުއްޖާގެ ހިތްބުނަމުން ދިޔައެވެ.
“ސޮރީ ވަރަށް ބޮޑަށް.. އައްސު މަގޭ ކުށް”؟ އިޒުވާން ވާހަކަ ދައްކަން ފެށުމުން އެ ކުއްޖާއަށް އިޒުވާނަށްޓަކައި ހިތްލެބިގެން ދިޔައެވެ. ހިތްގައިމު އަޑެއްތާއެވެ. އޭރުވެސް އެކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ އިޒުވާނަށެވެ. އެހާވަރަށް ބަލަން ހުރުމުން އިޒުވާން ތުނބުން އަޑެއް ލައްވާލިއެވެ. ސިހިފައި އެ ކުއްޖާ ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ.
“ސޮރީ” އެކުއްޖާގެ އަޑުގައި ޅަގޮތެއް ހުއްޓެވެ..
“އެއީ އެއްވެސް ކަމެއްނޫން. އެކްޗުއަލީ ސާރާވެސް ޖެހޭނެ ދޯ ބަލައިގެން އުޅެން. ފެރީއަށް ދާން ވެގެން މާ އަވަސް އަރުވާލައިގެން ލިބުނު ލަނޑު. އައި ހޭވް ޓު ސޭ ސޮރީ..” ސާރާވެސް މަޢާފަށް އެދުނެވެ. އަވަސް އަވަހަށްފޮށިއަތަށް ނަގައިގެން ސާރާވެސް ބެލީ ފެރީއަށް ދެވޭތޯއެވެ. ދުވަމުން ތެޅެމުން ސާރާ ދުއްވައިގަތެވެ. ސާރާ ދިއުމުން އިޒުވާނު ވެސް ޒީނާ ފެނޭތޯ ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ފެންނާކަށް ނެތެވެ.
ޒީނާ ފެންނަން ނެތުމުން މާޔޫސްވެ ހުރެ އިޒުވާން ހިނގައިގަތީ މީހުން ފުރާ ދޮރާއްޓާއި ދިމާއަށެވެ. އެވަގުތު ބިންމަތީގައި އޮތް ސާރާގެ ވޮލެޓް ލޮލުގައި އަޅައިގަތެވެ. ގުދުވެލާފައި ބިންމަތިން އެ ނެގުމަށްފަހު ސާރާ ފެނޭތޯ ފެރީ ފުރާދިމާއަށް ބަލާލެވުނެވެ. އޭރު ސާރާގޮސް ފެރީއަށް އަރަނީއެވެ. ވޮލެޓް ނެތިސް ސާރާ ޓިކެޓް ގަތީ ކިހިނެއްކަންމާމެދު އިޒުވާނަށް ވިސްނާލެވުނެވެ. އެވަގުތު ސާރާގެ އަތުގައި ލާރި ހުރީކަމަށްވެސް ވެދާނެއެވެ. ގަޑި ޖެހިގެން އެތަށްއިރެއް ވީއެވެ. އިޒުވާނު އަވަސް އަވަހަށް ފުރާ މީހުންގެ ދޮރާށިން އެތެރެއަށް ވަނެވެ.
ސާރާއަށް ގެއަށް އާދެވުނު އިރު އޭނަގެ މަންމަ ކޮންމެސް ކާއެއްޗެއް ހެދުމުގައި މަސްއޫލުވެ އުޅުނެވެ. އެޕާރޓްމަންޓަށް ނަޒަރު ހިންގާލުމުން އެ އާއިލާ އަކީ ތަނަވަސް ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން ހާމަވެގެން ދާނެއެވެ. ހަތަރު ރޫމުގެ އެޕާރޓްމަންޓްގައި ބަހައްޓާފައިވާ ކަޅުކުލައިގެ ބޮޑު ސޯފާސެޓުގެ މެދުގައި ހުރި ބިއްލޫރި މޭޒުމަތީގައި ރީތި މާޓްކުރީގައި މާތަކެއް ޖަހާފައި ހުއްޓެވެ. ސޯފާ ސެޓްގެ ދެފަރާތުގައި ޒީނަތްތެރި ކުރުމަށް ޤުދުރަތީ ގަސްތަކެއް އިންދާފައި ހުއްޓެވެ. 42 އިންޗީގެ ބޮޑު ޓީވީ އެއް ބަހައްޓާފައި ހުރި އިރު ޓީވީ ރެކްގެ ދެފަރާތުގައި ސާރާއާއި އޭނަގެ އެއްބަނޑު އެއްބަފާ ބޭބެށް މަދަރުސީ ދައުރުގައި ލިބިފައިވާ ހަނދާނީ ފިލާތަކައި ޓްރޮފީތައް ތަރުތީބުން އަތުރާލާފައި ހުއްޓެވެ. އާއިލާގެ އެކި ދުވަސްވަރުގެ ތަސްވީރުތައް ފާރުގެ އެކި ހިސާބުތަކުގައި ހަރުކޮށްފައި ހުއްޓެވެ.
ސާރާ އައިސް ވަތްތަން ފެނުމާއެކު އޭނަގެ މަންމަ ޖީހާން ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު އުފަލުން އައިސް ސާރާގެ ގައިގައި އޮޅުލައިގަތެވެ.
“މަގޭ ދަރިފުޅު. އަންގާވެސްނުލާ ތި އައީ. މަންމައަށް ހީވިޔޭ ދަރިފުޅު މިއަދު އަންނާނެޔޭ. ދޮންބެ ވެސް ބުނި ސާރާ މިރޭ ނޫނީ މާދަމާއޭ އަންނާނީ. މަންމަ ހިތްވަރަށް ސީދާވާނެ. ނިކަން ބަލާބަލަ ދޮގުހަދާފަ އައިސް މިހުރީ އެންނު” ސާރާ ފެނިފައި އޭނަގެ މަންމަ ޖީހާން އައިސް އުޅެން ފެށިގޮތުން މައިވަންތަ ކަމުގެ ލޯބި ހާމަ ވެގެން ދިޔައެވެ.
“އޮ ޕްލީޒް މަންމާ. އަޅެދެން ތިހާ ހެޕީ ނުވެބަ. ސާރާ ފެނިފަ މަންމަ މޮޔަވީތަ؟” ޖީހާން އުޅެން ފެށިގޮތުން ސާރާ އަށްވެސް ހެވުނެވެ. ސާރާވެސް ހުރީ ދުވަސްގަނޑަކަށްފަހު މަންމަ ފެނުމުން އުފާވެފައެވެ.
“ކޮން ޕްލީޒް އެއް ބްލީޒް އެއް ކިޔާކަށް. ސިންގަޕޫރުގައި 3 އަހަރު ކޮށްފައި އައިސް މާ ފަރަންޖީ ވާނެކަމެއް ނެތް. ފަރަންޖީ ބަހުން ވާހަކަ ދެއްކިއަސް މަންމަ އަށް ނޭންގޭނެ ތިކިޔަނީ ކީކޭކަމެއްވެސް.”ޖީހާންގެ ވާހަކަ ހުރިގޮތުން އަނެއްކާވެސް ސާރާއަށް ހެވުނެވެ.
“އަޅެ މަންމާ. ދޮންބެއާއި ބައްޕަ ކޮބާތަ؟ ގޭގަ ނޫޅެނީތަ؟ ކާ އެއްޗެއްވެސް ނެތްތަ؟’ ސާރާ ވަރަށް ލޯބިން ސުވާލުކުރަމުން ދިޔައެވެ. ޖީހާން އޭނަގެ ދަރިފުޅު އަތުގައި ހިފައިގެން ގެނެސް މާޒުކައިރީގައި ބޭންދިއެވެ. މޭޒުމަތީގައި ތަފާތުގެ މޭވާ އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. ސާރާ އެއަށް ނަޒަރު ހިންގާލަމުން އޭނަގެ މަންމައަށް ބަލައިލައެވެ. ގޭގައި ހަދާފައި ހުރި ހުރިހާ ކާއެއްޗެއް ގެނެސް މޭޒުމަތީގައި އަތުރާލަމުން ސާރާގެ މޫނަށް ޖީހާނު ބަލައިލައެވެ. ހަނޑުލުގުޅަޔާއި ކަވާބައި ދެވަތައްތަރެއްގެ ފޮނި ބޯކިބާތަކެއް ތައްތަކަށް އަލާފައި ސާރާގެ ކުރިމަތީގައި ބެހެއްޓިއެވެ. ޖީހާން ލޯބިން ފުރިގެންވާ މައިވަންތަ ބެލުމަކުން ސާރާއަށް ބަލަން ހުއްޓެވެ.
އަވަސް އަވަހަށް ސާރާ ކާންފެށިއެވެ. ސާރާގެ ހަރަކާތްތަކަށް ގެއްލިގައި ޖީހާނަށް ހުރެވުނެވެ. ދުވަސްގަނޑަކަށްފަހު މަންމަގެ އަތުން މީރުކޮށް ބަނޑުފުރައި ކެވުނީތީ ސާރާއަށް ލިބުނު އުފާ އިންތިހާއަށް ލިބިގެންދިޔައެވެ. ކައި ނިމިގެން ސާރާ ގޮނޑީގައި ހަމަޖެހިލަމުން އަތްދަމާލަމުން ހަށިގަނޑު ވެސް ދަމާލިއެވެ. ދެފަރާތަށް ބޯ އަރިކޮށްލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“މަންމަ އަތުން މީރު ކާއެއްޗެއް މި ލިބުނީ ތިން އަހަރު ފަހުން. ހާދަ ދުވަހެއް ފަހުންނޭ. މަންމަ ދެކެ ސާރާ އަބަދުވެސް ލޯބިވޭ..” ސާރާ ގޮޑިން ތެދުވެގެން އައިސް އޭނަގެ މަންމަ ގައިގައި އޮޅުލައިގަންނަމުން ކޮލަށް ދޮނެއްވެސް ދިނެވެ. ޖީހާން ގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ ސާރާ ހިތްހަމަ ޖައްސާލަމުން ދިޔައެވެ. ދުވަސްތަކަށްފަހު މަންމަގެ ހަށިގަނޑުގައި ބީހިލުމަށް އެދި އެދި ހުރުމުން ސާރާ އޭނަގެ މަންމަގައިން ވީއްލިގެން ދާކަށް ބޭނުމެއް ނުވިއެވެ.
“ދަރިފުޅު ދެންދޭ އަރާމްކޮށްލަން.. ދޮންބެ ވެސް އަންނާނެ އިރުކޮޅަކުން. ދަރިފުޅުދޭބަލަ އަރާމްކޮށްލަން..” ޖީހާން ލޯތްބާއި އޯގާތެރިކަމާއެކު ސާރާގެ ކޯތާފަތުގައި ފިރުމާލިއެވެ. މަޔަކު ދަރިޔަކު ދެކެ ވާ ލޯތްބާއި ކުލުނު އެދެމައިންގެ އަމަލުތަކުން ހާމަވެގެން ދާނެއެވެ. ސާރާ އޭނަގެ މަންމަ ކޮލަށް ބޮސްދެމުން ގައިގައި އޮޅުލައިގަތެވެ. ސާރާ ރަކި ހިނިތުންވުމަކާއެކު ގޮސް ކޮޓަރިއަށްވަނެވެ. ސާރާ ދިއުމުން ޖީހާން އަވަސްވެގަތީ މޭޒުމަތި ސާފުކުރުމުގައެވެ.
***
ޑިއުޓީ ނިންމާލުމަށްފަހު އިޒުވާނުވެސް ގެއަށް އައީ ދަންވަރު ބާރަވެސް ޖަހާ ބޮޑުވިފަހުންނެވެ. ފެންވަރާލައިގެން އެނދުގައި ޖައްސާލިއެވެ. ލައިގެން ހުރި ކުރު ސޯޓް ރީތިކޮށްލަމުން ޓީވީ ހުޅުވާލަން ރިމޯޓް ނެގިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބާއްވާފައި އޮތް ސާރާގެ ވޮލެޓަށެވެ. ވޮލެޓަށް ބަލާލުމާއެކު ސާރާގެ ސޫރަ ސިފަވެގެން ދިޔައެވެ. އަވަސް އަވަހަށް ވޮލެޓް ނަގާ ވޮލެޓް ހުޅުވާލިއެވެ. ވޮލެޓްތެރޭގައި ސިންގަޕޫރުގެ ޑޮލަރުތަކާއި ފުދޭވަރަކަށް އެމެރިކާ ޔޫއެސް ޑޮލަރުވެސް ހުއްޓެވެ. އެއަށްވުރެ ބޮޑަށް އިޒުވާނުގެ ލޮލުގައި އަޅައިގަތީ ސާރާގެ ޕާސްޕޯޓް ސައިޒު ފޮޓޯއަށެވެ. އެ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެ ފޮޓޯ ވޮލެޓުން ނެގުމަށްފަހު ފޮޓޯއަށް ރަނގަޅަށް ނަޒަރުކަހައިލިއެވެ.
ސާރާގެ އެހެން ފޮޓޯއަށް އިޒުވާނުގެ ނަޒަރު ހުއްޓުނެވެ. ސާރާއަކީ ހިމަތޮޅި ރީތި ކުއްޖެކެވެ. ޒަމާނީ ބުރުގާ، ދިވެހިން ބުނާގޮތުންނަމަ ފެޝަން ބުރުގާއަށް ލޯބިކުރާ ކުއްޖެއްކަން އެ ފޮޓޯއިންވެސް ފެންނަން ހުއްޓެވެ. ސާރާގެ އެންމެ އަޅައިގަންނަ އެއް ސިފައަކީ ބުރުގާ އަޅާފައިހުންނަ އަރަބި ގޮތްގަނޑެވެ. އިޒުވާނު އެ ފޮޓޯއަށް ބަލަން އިން ގޮތުން ސާރާއަށް ހިތްކިޔާކަހަލަ ގޮތެއް ހުރިކަން ފާހަގަ ކުރެވުނެވެ. ސާރާގެ އެ ތަސްވީރަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭންގުނެވެ. ސާރާގެ އައިޑީ ކާޑަށް އިޒުވާނުގެ ނަޒަރު ހުއްޓުނީ އެ ފޮޓޯއަށް ބަލަން އިރުގަނޑަކު އިނުމަށްފަހުގައެވެ. އެ ނަގައި ރަނގަޅަށް އެއަށް ކަޅި ހިންގާލިއެވެ.
***
އެކަނިވެއްޖެއްޔާ ޒީނާގެ ކަމަކީ އިޒުވާނުގެ މަތިން ހަނދާންކުރުމެވެ. ލޯބިވެވުނު އެ ސޫރަ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ޒީނާއަށް ރޮވޭގޮތްވިއެވެ. ބާލިސް ނަގައި މޫނުމަތީގައި އަޅައި މޫނު ނިވާކޮށްލިއެވެ. ދުވަހަކުވެސް އިޒުވާނުގެ މަތިން ހަނދާންކުރަން ޒީނާ ބޭނުމެއް ނުވިއެވެ. އެ ލޯބީގައި ހުޅުކޮޅު ދިއްލާލެވެންވެސް ނެތެވެ. ހިތްހަމަ ޖެހުނަސް، ރޮވުނަސް، އުފާވިއަސް އިޒުވާނަކީ އޭނަގެ ދިރިހުރުންފަދައެވެ. ފެންފޮދަކަށްވުރެ އިޒުވާނަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ވެގެން ދިޔައެވެ. އެ ލޯބި އޭނަގެ ހިތުން ފޮހެލެވޭތޯ މަސައްކަތް ކުރަން އުޅުނަސް އިތުރަށް އެ ހަނދާންތައް ޒީނާއަށް އުނދަގޫ ކުރަމުންދިޔައެވެ. ޒީނާގެ ހިތާއި ޖާނު ފިސްވަމުން ދިޔައެވެ. އިޒުވާނަށް އިންތިޒާރު ކުރިއަސް ކުރެވެނީ ބޭކާރުކަމެކެވެ. އިޒުވާން ދެކެ ލޯބިވުން އެއީ އަމިއްލަ. ޢިޙްތިޔާރުން ބޭރުން ވީ ކަމެކެވެ. ލޯތްބަކީ ވާއެއްޗެއް ނަމަ ޒީނާ މިއަދު އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ. އިޒުވާނާއި ދޭތެރޭ ވިސްނަން އޮއްވަ ޒީނާއަށް ނިދުނެވެ.
ޒީނާއަށް ހޭލެވުނީ މެންދުރުވާން ކައިރިވެފައި ހުއްޓައެވެ. އެނދުން ތެދުވެގެން ގޮސް ޗާރޖަރަށް ޖަހާފައި އޮތް ފޯނަށް ބަލައިލިއެވެ. ފޯނު އޮތީ ޑްރެސިންޓޭބަލް މަތީގައެވެ. ފޯނު ފެނުމާއެކު ކުއްލިއަކަށް ހައުލާ މަތިން ހަނދާންވިއެވެ. ދުވަހަކީ އޮފްދުވަސްކަން ހަނދާންވީ ދެނެވެ. ފާހަނާއަށް ވަނުމުގެ ހައުލާއަށް ގުޅަން ފޯނުގެ ކޮންޓެކްޓް ލިސްޓް ހާވާލިއެވެ. ހައުލާ ގެ ނަމްބަރު ފެނުމާއެކު ޒީނާ އެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ދެ ފަހަރަކު ރިންގްވުމާއެކު ފޯނަށް ހައުލާ ޖަވާބުދިނެވެ.
“ހޭ ހައު… އިޓްސް މީ ޒީ..” ޒީނާ އިނގިރޭސި ބަހުން ތަޢާރަފް ވެލިއެވެ.
“އިޓްސް ޒީ އޭ ކިޔާނެ ކަމެއްނެތް. ގުޅަން ބުނި މީހާ އަދިކިރިޔާ ގުޅަން އެނގުނީ. ހަނދާންވެއްޖެ ދޯ.” ޒީނާކަން އެނގުމުން ހައުލާގެ ޝަކުވާބޮނޑި އޮއްސާލިއެވެ. ޒީނާ ލޯގަނޑަށް ބަލަންހުރެ ބޯކަހާލިއެވެ. ފޯނުހިފައިގެން އައިސް އެނދުގައި އިށީނަމުން ވާހަކަ ދައްކަން ފެށިއެވެ.
“އަސްލު ވީ ގޮތަކީ އެދުވަސްކޮޅު ތަންކޮޅެއް ބިޒީވީ.. ހަވީރު އާދެބަލަ މިގެއަށް އެއްޗެއް ކާލަން..” އެދުގައި އިނދެ ދެފައިވައްކޮލަމުން އަންނަވިތަނާއި ހުރިހާމައުލޫމާތެއް ހައުލާއަށް ކިޔައިދެމުން ދިޔައެވެ. ފޯނުގައި ދެމީހުން ފުދޭވަރެއްގެ ވަގުތުކޮޅެއް ވާހަކައިގަ ހޭދަވެގެން ދިޔައެވެ. ފޯނު ބޭއްވުމަށްފަހު ތުވާލި ހިފައިގެން ގޮސް ޒީނާ ފާހަނާއަށް ވަނެވެ.
***
“ޒުޒުއަށް ހީވޭތަ އެ އިޒުވާން ޗޭންޖުވާނެހެން. އައްސު ހާދަ ސުންޕާ އިންސާނެކޭ އެއީ. މަށަށް ވެގެން ވަންޏާ ލާހިކެއްނޫން ހަމަޖެހިލައިގެން ދިރިއުޅޭކަށް. ހަމަ އަންހެންކުޅިގަނޑު ބޮޑީ..” ހައުލާ ވާހަކަ ދައްކަމުން ދިޔައީ އޭނަގެ ބެސްޓްފްރެންޑް ޒުހުރީގާތުގައެވެ. އެ ދެމީހުންތިބީ ހުޅުމާލެ ޕޮއިންޓް އިން ރެސްޓޯރަންޓް އަތިރިމަތީ ސަރަހައްދުގައި ހުރި މޭޒެއްކައިރީގައި ކޮފީބޯށެވެ. ހަވީރުވާން ކައިރިވެފައިވުމުން އެ ހިސާބުގައި އެކި އުމުރުފުރާތަކުގެ މީހުން ކޮފީބޯން އައިސް ތިއްބެވެ. އޭރު ހައުލާގެ އަތުގައި ކެމަލް ލައިޓް ސިނގިރޭޓެއްވެސް ރޯކޮށްފައި އޮތެވެ. މެދު އިންގިއްޔާއި ޝަހާދަތް އިނގިލީގެ މެދަށް ސިނގިރޭޓް ހެޔޮވަރު ކޮށްލާފައި އޮތްއިރު އޭގެ ދުންތައް ވަޔާއި އެއްކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. ޒުހުރީވެސް ކޮފީތަށިން ކޮފީ ކޯވަރެއް ދަމާލަމުން އޭނަގެ އަތުގައި އޮތް ސިނގިރޭޓް ދަމާލަމުން ދުންތައް ފޮނުވާލައެވެ.
“ހައު އަށް ކަމެއް ކުރަން ނުކެރެނީ. އެބީތާ އުޅޭގޮތް އެނގިހުރެ ކީއްކުރަން ތިހާ ދުވަސް ވަންދެން ތި ތެޅުނީ. މިހާރު ވެސް ހައު އެންމެ ފަހަރަކު މައެ ގާތު ބުނަން ޖެހޭނީ. އެ ނަގ** ފުޑާލާނަން..” ޒުހުރީގެ ބަސްމަގު ހުރީ އެންމެ މިޒަމާނުގެ ޒުވާނުންގެ ބަސްމަގު ބޭނުންކުރާ ހުތުރު ގޮތަކަށެވެ. ވާހަކަ ދެއްކުމުގެ ރާގާއި އަމަލުތަކުންވެސް މީހަކު ބިރުގަންނަ ކަހަލަ ސިފަތަކެއް ޒުހުރީގެ ކިބައިން ފެންނަން ހުއްޓެވެ.
ޒުހުރީއަށް ބަލާލުމުންވެސް އޭނައަކީ ޒަމާނީ ވައްޓަފާޅިއަށް ލޯބިކުރާ ޒުވާނެކަން ވާހަކަދެއްކުމުގެ ރާގުންވެސް އެނުންވާނެވެ. އޭނަގެ ވަރުގަދަ ގޮނޑު ބުޅި އިސްތަށިގަނޑުވަނީ ކުޅަނދުރު ހަތައެއްފަދައިން ހާވާލެވިފައެވެ. ދެ ކަންފަތުގެ ތިން ތަނަކުން ތޮރުފައި އެތަންތަނުގައި ބޮޅުތަކެއް އެލުވާފައި ހުއްޓެވެ. އޭނަގެ ވަރުގަދަ ތުންބުޅި ވަނީ މެޔާހަމައަށް ތަރުތީބެއްނެތި ހާވާލެވިފައެވެ. މަތިމަހެކޭ ބަޅުކޮށްއޮންނަ ހިތިފަތެކޭ އެއްވަރެވެ. ކަނާތު ބުމައިގެ އެއްފަރާތަށް ތޫނު އެއްޗެއް ވައްދާލައިފައި ހުއްޓެވެ. އަތުގެ އިނގިލިތަކުގައި ބޮޑެތި ހިލަ ކޮޅުކޮޅު ހުރިހެން ހުރި އަނގޮޓިތަކުން އިނގިލިތަށް އޮތީ ފުރިފައެވެ. ދެ އަތާއި ކަރުގައި ބޮޑެތި ޗެންޗޭނުވަރުގެ އަތުގަ އަޅާއެއްޗެއްސާއި ފަށްތަކެއް އަޅާފައި އޮތެވެ. އަޅަން ގެންގުޅޭ ރޭބަން އައިނު އިނީ ބޮލަށް ހެޔޮވަރުކޮށްލާފައެވެ. ލައިގެން އިން ކަޅު އަތްދިގު ގަމީސް އިތުރު ދެމީހަކަށް ލެވޭވަރުވާނެއެވެ. އެވެސް ހުރީ ގަޔަށް އެހާ ދޫކޮށް މަހާލެވިފައެވެ. ލައިގެން ހުރި ޖީންސްގެ ދިމަދިމާލުން ރޮދިކޮށިފައި ހުއްޓެވެ. ހީވަނީ މީހަކު ނުލާންވެގެން ކަފާލާފައި ހުރި އެއްޗެއްހެންނެވެ. ނަމަވެސް އެއީ މިޒަމާނުގެ ޖީލުތަކަށް ކަމުދާ ޑިޒައިންތަކުގެ އަންނައުނު ހުންނަ ގޮތްތަކެވެ.
“ޒުޒު ބަލަން ހުރޭ. ހައުލާ އަކީ ކާކުކަން އޭނައަށް ޙިޔާލުވެސް ކޮށްނުލެވޭނެ. މި ހައުލާ އަކީ ވިހަގަދަ ހަރުފައެއްކަން ދައްކާލާނަން. ތެދަށް ބުނަންޏާ އެއީ ހަމަ އަމިއްލައަށް ހަލާކުވާނެ ފުރޭތައެއް..” ހައުލާގެ ބަސްމަގުވެސް ހުރީ ހުތުރުގޮތަކަށެވެ. ސިނގިރޭޓް ބިންމައްޗަށް ވައްޓާލަމުން ހައުލާ ވެއިޓަރު މީހާއަށް އިޝާރާތް ކޮށްލިއެވެ. އަނެއްކާވެސް މޭޒުމަތީގައި އޮތް ސިނގިރޭޓް ފޮށިނެގުމަށްފަހު ސިނގިރޭޓެއް ނަގައި ރޯކޮށްލިއެވެ. ހައުލާގެ އަމަލުތަކަކީ އަންހެން ކުއްޖަކާއި ނުގުޅޭ ކަޓް ގޮތްތަކެއް ކަމަށް މުޖުތަމަޢު ގަބޫލުކުރާނެއެވެ. ހައުލާއަކީ މިހާރު މިއުޅޭ އަންހެންކުދިންވެސް އުޅޭ ވިޔާނުދާ އުޅުމުގެ މިސާލެކޭ ބުނުމަކީ ދޮގަކަށް ނުވާނެތާއެވެ. އެހެނަސް ޒަމާނަށް އަންނަ ބަދަލާއެކު އަންހެންކުދިންގެ އުޅުމަށްވެސް މިހާރު ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ލޯ ހުޅުވެފައިވާ ދުނިޔެއިން އެކަމުގެ ހެކި ފެންނަމުން ދަނީ ހަލުވިކަމާއެކުގައެވެ.
“އެޅ ހީކުރީ ފުއްޕާފަ އެހެން އުޅެވޭނެކަމަށް. ޒުޒުއަށް އެނގޭތަ މަ ހަށީގަ ހޭ ހުރިހާ ހިނދަކު ލާހިކެއްނޫން ހަމަޔަކަށް ފިޔަވަޅެއް އަޅާކަށް. މިހާރު އެހެން ވެލާފަ އުޅެން ދޫކޮށްލާ. ވަގުތު އައިސް ޖެހުނީމަ ހަމަ އަނދާނެ..” ހައުލާ ސިނގިރޭޓް ދަމާލުމަށްފަހު ޒާތަކަށް ދުންތައް ފޮނުވާލަމުން ބުންޏެވެ.
“ތިއެއް ދެން ނޭންގޭ. ހައު ތި ހުންނިނީ އިޒޭ ތެޅޭނެވައްތަރެއް ތެޅެން ދޫކޮށްލައިގެން. މަމީ ހައުނަމަ އެބީތާ ފުޑާލާނަން. ހުވާ ނިމުނީ..” ޒުހުރީ އޭނަގެ ބޮލުގައި އިން އައިނުނަގާ މޭޒުމަތީގައި ބާއްވަމުން މަތިމަހާއި ކުޅެލިއެވެ. ރިތިކޮށް ތުނބުޅިއާކުޅެލަމުން ލާނެއް ޒާތަކަށް ހިނިތުންވެލައެވެ. ޒުހުރީއަކީ ފިރިހެންވަންތަ ގޮތެއް ހުރި މިޒަމާނުގެ ޕާޓޭއެކެވެ.
***
އިޒުވާނު ސައިކަލުގައި ދުއްވާލާފައި ބުރިޖުން ނައްޓާލީ މާލެއަށް ދިއުމުށެވެ. ފުލުފުލުން ސައިކަލުތައް ކިޔޫގައި ބުރިޖުމަތިން ދުއްވަމުންދިޔައެވެ. ވަގުތުގެ ގޮތުން ސައިކަލުތަކުގައި ދުއްވާމީހުންގެ އަދަދުވެސް ގިނައެވެ. ދިހަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އިޒުވާނަށްމާލެ ދެވުމާއެކީ ސައިކަލުގައި ބޮޑުތަކުރުފާނު މަގުން ދުއްވާލިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23