މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއަރއަކަށް އެކްޓަރު އަލީ ސީޒަނާއި ވާދަކޮށް ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އިންތިޚާބް ވެއްޖެ އެވެ. ވައިސް ޗެއަރ އަކަށް މުއާ އާއި ވާދަކޮށް އިންތިޚާބްވީ ނިޢުމާ މުޙައްމަދެވެ.

 

ވޯޓްލުމަށް 57 ފަންނާނުން ރެޖިސްޓްރީވެފައިވާއިރު ވޯޓްގައި ބައިވެރިވެފައިވަނީ 55 މެންބަރުންނެވެ. ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އަށް 32 ވޯޓް ލިބިފައިވާއިރު ސީޒަން އަށް ލިބުނީ 23 ވޯޓެވެ. ނިޢުމާ އަށް 51 ވޯޓު ލިބިފައި ވާއިރު މުއާ އަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.

 

ޚަޒާންދާރަކަށް ޖާދުﷲ ހޮވުނީ 40 ވޯޓުންނެވެ. ރިޔާޒަށް ލިބުނީ 13 ވޯޓެވެ. ޚަޒާންދާރުގެ މަގާމަށް ކުރިމަތިލައިފައިވަނީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާއި އިބްރާހީމް ރިޔާޒް (ރިޔާ) އެވެ.

 

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ މަޝްހޫރު އެކްޓަރު ޔޫސުފު ޝަފީއު (ޔޫއްޕެ) އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ޔޫއްޕެ އަށް ވަނީ އެ މަގާމަށް ހޮވިފައެވެ.

 

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑު ހޮވުމަށް ބާއްވާ އިންތިހާބް ކުރިއަށްގެންދަނީ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އާއި ކަޅުއޮށް ނަސީރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.