ދިވެހި ރައްޔިތުން ރާއްޖެއަށް ގެންނެވި އިންޤިލާބެއްގެ ނަތީޖާއެއްގެ ގޮތުން ލިބެމުންދާ ނިއުމަތްތަކުގެ މައްޗަށް މިންނެތް ފަށުން ޝުކުރުއަދާކުރަމެވެ. އާދެ! މިބޮޑު ބަދަލު ރާއްޖެއަށް އައިއިރު ކަންދިމާވިގޮތުން އަޅުގަނޑަކާއި، ރަނގަޅަކަށް ދިމާއެއްނުވިއެވެ. މިހެނީ އެއިރު އަޅުގަނޑު ހުރީ ވުޒާރަތުލް ދާޚިލިއްޔާގެ އެންގެވުމަކަށްގޮސް ލ. އަތޮޅުގެ ވެރިކަންކުރާ ހިތަދޫގައެވެ. އެއިރު އެއަތޮޅުގައި ރަށްވެހިކަމުގެ ކަންތައްހުރީ ވަރަށްމަތީ ދަރަޖަ އަކަށް ހިނގަހިނގައެވެ. ޒަނާނުއްސުރެ މީހުން އުޅެމުން އައި، ބައެއް ރަށްރަށްވަނީ ފަޅުވެ ވީރާނާވެފައެވެ. ވިހާ މަސްވަޅުލީ ލޮބުވެތިވަޒަނާއި މައިންބަފައިންގެ ކިބައިން ވާރުތަވީ ގެދޮރާއި ދަނޑު ފަނގު ދޫކޮށް އަނެއްބައެއްގެ ރަށަށް މަޖުބޫރުން ނަޤްލުވި މީސްތަކުން ތިބީ ވަރަށްވެސް ހިތްދަތި ހާލެއްގައެވެ. ގެދޮރުހުރީ މަހަށްދާ މީހުންގެ ބަނޑަހަ ފަދައިންނެވެ. ރާނައި ޓިނު ޖެހިގެގޭގޭ ބަދަލުގައި ހުރީ ބިމަށް މުޑިޖަހައި އަޅާފައި ހުރި ގޭގެއެވެ. ހިނައި ތާހިރުވެ ކައްކައި ކައިބޮއި އުޅެން ފެންނަގާ ވަޅުތައްހުރީ ބޮނބިއަޅާން ކޮނެފާހުންނަ އޮޅުތަކެއް ފަދައިންނެވެ. ގޭގޭ ދޮރުން ނުކުމެގެން ހިގަންޖެހެނީ ކަނޑާ ތިރި ކޮށްފައި ހުރި އެތަކެއްރުއްގުޅި ގިރާ ކޮށްފައެވެ. މެދުގޯތިތައްވަނީ އަޑިގުޑަންވެ ވާވެފައެވެ. ހިގާން ޖެހެނީ ކެނޑި ރުއްތަކުގެ ބުޑުތައްމަތިންނެވެ. މުރާލި މީހުންގެ ގޮވަތި، ތަކުގައި ހައްދާފައިހުރި ފަތްކެޔޮ އަލަ ކައްޓަލަފަދަ ކާބޯތަކެތީގެ ބަދަލުގައި މިހާރު ހުރީ މައްސާގު ގަހާއި، މާބުޅާގަހެވެ. ހިފާގެންގުޅޭ ތަކެތިވަނީ ތަރުތީބުނެތްގޮތެއްގައި އެތަން މިތަނަށް އުކާލެވިފައެވެ. ރަށްރަށުގެ ވަލުތެރެތައް ވަނީ ކަޑައި އުކާފާހުރި ރުއްގުޅި ތަކުންނާއި، ބަބުކެޔޮގުޅިތަކުން ފުރިފައެވެ. އެތަކެތި ފީވުމުގެ ސަބަބުން ނުހަނު ގިނަ ރުއްމަޑިތައްވަނީ އުފެދިފައެވެ. ނަމަވެސް ޒީނަތްތެރިކަން ވަރަށް ބޮޑެވެ.

ކޮންމެ ރަށެއްގެވެސް، އެންމެ ވާބޯ އަދި ކާބޯތަކެތިގިނަ ތަނުން ބޯޅަދަޑާއި އަދި ބަށިކޯޓުވަނީ ހަދާފައެވެ. ހިތަދޫގެ ބޯޅަދަނޑުގެ ވަށައި (637) ރިއަން ހުއްޓެވެ. އެއީވެސް ކުރީގައި ރުކާއި ބަބު ކެޔޮގަހުން ފުރިފައިވާތަނެކެވެ. މިތަނުން ދެ ހިންނަ ގެއްލިފައި ވެއެވެ. ވަރަށް ބޮޑަތި މިސްކިތްތަކާއި އެހެނިހެން ބިނާތައްވެސް ވަނީ (މަހާނަ ގަލުން ނަމަވެސް) ރާނާން ފެށިފައެވެ. މަގުތަކުގެ ފާރުތައްވެސް ވަނީ ހިސާބަކަށް ރޭނިފައެވެ. ކޮންމެ ރަށެއްގައިވެސް ގޮނޑުދޮށުގައި ދިގު ފާލަމެއް އޮތެވެ. ނަމަވެސް ގެދޮރުނެތް ކިތަންމެ ބަޔަކު ތިބެއެވެ. ދެފުރާޅު ޖައްސައި އެގޭ ދޮށުގައި އުޅޭ ބަޔަކުވެސް ތިއްބެވެ. އަދި އަރިއަށް ހުރި ފުރާޅު ގަނޑެއްގެ ދަށުގައި އުޅޭ ވަރަށް ބަލިކަށި އަންހެނަކުވެސް ފެނުނެވެ. ރޯދަމަހުގެ ހައުރުކެއުމުގެ ހުއްދަ ލިބެނީ، ދެރުއް ވައްޓައި އެއް ބަބުކެޔޮގަސް ކެނޑީމައި ކަމަށާއި ޅަދަރިމައި އަންހެނުން ކޮއި ގޮވައިގެން ފުއްޓަރަށްގޮސް ފަންގަޑެއްގައި ދަރިފުޅު ބާއްވާފައި ރުއްގުޅި ބުރިކޮށް އުވަވަޅުޖެހުމުގެ މަސައްކަތް ރޭގަނޑުކުރާ ކަމުގައި ޚަބަރު ލިބުނެވެ. ހަމައެފަދައިން ޢިޝާ ނަމާދުކުރި މިސްކިތް ފަތިސްނަމާދަށް އައި އިރު ނެތް ކަމުގައިވެސް ބުނެއެވެ. މީހުންގެ މުރާލިކަން ވަރަށްވެސް ބޮޑެވެ. ކުދީން ވިހައިފައިތިބި އަންހެނުން އުވަގަށައި ގާތަޅައި އަދި ރާނައެވެ. މަހަކަށްފަރަކަށް ދިއުމެއް ނެތެވެ.

މަދަރުސާތައް ވަރަށް ކުރިއަށް ހިގައެވެ. ސިފައިންގެ ކަސްރަތު ވަރަށް ފުރިހަމައަށް އަދާކުރެއެވެ. ޠާލިބާއިންގެ ލަވަކިއުމާއި ބެރުޖެހުމީ އެއް، މާއްދާއެވެ. ރޭގަޑުގައި މިބައިމީހުންގެ (އެންދެރިސަބާ) އޮވެއެވެ. ރަކި ހިނި ހުނުމުގައި ކުރިއަށް ދެވުނު ޠާލިބާއަކީ އިނާމުގެ ޙައްޤުވެރިއެކެވެ. މަދަރުސާގެ ނާޒިރާއި ކަންކަމުގައި މަޝްވަރާކޮށް އުޅެނީ ރޭގަނޑު ދޭއްޖެހުމުގެ ފަހުގައެވެ. ދަނޑިމަސް ހިފައިގެން ދާމީހުންނާއި މިތަނާއި ދިމާވުމުން ކުށްވެރިވެސް ވެއެވެ. ރަށްރަށަށް ލަފާއިރު ގައްޔާއި ފުރާއިރުގައި ގާޑްއޮފްއޮނަރުގެ ބަދަލުގައި ތިބެނީ މަދަރުސާގެ ދެގޮފީގެ ދަރިވަރުންނެވެ. އަތުގައި ހިފާ ސަލާމް ކުރުމަށް ކުރިއަށް ނުކުންނަނީ އަންހެންކުދީންނެވެ. ކުދީންނޭ ދެންނެވިއަކަސް އެއީ ސައުދައަހަރާއި ވިހިއަހަރާއި، ދެމެދުގެ ހިމަ ހޯއްދުމުގެ މަސްޖަހައިފައިތިބި ފުރާވަރުގެ އަންހެނުންނެވެ. މިބައިމީހުން ތިބެނީ ފާސްކުރިހެދުން އަޅައި އިސްރާފްގެ މަގުން ފުށް ޖަހައި ޒީނަތްވެ މަލު އަތަރުން މުއައްޠަރުވެފައެވެ.

މިބައިމީހުން ކަޑަހިނިހީނ އުޅުމާއި އަދި ބައެއް ޙަރަކާތްތަކުން އެޒަމާނުގެ މާލެގޭ ބައެއް އޮފީސް ހަދާންކޮށްދެއެވެ. ވަރަށް ފަޚްރުވެރިކަމާއިއެކު ބައެއް މީހުންގެ ބަހަކީ އަޅުގަނޑުމެން މާލޭގެ މިވެނި އެވެނި މުދައްރިސާއިންގެ އަރިއަހުން އެތަކެއް މަސްދުވަހު ރަށްވެހިކަން ކިއެވި ކަމުގައެވެ. މިމީހުންތިބީ މީހުނާއި އިނުމުން މަޙްރޫމްވެފައެވެ.

ބައެއް މީހުން ތިން އަހަރަށް ހަތަރު އަހަރަށް އަދި ކުރިއަށް ތިބި ބައެއް މީހުން ޚާއްޞަ އަމުރެއް ލިބެންދެން ކައިވެނީގެ އުފަލުން ވަކިވެފައެވެ. ދިހަރޯދަ ޢީދުގެ ތެރޭގައި ކުޅިވަރު ވަރަށް ބޮޑެވެ. ޕިންގް ޕޮންގް، ފުޓްބޯޅަ، ބަށި އަދި މިނޫންވެސް ވަރަށް ގިނަ ކުޅިވަރުތަކުގެ މުބާރާތްއޮތެވެ. އަދި ދަރީން ލިބިފައިވާ އަންހެނުންގެ މައްޗަށް އެކުލެވިފައިވާ ދުވުމުގެ ރޭހެއްވެސް އޮތެވެ.

އަދި ރޭގަނޑުގައި ނާޗަރަންގީ ވަރަށް ފުރިހަމަ ގޮތުގައި އޮވެއެވެ. އަތޮޅުގެ ތެރެއިން އަންހެނުންނާއި ފިރިހެނުން އައިސް ހިތަދު ވާނީ ފުރިފައެވެ. އިހުގައި ރަށްފުށުގެ ބޮޑު މައުލޫދޫ ކިއާ އިރެކޭ އެއްފަދައެވެ. އާދެ! މިގޮތުން އުފަލުގައި ތިބި ބަޔަކުވެސް ތިބުއްވެވެ. ނަމަވެސް އަނެއް ބަޔަކު ތިބީ ހިތާމައިންފުރިއަރައި އަދަބު ބޮޑުކަމުގެ މައްޗަށް ބިރުވެތިވެ ހާސް ވެފައެވެ. ކަމަކާއިމެދު ތުހުމަތުވެއްޖެ މީހާގެ ޙުކުމަކީ އިޢުތިރާފްވާންދެން ތަޢުޒީރުކުރުމެވެ. ޖަލުގެއަށް ލެވިއްޖެ މީހާގެ ކާނާއަކީ އިރަކު ފުރައްދެ އޮޑިއަށް ނުގުނާވަރުގެ ކާށީގެ ކިބައެކެވެ. ގޭގައި ބަންދުވެފައި ތިބިމީހުނާއި ރަށުގައި ބަންދުވެފައި ތިބިމީހުނާއި އަދި މާލެދިއުން މަނާ ވެފައި ތިބިމީހުންތައް މަދެއްނޫނެވެ. އެއްވެސް މީހެއްގެ މިލްކެއް ނެތެވެ. ވިޔަފާރީގައި މިނިވަންކަމެއްނެތެވެ. ރޯނުގެ އަގަށް ހަކުރުގެ އަގަށް ލިބުނު މަތިވެރިކަމެއްނުދެކެއެވެ. ހުރިހައި އެއްޗެއްމެ ޖަމްޢިއްޔާއަށް ވިއްކުމަށްވަނީ މަޖްބޫރުވެފައެވެ. އެއްވެސް ރަށަކަށް އެރަށުގެ ކާޑުގެ ތަކެއްޗެއް ނުގެނެވެއެވެ. ޖަމްޢިއްޔާއަށް ގެނައިމާ ޖެހެނީ ބޮޑު އަގުގައި ގަންނާށެވެ. ވިޔާފާރީގެ ކަންތައްވަރަށް ބޮޑެވެ. ޖަމްޢިއްޔާގެ ފައިސާ ނުހަނު ގިނައެވެ. މަސައްކަތް ވަރަށްވެސް ބޮޑެވެ. ފިހާރާގައި ފޭރާމާއި އެހެނިހެން މުދައު ނުހަނުގިނައެވެ. ނަމަވެސް ލިބެނީ ބޮޑު އަގުގައި ގަންނާށެވެ. މިނޫންގޮތެއްގައި ލިބެނީ ވަރަށް މަދު ބައަކަށެއެވެ. އަޅުއަންހެނާގެ އައުރަ އަށްވާ ހިސާބުވެސް ނިވާ ނުވާ އަންހެނުންވެސް ތިބޫއެވެ. ހަމައެފަދައިން ފަތާ ހެދުމުގެ ޖަގިޔާއިން ނިވާ ވާވަރަށްވުރެ އިތުރަށް ނިވާނުވާ ފިރިހެނުންނާއި ބައްދަލުވިއެވެ. ދަތި ޙާލުގައި ތިބި ނިކަމެތީން އަޅުގަނޑާއި ބައްދަލުކުރަނީ މީހުންގެ އަނބީން ވަގުފިރީންނާއި ބައްދަލުކުރާފަދަ ދަތިގޮތެއްގައެވެ. އަގައިން ބުނެ ވާހަކަދައްކަނީ ދެކޮޅު ހޯދައިބަލާފައި ވަރަށް ބިރުން ތިބެގެންނެވެ.

އަތޮޅުގައި ހުރިހުރިހައި އޮށް ބޮޑު ރުއްތައްހުރީ ޖަމްޢިއްޔާއަށް ހިފިފައެވެ. އެހެން ނަމަވެސް އޭރުގެ ޤަވާޢިދުގެ މަތީން ރުއް އިންދިފައިހުރީ ދެރަށެއްގައެވެ. ޒިކުރުކިއުމާއި ޒިޔާރަތުގައިދުން ބުރުވުން މަނައެވެ. މަޣުރިބު ނަމާދުގެ ވަގުތުގައި ފުޓްބޯޅަކުޅުމާއި ބަންގި އަޑަށްވުރެ އަޑުގަދަކޮށް ހަޅޭލައިފައި ބޯޅަ ކުޅުމީ އާދައެކެވެ. އަދި މިނޫންވެސްބަޔާންނުކުރެވެޭ ފަދަ ރޮނގުރޮނގުން “ރަށްވެހިކަން” ދަނީ ކުރެވެމުންނެވެ. ކަންމިހެންހުރުމުގެ ސަބަބުން އެނިކަމެތީންނަށް ޖެހިފައިވާ އާފަތްތަކުގެމައްޗަށް ހިތާމަކޮށް އެމީހުންގެ މައްޗަށް ހަމްދަރުދީ ވެ އެކަމާ އެހީއެއްވެވޭނޭ ގޮތަކާއިމެދު ވަރަށް ފިކުރުބޮޑުވެ ހިތްދަތި ވެފައި މިޚިޔާލު ބޮޑުވެގެން ބައެއް ރޭރޭގެ ނިދިވެސް މުޅިންނެތިދެއެވެ. ނަމަވެސް ވަގުތުނާންނާތީ ހުރީ އެވެ. އާދެ! ފިދަނަވެސް ލޮނުގަޑު ބޯން ތުންޖެހީ ދިޔަވަރު ހިކެންޖެހިއިރާއި ދިމާކޮށެވެ. މިކަންތައް ފެނުމުން ގިނަގިނައިން ހަދާންވަނީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ޙަދީސްފުޅެކެވެ. އެއީ ވެރިކަން ކާފިރުކަމާއެކުވެސް ދެމިހުރެދާނެއެވެ. އެކަމަކު އަނިޔާވެރިކަމާއެކު ދެމިނުހުންނާނެއެވެ. މި މަޢުނަ އެކުލެވިގެންވާ ޙަދީސްފުޅެވެ.

1372ހ މިވަނަ އަހަރު ޒުލްޙިއްޖާމަހުގެ ސައުދުވިލޭގެ ފަތިހު، އަޅުގަނޑަށް ހެއިލެވުނީ މީހަކު ގޮވާލި އަޑަށެވެ. ދެން ލޯހުޅުވައި ބަލައިލިއިރު ކުރިމަތީގައިހުންނެވީ އަލްމުޙްތަރަމް ހިމިތީ ކުޑަމުޙައްމަދު ފުޅެވެ. އަސްތާ! ކޮންދަތުރެއްހޭ؟ އެހީމާ ބުނުއްވީ މިއީ ޚާއްޞަ ދަތުރެކެވެ. އަންނަބީލު އިސްމާޢީލު މުޙައްމަދު ދީދީއާއި، އައްސައްޔިދު ބަޑި ޢަލީ ބޭގޭ ދޮންސީދީއާއި ބޭރުގައި އެބަތިއްބެވިއެވެ. ދެން ކުނިމޫނާއިހުރެ އެފަދަ ބެއިކަލުންނާއި ބައްދަލުކުރުމުގެ ހުތުރުކަމަށްޓަކައި އަޅުގަނޑުވަނީ ގިފިއްޔަށެވެ. ދެން ނުކުމެ ބޭރުބަލާލިއިރު ކުރީގައި މިނަންގަނެވި ދިޔަ ތިން ބެއިކަލުން ދޮރުމަތީގައި ތިއްބެވޫއެވެ. ސަލާމް ގަލާން، ކުރެއްވުމުގެ ފަހުގައި ޚަބަރު އަންގަވައި ބަޝާރާތް ދެއްވެވިއެވެ. ދެން ރަށުތެރެބައްލަވާން ހިންގެވިއިރު، އަރިހުގައި ދިޔައީ އަޅުގަނޑާއި އަތޮޅުވެރި އަލްމުޙްތަރަމް ތުއްތީދި ދޮންމަނިކެވެ. މީހުން ތިބި ނިކަމެތި ޙާލު ދެކެ ވަޑައިގެން ހިތްޕުޅާހަމަ ނުކުރެއްވުމުގެ ގޮތުން ދެބަސްފުޅެއް ވިދާޅުވިއެވެ. ދެން އަވަސް އަވަހަށް އަތޮޅުތެރެއަށް މިޚަބަރުދެއްވުމަށް ކުރެއްވި ދަތުރުގައި އަތޮޅުވެރިއާގެ ބަދަލުގައި ގެންދެވީ އަޅުނގަޑެވެ. މިދަތުރު ރަށްރަށުގެ ރައްޔިތުންނަށް މިކަން އެންގެވުމާއި ސިޓީކިޔައި ދެއްވާ އިރު ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ ވާހަކަ ވިދާޅުވުމުން މޫނުތައް އަލިވެއްޖެއެވެ. އެކިއެކި ކަންތައް ބަޔާން ކުރައްވަމުން ދިޔަ ދިޔަހެން މޫނުތައް އަލިވަމުންދިޔައީ ވޮށަށްތެޔޮ އެޅީމާ އަލިވާފަދައިން ނުވަތަ ބިގަރަށް ގުންބާ ކުރީމާ އަލިވަމުންދާ ފަދައިންނެވެ. ވަކިން ޚާއްޞަކޮށް ރަށްވެހިކަމުގެ މަސައްކަތް ހުއްޓުނު ވާހަކައާއި ދުންފަތުގެ ސާމާނު ވީއްލުނު ކަން އެންގެވުމުން ބަޔާންނުކުރެވޭފަދަ އުފާވެރިކަން މޫނުތަކުން ފެނުނެވެ. ކަލައިދޫގެ މީހުން މަޖްބޫރުން އިސްދުއަށްލައި ތިއްބާ އަނެއްކާ އެބުރި ކަލައިދުވަށް ދިއުމުގެ އަމުރު ލިބުނުވަހަށް ވުރެންވެސް މާއުޖާލާކަން މޫނުތަކުން ފައުޅުވިއެވެ.

އެއްރަށެއްގެ މީހުނަށް ބޭއިޚްތިޔާރުގައި އަތްތިލަބަޑިވެސް ތަޅައިގަނެވުނެވެ. ކޮންމެއަކަސް މީހުންނަށް ލިބެމުންދިޔައީ އުފަވެރިކަމެވެ. ޙައިރާންކަމުގެ އަސަރުތައް ފިލައްޖެއެވެ. މަތިހަށިނެގިއްޖެއެވެ. ހަލުއިގޮތުގައި ހިނގާން ފެށިއްޖެއެވެ. ބިރުވެރިކަމާއި ނުރައްކައުތެރި، ކަމުގެ ކުލަ ފިލަންފަށައިފި އެވެ. ދެތިން ޠާލިބާއެއްގެ މޫނުންކުޑަ ކޮށް ހިތާމައިގެ އަސަރުފެނުނެވެ. ނަމަވެސް އެންމެހައި މީސްތަކުން ނަށް ލިބުނީ އުފާވެރިކަމެވެ. މިހެންނުވާނީ ކީއްވެގެންތޯއެވެ.؟ އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ތަދުމަޑުކަން ބޮޑުވަމުން މަސައްކަތްތައް އިތުރުވަމުން ކުށްވެރިވުމުގެ މަގުތައް ތަނަވަސް ވަމުން އަދި އަދަބުތައް ބޮޑުވަމުންނެވެ. ހަމައެފަދައިން މަސްބޭނުންދިޔައީ މަދުވަމުންނެވެ. ރުއްކޮޅުގެ މަތިވަރު ދަނީ ދެރަވަމުންނެވެ. އަދި މޭވާ ގަތުމާއި ގޮވާމުގެ ބަރަކާތްވެސް ދަނީ ކުޑަވަމުންނެވެ. ރާއްޖޭގެ ގިނަމީހުން ނަށް އެއްވެސް ބާވަތެއްގެ ގޮވާމެއްގެ އޮއްޓަރެއް ކާކަށްނުލިބެއެވެ. ބައެއްރަށް ރަށުގެ ރޭގަނޑުގެ ކެއުމުގެ ވަޤުތުގައި. ގޭގޭދޮށުން ފެންނަ މަންޒަރަކީ ވާކައިގެން ވަރާފައި ހުރިދޮންމަދު ތޮށައްޔެއްގެ މައްޗަށް ބައި ބައަށް އަޅާލައި އަނދިރި ކަމުގައިތިބެގެން ކާތަނެވެ. ފިހެފައިހުރި ރާކަނިތަކެއް މުޅޯއްޓަކަށްއަޅައި ބަހައްޓައިގެން ދެތިން މީހުންގެމައްޗަށް ބަހައި ގެން ކާތަނެވެ. މަހަށްދިޔަމީހެއްގެ ދުވާލުގެ ކާނާއަކަށް ގެންދިޔައީ، ފެނުކައްކާ ފައިވާ ލާއްސެއްގެ ބޮޑު މިނުގެ ފަތްގުޅައެކެވެ. މިޔާއިއެކުގައި ކާނޭ އެހެންއެއްޗެއްނުވެއެވެ. މަހުން އައިސް އެރެގޭ ކާނާޔަކީ މުށެއްހައި ހޮނޑަލިކޮޅެކެވެ. މިއީ އޭރުގައި ފެންނަމުންދިޔަތަން ތަނެވެ. މިހާރު އެންމެ ދެރަ ކާނާއަކަށްފެނުނީ ކަނޑޫތޮށި ހިތިފިލުވައިގެން ގޮދަންފުށްކޮޅަކާއި އެއްކޮށް ކަށްކައިގެން ދާތަނެވެ.

ކޮންމެއަކަސް ކީރިތި ﷲގެ ރަޙްމަތްފުޅުން މިހާރު ފެންނަމުންދަނީ އެއްދުވަހުން އަނެއްދުވަހަށް މަޑުމަޑުން ނަމަވެސް ތަނަވަސް ވަމުން ދާތަނެވެ. ރުއްކޮޅުގެ މަތިވަރު ފެންނަމުން އެބަދެއެވެ. ފަލަމަޑީގެ ބަރަކާތް އިތުރުވެއެވެ. ކަނޑޫ، ބަނބުކެޔޮ މިއަހަރު އެޅިލެއް ގިނައެވެ. އަދި މާލެއަށް ކިރުވި މަހުގެ ޢަދަދުވެސް މީގެ ކުރިއަށްވުރެން ގިނައެވެ. ރާއްޖެއަށް ބޭރުންގެންނަ ކާބޯތަކެތި ފުދޭވަރަށް ނުގެނެވުނު ކަމުގައިވިއަސް ކުރިއަށް ވުރެން ތަނަވަސް ކަމާއިމެދަކު ޝައްކެއް ނުކުރަމުއެވެ. މިހުރިހައި ކަންކަމުގެ މައްޗަށް ކީރިތި ﷲ އަށް ޝުކުރުކުރާޙާލު މިވީ އިންޤިލާބުއާއި މެދު ވިސްނައި هَـٰذَا مِن فَضْلِ رَبِّي މިފަދައިން ކިއަމުން މިމަޒްމޫން ނިންމާލީއެވެ. އަޅުގަނޑުގެ އިލްތިމާސާއަކީ، ނިޢުމަތެއް ދަތިކަމަކަށް ބަދަލު ކުރައްވާނީ އެބަޔަކުގެކިބައިގައިހުރި ރަނގަޅުކަމެއް ނުބަޔަކަށް ބަދަލުކޮށްގެންކަން ހަދާންކޮށްގެން އެންމެން އެއްބާރުލައިގެން ހެޔޮ ނިޔަތާއިއެކު މިވެއްޓިފައިވާ އަޑި ގަނޑުން އެރޭތޯ މަސައްކަތް ކުރުމެވެ.

(ނިމުނީ)

ކަވަރ ފޮޓޯ: މާލޭގެ އިހުގެ މަންޒަރެއް

ލިޔުން ނެގީ: ފަތްތޫރަ 306 އިން

ބަސްކޮށާރު:
– އެންދެރިސަބާ:- އިހުގައި ހިންދުސްތާނުގައި ދައްކައި އުޅުނު ނާޓަކެއްގެ ނަމެއް
– ހޯއްދުން:- އިންސާނާގެ ބުރުސޫރަ، ހަށިގަނޑުގެ ރީތި ސިފަ، ހަށިގަނޑުގެ ސަމައްތަރު

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.