އާދަޔާ ޚިލާފަށް ގިނައިރު ވާންދެން ނިދުމަކީ ވެސް ބައްޔެކެވެ. އެއަށް ކިޔަނީ ‘ކްލެއިން-ލެވިން ސިންޑްރޮމް (ކޭއެލްއެސް)’ Kleine-Levin syndrome ނުވަތަ “ސްލީޕިން ބިއުޓީ ސިންޑްރޮމް” އެވެ. އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށް ނިސްބަތްވާ ފުރާވަރުގެ އަންހެން ކުއްޖަކަށް ކްލެއިން-ލެވިން ސިންޑްރޮމް (ކޭއެލްއެސް) ޖެހިގެން ތަހައްމަލުކުރަމުން ގެންދަނީ ވަރަށް ތަފާތު ދިރިއުޅުމެކެވެ.
ޖޭން ބަޓްލަރ އަކީ ކެލިފޯނިއާގެ ތައުޒަން އޯކްސް އަށް އުފަން އުމުރުން 19 އަހަރުގެ އަންހެންކުއްޖެކެވެ. އޭނާއަށް ޖެހިފައިވާ ކޭއެލްއެސްގެ ސަބަބުން ގިނައިރުތަކެއް ވާންދެން ފުން ނިންޖެއްގައި ނިދަން ޖެހެއެވެ. މީޑިއާއަކަށް މަޢުލޫމާތުދެމުން ޖޭން ބުނީ ބައެއް ދުވަސްދުވަހު 24 ގަޑިއިރު އޭނާ ނިދާކަމަށެވެ. 2017 ވަނަ އަހަރުގެެ ‘ތޭންކްސް ގިވިންގ އާއި ކްރިސްމަސް’ ތެރޭގައި އިންތިހާއަށް ގިނައިރު ނިދި ކަމަށްވެސް އޭނާ ބުނެއެވެ.
ގިނައިރު ނިދުމުގެ އިތުރަށް، ޖޭން ނިދަން އުޅެން ޖެހެނީވެސް ވަރަށް ހާލުގައެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި ނިދިން ހޭލެވޭއިރު ފުސްކޮށް ތަންތަން ފެންނަގޮތް ވުމާއި ބައިކުޅަބަޔަށް ހޭވެރިކަން ނެތިފައިވުން ފަދަ ކަންކަމާވެސް ކުރިމަތިލާން ޖެހެއެވެ. ނިދީގެ ގަދަ އެޕިސޯޑެއް އަންނަން އުޅޭކަމަށްވާނަމަ އެކަން ޖޭން އަށް އެނގެއެވެ. އަލާމާތްތަކެއް ފެންނަން ފަށައެވެ.
“އަހަންނަށް ވަރަށް އާދަޔާޚިލާފު އިހްސާސްތަކެއް ކުރެވެން ފަށާފަ ހަމަ ކުއްލިއަކަށް އަހަންނަށް އެއްވެސް ތަނެއް ނުފެންނާނެ. ހެނދުނު ގަޑީގަ މޭކަޕްކުރަން އަހަރެން ލޯގަނޑަށް ބަލާލާއިރު އަހަރެންގެ މޫނުވެސް ލޯގަނޑުން ނުފެންނާނެ. އެއީ ވަރަށް ބިރުގަންނަ ކަމެއް.” ޖޭން އަށް ވާގޮތް ކިޔައިދެމުން ބުންޏެވެ. “އެކަންކަން ގުޅިފައިވަނީ އަހަރެންގެ ހިއްސުތަކާ. އަޑުއިވުން ވެސް ޒާތަކަށް ދަށްވާނެ. ރައްޓެއްސެއް އަހަރެންގެ ފޯނަށް ފޮނުވާ މެސެޖު ބަލައިލާފަވެސް ނޭނގޭނެ އެއީ އަސްލެއްކަމެއް ނުވަތަ ނޫންކަމެއްވެސް. ހަޤީޤީ ދުނިޔެއާއި ޒާތަކަށް ހުންނަނީ ގުޅުންކެނޑިފަ.”
ކްލެއިން-ލެވިން ސިންޑްރޮމް (ކޭއެލްއެސް) އަކީ ވަރަށް މަދުން ކުރިމަތިވާ ސިންޑްރޮމް އެކެވެ. ދުނިޔޭގެ ކޮންމެ މިލިޔަނަކުން އެކަކަށް ކުރިމަތިވާ ކަމެކެވެ. މިކަމަށް ފަރުވާ ހޯދުމަށް އެހައި ބޮޑު ހޭދައެއް ނުކުރެއެވެ. ނަމަވެސް ޖޭން އަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ މައިގަނޑު ބޭނުމަކީ މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހެއް ހުރިނަމަ، އެއީ އެހެން ކޮންމެވެސް ކަމެއް ކަމަށް ހީކުރުމުގެ ފުރުޞަތު ކުޑަކުރުމެވެ.
“ކޭއެލްއެސް ޖެހިފައިވާ މީހުންނަކީ ބައިޕޯލަރ ސިންޑްރޮމް ޖެހިފައިވާ މީހުން ކަމަށް ހީކޮށް ފަރުވާ ކުރެވޭތަންވެސް އާދޭ. ނުވަތަ އެފަދަ މީހުންނަކީ ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހިފައިވާ މީހުން ކަމަށްވެސް ބައެއް ފަހަރަށް ޑޮކްޓަރުންވެސް ބުނެފައި އެބަހުރި. ދެން އެމީހުންނަށް ބާރުގަދަ ބޭސް ވެސް ދެވިފައި އެބަހުރި. އެކަމުގެ ސަބަބުން އެމީހުންގެ ހާލަތު އިތުރަށް ގޯސްވޭ،” ޖޭން ބުންޏެވެ.
އާދަޔާ ޚިލާފަށް ގިނައިރު ނިދާ މީހެއް ދަންނަން ހެއްޔެވެ؟ ދުވާލަކު 16 ވަރަކަށް ގަޑިއިރަށްވުރެން ގިނައިރު ނިދާ މީހެއްނަމަ އެއީ ފަރުވާ ހޯދަން ޖެހޭ ސިންޑްރޮމް އެއް ޖެހިފައިވާ މީހެއްކަމަށްވެސް ވެދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!