ހޮލީވުޑްގެ ފިލްމު “އަކުއާ މޭން” އަދި ބޮލީވުޑްގެ ފިލްމު “ޒީރޯ” މިދިޔަ ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޝްވެކް ސިނަމާއިން ބުނެފިއެވެ. މީގެ އިތުރުން މިހާރު އަޅުވާފައިވާ “ސިމްބާ” އަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޝްވެކުން ބުނެއެވެ.

 

މުނިއަވަސް އަށް މަޢޫލޫމާތު ދެމުން ޝްވެކް ސިނަމާއިން ބުނީ “އަކުއާ މޭން” އާއި “ޒީރޯ” ހުރިހައި ޝޯވް ތަކެއްވެސް ދިޔައީ ހައުސްފުލްކޮށް ކަމަށެވެ. އަދި މިހާރު އަޅުވާފައިވާ ބޮލީވުޑްގެ ފިލްމު “ސިމްބާ” ގެ ޝޯތައްވެސް މާލެއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި ކުރިއަށްދަނީ ފުލްކޮށް ކަމަށްވެސް ބުންޏެވެ.

 

“އަކުއާ މޭން” އަކީ ޖޭމްސް ވަން ޑައިރެކްޓުކޮށް ވާނާ ބްރަދާސް، ޑީސީ ފިލްމްސް، ދަ ސެފްރަން ކޮމްޕެނީ، ކްރުއަލް އެންޑް އަން ޔޫޒުއަލް ފިލްމްސް އަދި މޭޑް ގޯސްޓް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލިޑުން ފެންނާނީ ޖޭމްސް މޯމޯ އެވެ. މީގެ އިތުރުން އެމްބާ ހާޑް، ޕެޓްރިކް ވިލްސަން އަދި ވިލިއަމް ޑެފޯ ވެސް އެކުއާމޭން އިން ފެނިގެންދެއެވެ.

 

 

ފިލްމު “ޒީރޯ”އަކީ އާނަންދް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޝަހުރުކްހާން ޑްވާފެއްގެ ރޯލުން ފެންނަ ޒީރޯގައި ދެން ފެންނާނީ އަނުޝްކާ ޝަރުމާއެވެ. އަނުޝްކާ ކުޅެފައި ވަނީ ފުރޮޅުލީ ގޮނޑީގައި އިނދެ ތަކްލީފްތައް އުފުލަމުން އަންނަ ސައިންޓިސްޓެއްގެ ރޯލެވެ. މަޝްހޫރު ފިލްމީ އެކްޓްރެސްއެއްގެ ރޯލުން ކެޓްރީނާ ކެއިފްވެސް މި ފިލްމުން ފެންނާނެއެވެ. މީގެ އިތުރުން ދާދިފަހުން ނިޔާވި ލިޖެންޑް އެކްޓްރެސް ޝްރީދޭވީ އާއި އިތުރު މަޝްހޫރު ތަރިންވެސް މި ފިލްމުން ފެނިގެންދެއެވެ.

 

 

”ސިމްބާ“ އަކީ ރޯހިތު ޝެޓީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގައި ރަންވީރު ފެނިގެންދާނީ ސަންގުރާމް ބެލެރާއޯ ނަމަކަށް ކިޔާ ފުލުހެއްގެ ކެރެކްޓާއިންނެވެ. ”ސިމްބާ“ އަކީ ސާރާ އަށްވެސް ވަރަށް ހާއްސަ ފިލްމެކެވެ. ސަބަބަކީ އެއީ އޭނާ ފެނިގެންދާނެ ދެވަނަ ފިލްމަށް ވާތީ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.