ލ. އަތޮޅުގައި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަ ލިބިގެންވާ ސަރަޙައްދު ތަކުގެ ތެރެއިން 05 ސަރަޙައްދެެއް ގިންތިކުރެވި ހިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކެއް ކަމުގައި ހައްދުންމަތީ އަތޮޅު ކައުންސިލުން ކަނޑައަޅައިފި އެވެ. އަތޮޅު ކައުންސިލުން މިކަން ނިންމާފައިވަނީ، ތިންވަނަ އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ 56 ވަނަ ޖަލްސާގައި ފާސްކުރެވުނު ޤަރާރަކުންނެވެ.

 

ހައްދުންމަތީ އަތޮޅު ކައުންސިލުން ބުނީ އިޤްތިޞާދީ ކުރިއެރުމަށާއި އިޖުތިމާޢީ ކުރިއެރުން ހޯދުމަށްޓަކައި އަތޮޅުގައި ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެމަތިން ކުރެވޭ ކަންތައްތައް ކަމަށްހެދުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަނުދިނުމަށާއި، ޤުދުރަތީ ވަޞީލަތްތައް ބޭކާރުވިޔަނުދިނުމަށްޓަކައި ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާއިބެހޭގޮތުން ޤާނޫނު ނަންބަރު 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ 78- އާރް/2018 ނަންބަރު ގަވާއިދުގެ ދަށުން، ލ. އަތޮޅުގައި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަ ލިބިގެންވާ ސަރަޙައްދުތަކުގެ ތެރެއިން ކަނޑައަޅާ 05 (ފަހެއް) ސަރަހައްދަކީ ގިންތިކުރެވިފައި އެވާ ގޮތުގެމަތިން ހިމާޔަތްކުރެވިފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގަރާރު ފާސްކުރެވުނު ކަމަށެވެ.

 

މި ޤަރާރުގެ ދަށުން ގިންތިކުރެވިގެން ހިމާޔަތް ކުރުމަށް ހަމަޖައްސަވާފައިވާ ފަސް ސަރަޙައްދަކީ:-

1- ގާދޫ (މުޅި ރަށް އެއްކޮށް) – ގިންތި 2، ސްޓްރިކްޓް ނޭޗަރ ރިޒާވެއްގެ ގޮތުގައި

2- ފުށިކަނޑު – ގިންތި 6، ހެބިޓެޓް/ސްޕީސީސް މެނޭމެންޓް އޭރިއާއެއްގެ ގޮތުގައި

3- ގާދޫ-ހިތަދޫ ކަނޑުއޮޅި – ގިންތި 6، ހެބިޓެޓް/ސްޕީސީސް މެނޭމެންޓް އޭރިއާއެއްގެ ގޮތުގައި

4- މާބައިދޫ ޗަސްބިން – ގިންތި 5، ނެޗުރަލް މޮނިއުމެންޓެއްގެ ގޮތުގައި

5- ގަން ބޮޑުފެންގަނޑު (ޕަރީ ފެންގަނޑު) – ގިންތި 5، ނެޗުރަލް މޮނިއުމެންޓެއްގެ ގޮތުގައި

 

ހައްދުންމަތީގެ ބަހުރުވައިން އަތޮޅު ކައުންސިލް ރައީސް ފެނިގެންދާ ހިތްގައިމު ވީޑިއޯ ސްޕޮޓަކާއި އެކު އަތޮޅު ކައުންސިލްގެ ރަސްމީ ފޭސްބްކް ޕޭޖުގައިވެސް މިކަންވަނީ އާއްމުކޮށްފައެވެ.

 

ވީޑިއޯ ސްޕޮޓްގައި އަތޮޅު ކައުންސިލް ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފް ވިދާޅުވީ، “ލ. އަތޮޅަށް ލިބީފާހުރީ ޚާއްޞަ ސިފަ ތެކުގެ ތެރޭން ފަރަތެކާ ފަޅަތެކުގެ މުއްސަނދި ކަމަކޫ ވަރަށް ޚާއްޞަ ސިފަތެކެއް. މި އުމަން ތަރައްޤީގެ ތެރޭން މިތަންތަނަކޫ ހިމާޔަތް ކެރުވީފާ ހުރީ ތަންތަން ކަމަށް ކަނޑައަޅާން ލ. އަތޮޅު ކައުންސިލުން ނިންމައިފިން.”

ކަވަރ ފޮޓޯ: ވިޒިޓް ލާމު ފޭސްބްކް ޕޭޖް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.