“މި ފޮޓޯ މެސެންޖަރ އިން ފޮނުވާ ކޮންމެ ފޮޓޯއަކަށް މި ބޭބީ އަށް ޑޮލަރސް ލިބޭނެ. ކިޑްނީ ޓްރާންސްޕްލާންޓް ހަދަން.”

ފޭސްބްކް މެސެންޖަރ މެދުވެރިކޮށް ފަތުރަމުން ގެންދާ ފޭކް މެސެޖެއް

މަތީގައި އެވަނީ އިއްޔެއިން ފެށިގެން ފޭސްބްކް މެސެންޖަރ ގައި ތިބި އަޅުގަނޑުގެ ބައެއް ރައްޓެހިންގެ ފަރާތުން ލިބެމުން އަންނަ މެސެޖެކެވެ. ދިވެހިންގެ ތެރެއިން ގިނަބަޔަކު މި މެސެޖު އެކަކުއަނެކަކާއި ހިއްސާކުރަމުން ގެންދަނީ މިއީ ‘ފޭކް’ މެސެޖެއްކަން ނުއެނގި ތިބެ އެވެ. ނުވަތަ އިންސާނިއްޔަތަށްޓަކައި ދިވެހީންގެ ހިތުގައި އޮންނަ ލޯތްބާއި ކުލުނުވެރިކަން ބޮޑީ ކަމަށްވެސް ވެދާނެ އެވެ.

 

ތަކުރާރުކޮށް މި މެސެޖު ލިބެން ފެށުމުން މިއީ ކޮން ގޮތަކަށް ފެތުރޭ މެސެޖެއްތޯ ބެލުމަށް މުނިއަވަސް އިން ނިންމީމެވެ. ނަތީޖާ ވަރަށް ސާފުކޮށް ލިބިއްޖެއެވެ.

 

ފޭސްބްކްގައި ފެތުރެމުންދާ ޕޯސްޓާއި މެސެޖުގައި ބުނާގޮތުން، އެ ޕޯސްޓްގައިވާ ފޮޓޯ އެހެން މީހަކާ ހިއްސާކުރާ ކޮންމެ ފަހަރަކީ ބަލިހާލުގައި އޮތް ތުއްތު ކުއްޖާއަށް އެހީތެރިވެދެވޭ ކަމެކެވެ. ފޮޓޯ ހިއްސާކުރާ ކޮންމެ ފަހަރަކު އެކުއްޖާގެ ބައްޔަށް ބޭސްކުރުމަށް ޑޮލަރެއް ފޯރުކޮށްދެވޭނެއެވެ.

 

ނަމަވެސް މިއީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާން ވާހަކައެކެވެ. މި މެސެޖު ނުވަތަ ފޮޓޯ ހިއްސާކޮށްގެން ބަލިހާލުގައި އޮތް ކަމަށް އެބުނާ ކުއްޖާ އަށް އެންމެ ހަތަރުއަނާ އެއްހައި ހިސާބުވެސް ފޯރުކޮށެއް ނުދެވޭނެވެ.

 

މިފަދަ ޕޯސްޓްތަކަކީ ކޮންމެވެސް ބައެއްގެ ފޭސްބްކް ޕޭޖް ނުވަތަ ކޮންމެވެސް މީހެއްގެ ޕްރޮފައިލް ކުރިއެރުވުމަށް ކުރިއަށް ގެންދާ ‘ސްކޭމް’ އެކެވެ. ބޮޑު އޮޅުވައިލުމެކެވެ.

 

ދައުރުވަމުންދާ މެސެޖުގައި ބޭނުންކޮށްފައިވަނީ އުމުރުން 04 އަހަރުގެ އަނިންހާ އެވެ. ލޭގެ ކެންސަރު ޖެހިފައިވާ ބްރެޒިލް ކުއްޖެކެވެ. މި ފޮޓޯއާއި އެކުގައި ބްރެޒިލްގެ ނޫހެއްގައި އެދިފައިވަނީ މި ކުއްޖާ އަށާއި އަދި އެހެންވެސް ބަލި މީހުންނަށް ލޭ ހަދިޔާކޮށްގެން އެހީތެރިވެދިނުމަށެވެ.

 

ކޮންމެވެސް ކުއްޖެއް ނުވަތަ މީހެއް ބަލިކަމަށް ބުނެ ފޭސްބްކްގައި އަންނަނީ ތަފާތު ސްކޭމްތައް ފަތުރަމުންނެވެ. މީހުން އަތުން ފައިސާ ފޭރެމުންނެވެ. ނަމަވެސް ކޮންމެވެސް ބަލި ކުއްޖެއް ނުވަތަ މީހެއްގެ ފޮޓޯއެއް ބޭނުންކޮށްގެން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުން ގެންދާ މީހުންނަކީ ‘ފަރުވާ އެއް ބޭނުންވެފައިވާ ބަލި މީހެއް ނުވަތަ ބައެއް‘ ކަމަށް ޤަބޫލުކުރެވެއެވެ.

ބޭރުގެ ބައެއް ޤައުމުތަކުގައި ފަތުރަމުންގެންދާ ޕޯސްޓެއް

ލިޔުން ފަށަމުން އަޅުގަނޑު ހިއްސާކޮށްލި ފޮޓޯ އާއި މަތީގައިވާ ފޮޓޯ އާއި މާބޮޑު ތަފާތެއް ނެތް ދޮގެއްތޯއެވެ. ހަމަ އެކަނި ތަފާތަކީ އެއް މެސެޖެއް އިނގިރޭސި ބަހުން ލިޔެފައި ވުމެވެ.

 

މީހުން ފަތުރާ މިފަ ސްކޭމް ތަކުން އަޅުގަނޑުމެން އެންމެން ރައްކާތެރިވެގެން ތިބެން އެބަޖެހެއެވެ. އަނެކުންނާއި ހިއްސާކުރުމަށް ބުނެ މިގޮތަށް ފަތުރާ ސްކޭމް ފޮޓޯތަކާއި ޕޯސްޓްތައް ފަތުރައި އާއްމުކުރުމުގައި އެހީތެރިވާ ބަޔަކަށް އަޅުގަނޑުމެން އެކަކުވެސް ނުވަމާތޯ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.