މާލޭ މަގެއް މައްޗަށް ކުނި އެޅި މީހަކު ދިރިއުޅޭ ގޭގެ ނަން އާއްމުކޮށް ޖޫރިމަނާކޮށްފައިވާ ކަމަށް އެންވަޔަރެމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިއްޔެ ހާމަކޮށްފި އެވެ.

 

އެންވަޔަރެމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން މިކަން އާއްމުކޮށްފައިވަނީ އިއްޔެ ކުރި ޓުވީޓަކުންވެ. އެ ޓްވީޓްގައި ބުނީ ހ. ހަނދުވަރުދޭގޭގެ ތިން ވަނަ ފަންގިފިލާގައި ދިރިއުޅެމުން އަންނަ މީހެއް ‘ވޭސްޓް ރެގިއުލޭޝަން (2013-އާރް-58) ގެ ދަށުން، ހެންވޭރު މުޝްތަރީމަގު، ސަނދުބަރަކާގޭގެ ކަންމައްޗަށް ކުނިއަޅާފައިވާތީ ޖޫރިމަނާ ކޮށްފައިވާކަމަށެވެ. މިކަން އެ އީޕީއޭ އަށް ފުލުހުން ރިޕޯޓްކޮށްފައިވާތީ އެ އޮތޯރިޓީންކުރި ޓްވީޓްގައި ފުލުހުންނަށް ޝުކުރު އަދާކޮށްފައިވެސް ވެއެވެ.

 

ކުނި އެޅި މީހަކާ ބެހޭ މައުލޫމާތު އީޕީއޭއިން އާއްމު ކުރި މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު ކުނިއެޅި މީހާގެ ނަމާއި ޖޫރިމަނާކުރި އަދަދު އީޕީއޭ އިން އާއްމެއް ނުކުރެ އެވެ. ނަމަވެސް 31 ޑިސެމްބަރު 2018 ގައި މާލޭ އިންޑަސްޓްރިއަލް ވިލެޖް ތެރެއިން ރެޖިސްޓްރީ ނަންބަރު AC1A T2513 ޕިކަޕު ހުއްޓުވައި ޖޫރިމަނާކޮށްފައިވެއެވެ. މިކަން ކޮށްފައިވަނީ އެންވަޔަމެންޓް ޕޮލިސްގެ އެހީއާއިއެކުގައި ކަމަށް އީޕީއޭ އިން ބުނެއެވެ.

 

މަގުތަކަށް ކުނިއެޅުން ގިނަވެ، އާއްމު އުނދަގުލަކަށްވެފައިވާތީ، އެކަން ކުރާ މީހުންގެ ނަމާއި ގޭގެ ނަން އާއްމުކުރާނެ ކަމުގެ އިންޒާރު އީޕީއޭ އިން ވަނީ ދީފަ އެވެ.

 

މަގުމައްޗަށް ކުނި އަޅާ މީހުންް ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން އީޕީއޭއަށް ވަނީ ދީފައެވެ. ގާނޫނުގައި ވާގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފަ އެވެ.

 

މާލޭގައި މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށާއި ވަލުތެރެއަށް އަދި މަގުމަގުގެ ކައިރިފަށުން ވަލަށްވާ ސަރަހައްދަށް ކުނިއެޅުމަކީ އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިކަންކަން ހައްލުކުރުމަށް މަސައްކަތް ފެށުމަކީވެސް އާއްމު ރައްޔިތުން، ކައުންސިލްތައް އަދި ފުލުހުން ގުޅިގެން މިހާރުން މިހާރަށްވެސް ކުރަން ފަށަން ވެއްޖެ ކަމެކެވެ.

 

ކަވަރ ފޮޓޯ: މިނިވަން ނިއުސް

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.