މުޅި ޤައުމު އެއް އަޑަކުން ގޮވާ އަޑު އިވެނީ ތަރައްގީ ބޭނުން ވާހަކައެވެ. އިންސާނީ ހައްގުތައް ނުލިބޭ ވާހަކަ އެވެ. ވަޒީފާ ނުލިބޭ ވާހަކަ އެވެ. މިކަންކަމާ އަޅުގަނޑު އަމިއްލަ ސިކުނޑިއަށް ފެންނަ އެއްޗެއް ކިޔުންތެރިންނާ ހިއްސާ ކޮށްލާނަމެވެ.

 

ހަގީގީ ތަރައްގީ އަކީ ކޮބައިކަން މިއަދު ބައެއް ބޭފުޅުންނަށް ފަހުމު ނުވާހެން އަޅުގަނޑަށް އިހުސާސް ވެއެވެ. ސަބަބަކީ ބައެއް މީހުން ތަރައްގީއޭ ބުނާ އިރަށް ދައްކަނީ 25 ބުރީގެ އިމާރާތެކެވެ. އަނެއްބަޔަކު ދައްކަނީ އަޅާފަ އޮންނަ ބޮޑު ބްރިޖެއްގެ ވާހަކައެވެ. ތަރައްގީ ގެ މަސްރޫއު ތަކަކީ ދުރު މުސްތަގުބަލަށް ރައްޔިތުންގެ ޖީބަށް ލުއިވާނެ ގޮތަކަށް ރައްޔިތުން ހަމަޖެހިގެން ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން ނޫންތޯއެވެ؟ ރަނގަޅެވެ. ބްރިޖް ރީއްޗެވެ. 25 ބުރީގެ އިމާރާތް ވެސް ރީއްޗެވެ. އެހެންނަމަވެސް އެ ރީތިކަމަކީ މުޅި ގައުމުގެ ރައްޔިތުން ގެ ދުރު މުސްތަގުބަލަށް ހަމަހިމޭން ހިތްގައިމު ޖަޒީރާވަންތަ ދިރިއުޅުމަށް ހުރަސް އެޅޭ ކަމުގެ ފެހި ސިގްނަލެއް ނޫން ބާވައެވެ. މާލެ އާއި ހުޅުމާލެއާ ވިލިމާލެއާ ތިލަފުށްޓާ އެއްކޮށް ގުޅާލާފައި ރާއްޖޭގެ ހުރިހާ ކަމެއް ނިންމާ ތަނަކަށް މާލެ ސަރަހައްދު ހަދާފައި، އެ ސަރަހައްދުން ކޮންމެ އާއިލާ އަކަށް ފްލެޓެއް ދީފައި ކޮންމެ އާއިލާ އަކުން ލިބޭ މުސާރައިގެ ބޮޑުބައި ކުއްޔަށް ދިނީމާ އެއައާ ތަރައްގީއޭ ކިޔޭނެތޯއެވެ. ކުލި ދައްކަމުން ގޮސް އަގު ހަމަވާއިރު އަނެއްކާ ދަރިން ބޮޑެތިވެ ދަރިން ވަކި ދިރިއުޅުމަކަށް ދާއިރު އެމީހުން ވެސް ހަމަ މައިން ބަފައިންނަށް ޖެހުނު ދަންތުރައިގައި ޖެހުނީމާ އެއަށް ހަމަ ތަރައްގީއޭ ކިޔޭނެތޯއެވެ.

 

މާލޭގައި އަޅާފައިހުރި 25 ބުރި އިމާރާތައް ޚަރަދު ކުރި 145 މިލިއަން ރުފިޔާއިން ރާއްޖޭގެ ދެސަރަހައްދުގައި ރަނގަޅު ފެންވަރުގެ ދެ ހޮސްޕިޓަލް ނޭޅޭނެ ތޯއެވެ؟ އެ ދެ ހޮސްޕިޓަލް އެޅުމުން ވަޒީފާތައް އިތުރު ނުވާނެތޯއެވެ؟ ވަޒީފާ އިތުރުވެ ބޭސްފަރުވާ ރަނގަޅު ވީމާ އިގްތިސާދީ ފުދުންތެރި ކަމަށް ރަނގަޅު ބަދަލެއް ނާންނާނެތޯ އެވެ؟ ފުދުންތެރިކަން ރަނގަޅުވެ ބޭސްފަރުވާ ރަނގަޅު ވުމުން މާލެއަށް ކުރާ ބާރު ކުޑަ ނުވާނެތޯއެވެ؟

 

ހުޅުމާލެއާ މާލެއާ ދޭތެރޭ އަޅާފައިވާ ބްރިޖަށް ޚަރަދުކުރި 200 މިލިޔަން ރުފިޔާއިން ރަނގަޅު ފެންވަރުގެ ކިތައް ސްކޫލް ހެދޭނެތޯއެވެ؟ ރަށް ރަށުގެ ސްކޫލް ތަކުގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ވުމުން މާލެއަށް ލުއި ނުވާނެތޯއެވެ؟

 

މުޅި ދައުލަތުގެ މާލިޔަތުގެ 99 އިންސައްތަ މާލެއަށް އެކަނި ޚަރަދު ކުރާއިރު ރަށްފުށުގެ މީހުންނަށް އެބުނާ ތަރައްގީގެ ކިތަކެއް އިންސައްތައެއް އެބަ ލިބޭތޯ ކޮންމެ ބޭފުޅަކު އަމިއްލަ ނަފުސާއި ސުވާލު ކޮށްލައްވާށެވެ. ސާރކް ސަމިޓަށް އައްޑޫއައް އަޅުގަނޑު ގޮސް އުޅުނުއިރު އެތަނަށް އައިސް ހުރި ލަންކާ އާރމީ ބޭފުޅުން ބުނާ ބަހެއް މިއާ ވަރަށް ގުޅެއެވެ. އެމީހުން އައްޑޫ ސިޓީގެ ބަދަލުގައި ކިޔާނީ ވަންރޯޑް ސިޓީއެވެ. ހަމަ އެގޮތަށް ދަންނަވައިލެވުނު ތަރައްގީއަކީ ވެސް މާލެ ތަރައްގީވުން ނޫންތޯއެވެ. ރައްޔިތު މީހާގެ ޖީބަށްވީ ތަރައްގީ އެއެއް ނެތެއް ނޫންތޯއެވެ؟ ރައްފުށު ރައްޔިތުންނަށް ވީތަރައްގީއެއް ނެތެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ލުޔެއް ވެސް ނެތެވެ. އެހެނަސް، މިވެސް ހަމަ ތަރައްގީތޯ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.