ދިވެހިން މިއަދު ސިއްހަތާ މެދު ވިސްނަން ފެށިކަމަކީ ހެޔޮ ފާލެކެވެ. އެހެންނަމަވެސް ދިވެހިންގެ މާޒީއާއި ދިވެހިންގެ ސިއްހަތަށް  ކުޑަގޮތަކަށް އަލިއަޅުވާލެވޭތޯ ބަލާލާނަމެވެ.
 
 
ދިވެހިންނަކީ މާޒީގައި ވަރަށް މަސައްކަތްތެރި ވަރަށް މުރާލިބައެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ބައެކެވެ. އޭގެ ހެއްކެއްގެ ގޮތުން އަޅުގަނޑު ނަގާނީ ގެދޮރު އިމާރާތް ކުރުމެވެ. މިޒަމާނުގެ މިކިޔާ ނޫކަށިފުރާގެ ޒުވާނުން އެކަން ކޮށް އުޅުނުގޮތް ކުރަން ހިތަށް އަރުވައިލިޔަސް ވެސް ހޯހޯ ގޮވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިވާހަކަ އަޅުގަނޑު މި ހިއްސާ ކޮއްލަނީ އަސްލު މައުޟޫއަށް ދިއުމުގެ ކުރިން އެކަމާ ގުޅުން ހުރި ކަމަކަށް މިކަން ވާކަމަށް ފެންނާތީ އެވެ.
 
 
ގެދޮރު އިމާރާތްކުރުމަށް ފެށުމުގެ ކުރިން އެތައް ބުރަ މަސައްކަތްތަކެއް އޭރުގެ ދިވެހިން ކޮށްއުޅުނެވެ. މޫދަށް ގޮސް ބޮޑެތި ހިރިގާ ފަޅައިގެން ބޮއްކުރާގައި ގެނެސް އެއްކުރެއެވެ. މިކަމަށް ކިޔަނީ ގައު ލެފުމެވެ. ލަފައިގެން ގެންނަ ގަލުން ދެ ބޭނުމެއް ކުރެއެވެ. އެއީ އުވަ ދެވުމާއި ރޭނުމަށް ބޭނުންވާ ގައު ތެޅުމެވެ. ވަލަށް ގޮސް ބޮޑެތި ދިވެހިރުއް ކަނޑައި އެ ރުއްތައް ފަޅައެވެ. މިހާރު ބޭނުންކުރާ ޕެޓްރޯލް ކީސް އޭރު ބޭނުމެއް ނުކުރެއެވެ. ފުރޯ ބޭނުން ކޮށްގެން ގެ ހިޔާކުރަން ބޭނުންވާވަރަށް ލަކުޑި ހޯދައެވެ. މިހުރިހާކަމެއް އޭރު ކުރަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކަށް ދީގެނެއްނޫނެވެ. ދިވެހީންގެ އަމިއްލަ އަތުންނެވެ.
 
 
މިއަދު މިއޮތީ މިކަންކަން މާޒީއަށް ގޮސް ފަހުގެ ޖީލަށް އޭރު އެކަން ކުރިގޮތް ހަނދާން ނެތޭ ހިސާބުގައެވެ. ރަނގަޅެވެ. މިއަދު އެކަންކަން ކުރަން ފަސޭހައެވެ. ހުރިހާކަމެއް ފަސޭހަ ޒަމާނަކަށް ވެއްޖެއެވެ. މިހުރިހާކަމެއް ގެ އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ. ދިވެހިން މިއަދު ދެއިރު ދުވަން ދާން މަޖުބޫރުވުމެވެ.
 
 
ތިޔަބޭފުޅުން ވިސްނާ ފިކުރުކޮއްލައްވާށެވެ. އަޅުގަނޑުމެންގެ މަންމަމެން، މާމަމެން ތިޔަ ވިދާޅުވާ ޖޮގިން އަކަށް ދިޔަ ތޯއެވެ. ދިހަ ބާރަ ކުދިން ވިހާފައި ތިބޭ މަންމަމެންގެ ބަނޑެކޭ ޗޮކްލެޓެކޭ އެއްގޮތެވެ. ސަބަބަކީ ކޮބައިކަން އެނގިލައްވާ ތޯއެވެ. އޭރު އަންހެނުން ވިހައިގެން ހަފުތާއެއް ވާއިރު މަސައްކަތުގެ މައިދާނަށް ނިކުމެ ހެލިފެލިވެ އުޅެން ފަށައެވެ. ކުރިން ދެންނެވި ފިރިހެންވެރީން އެއްގަމަށް ހިރިގާ އަރުވާ މަސައްކަތް ކުރާއިރު ދަރިން ބަލާށޭ ކިޔާފައި އަންހެންވެރީން ހަމައެކަނި ގޭގައި ތިއްބެނީއަކީ ނޫނެވެ. ފިރިމީހާ ގެ ހިޔާކުރުމުގެ މަސައްކަތް ކުރުމުގައި އަމަލީގޮތުން އަންބިމީހާވެސް ބައިވެރިވެއެވެ. އޭރު ބޭނުންކުރަނީ ރޯނު ކަމަށްވާތީ ވަލުން ބޮނބި ހޮވައިގެން ގޮނޑުދޮށުގައި ބޮނބި ވަޅުލައިގެން، ބޮނބިތައް ފާވުމުން އެ ބޮނބިތައް ނަގައިގެން އޭގެން ރޯނުވަށާ، ފިރިމީހާ ބޭނުންވާވަރަށް ރޯނު ހަމަކޮށްދީ އުޅުނީ އޭރުގެ މުރާލި އަނބީންނެވެ. ކެއުމުގައި ވެސް ޖަންކް ފޫޑްސް (ލުއިކާ) އޭ މިކިޔާ އެއްވެސް ބާވަތެއް ބޭނުން ކުރާތަނެއް ނުފެނެއެވެ.
 

ރޯނުވެށުމަކީ ދިވެހި އަންހެނުން ކޮށް އުޅޭ މުރާލި މަސައްކަތެއް

 
ދުވަސްތައް މާޒީގެ ހިނގައްޖެ އެވެ. މިއަދު މުޅި ގައުމު ބަދަލުވެއްޖެއެވެ. ކަންނެތް ލައިފްސްޓައިލަކަށް ދިވެހިން ހޭނިއްޖެ އެވެ. ހެނދުނު އޮފީހަށް ގޮސްލާފައި މެންދުރު ބްރޭކަށް ގޮސް ކޮންމެސް ރެސްޓޯރެންޓަކުން  ހެސްކިޔާފައި މި ކާލެވެނީ ހަށިގަނޑަށް ކިހާ ގެއްލުމެއް ހުރި އެއްޗެއްތޯ ވިސްނާލާ މީހަކު މަދެވެ. ހަވީރު ގެއަށް އަންނަ މަގުމަތީ ހެދިކާ ވިއްކާ ތަނަކުން ތެލުން ތަތްތެޅިފައި ހުރި ހެދިކާ ގަނެލައިގެން ގެއަށް ގޮސް ދެމަފިރިންނާ ދަރިންނާ ސައިބޯލަނީ އެވެ. ދަރިން އަތަށް އައިޕެޑް ނުވަތަ ސްމާޓް ފޯނެއް ދޭގޮތަށް އެކުދިން އެނދުގައި ނޫނީ ސޯފާގައި ގޭމް ކުޅެން ތިއްބާ ރޭގަނޑު ކާގަޑި ޖެހުނީމާ ޕިއްޒާ އަކަށް ނޫނީ ސަބްމެރިން އަކަށް އޯޑަރު ދީގެން ގެނެސް ކާލަނީއެވެ.
 
 
މީމިހާރު ދިވެހިން ގެ ވައްޓަފާޅި ބައްޓަންވެފައި އޮންނަ ގޮތެވެ. ދުވަސްކޮޅަކުން ހަށިގަނޑަށް ބަދަލެއް އަންނަކަމުގެ އިހުސާސް ވާއިރު ކުރިން ގެންގުޅުނު އެއްވެސް އަންނައުނެއް ބޭނުންކުރެވޭ ވަރެއްނުވެއެވެ. ދެން މި ވިސްނެނީ ކަސްރަތަކީ ވެސް ކުރަންޖެހޭ އެއްޗެއްކަމެވެ. ވިސްނޭއިރު މީހާ މިހުންނަކީ ހަތަރު ބިތް އެއްވަރު ކޮޑިއެއް ހެންނެވެ.
 
 
މިކަންކަމާ ދިވެހިން ވިސްނާކަށް ނުވޭހެއްޔެވެ؟ ކާބަފައިންގެ ފަރާތުން ދަސްކުރަންވީ ކޮންމެ ގައުމީ މުނާސަބަތެއްގައި ބޯވަޅު އެޅި ފަށުވި ލިބާހާ ހުދުގަމިހާ މުންޑު އަންނަން އެކަނި ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.