އެސް ޕްރޮޑަކްޝަންސް އާއި ބައިސްކޯފް ގުޅިގެން “ސޯލް”ގެ ނަމުގައި 15 މިނެޓުގެ ކުރު ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ސީޒަން ބުނެފި އެވެ.

 

 

އެސް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ. މި ފިލްމުގައި ކެމެރާ ކުރިމަތިން ސީޒަން  ހަރަކާތްތެރިއެއް ނުވެއެވެ.

 

މިހާރު “ސޯލް” ގެ ޝޫޓިން ފަށާފައިވާއިރު، ފިލްމުގެ ބޮޑު ބައެއް ނަގަނީ އއ. މަތިވެރީގައެވެ. މީގެ އިތުރުން މާލެ އާއި މާލެ އަތޮޅުގެ ބައެއް އެހެން ރަށްތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ނިންމާފައިވެއެވެ.

 

ފަނަރަ މިނެޓްގެ ކުރު ފިލްމު “ސޯލް” އަކީ ސާކް ފިލްމު ފެސްޓިވަލްގެ ޝޯޓް ފިލްމްސް ކެޓެގަރީގައި ހިމަނަން ހަދާ ފިލްމެއް ކަމަށް ސީޒަން ބުނެއެވެ.

ސްރީލަންކާގެ ފިލްމީތަރި ނިޕްނީ ވިލްސަން (ނިކީމިކީ) އާއި އަމިލާ ކަރޫނާނަޔަކަ – ފޮޓޯ: އެސް ޕްރޮޑަކްޝަންސް

 

2015 ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި އަލީ ސީޒަންގެ ފިލްމު، “އިންސާނާ” އަށް ވަނީ ބްރޯންޒް މެޑެއްޔެއް ލިބިފަ އެވެ.

 

ރާއްޖޭގެ ބައެއް ފިލްމުތަކަށް ސާކް ފިލްމު ފެސްޓިވަލްގައި ފަޚުުރުވެރި ވަނަތަކެއް އަންނަނީ ލިބެމުންނެވެ. ސީޒަންގެ ފިލްމު “އިންސާނާ”ގެ އިތުރުން އެންމެ ފަހުން ބޭއްވި ސާކް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ލިބުނެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރިކުރި ފިލްމު “އިނގިއްޔަ”ށް ބްރޯންޒް މެޑަލް ލިބުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.