މީގެ ޒަމާންތަކެއް ކުރިން ދިވެހިންނަކީ ވަރަށް ދިވެހި ވަންތަކަން ދަމަހައްޓާ ބައެއްކަން ފާހަގަ ވެއެވެ. އެހެންނަމަވެސް މިއަދު އެކަން ވަރަށް ބޮޑަށް ފަނޑުވަމުން އަންނަކަން ބަލައިލި ކޮންމެ ދިމާއަކުންވެސް ފާހަގަ ވާނެއެވެ. އަޅުގަނޑު މިއަދު މިހިއްސާ ކޮށްލާ ވާހަކަ ކޮޅަކީ މިއަދު މިގައުމުން ފެންނަމުންދާ ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތެވެ.

 

ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކުމެ މިހާރުވެސް ފުރަ މާލޭގެ އެކި ހިސާބުތަކުގައި ހުންނަ ކަންމަތީ ފިހާރަތަކަށް ޒިޔާރަތްކޮށްލަ ބައްލަވާށެވެ. އޭގެ ތެރެއިން ކޮންމެ ދިހަ ފިހާރައަކުން އެއް ފިހާރައެއްގައިވެސް ދިވެހި ސޭޓެއް ނުއިންނާނެއެވެ. ނަމަވެސް އެކަމަކީ ސަރުކާރުން މަނާކޮށްފައި އޮންނަ ކަމެކެވެ. އެކަން ބެލޭނެ ގޮތެއް ނެތް ކަމެކެވެ. ނުވަތަ ސަރުކާރުން އެކަން ބެލެހެއްޓިފައި ނުވާކަމެކެވެ. ޚުދު އަޅުގަނޑު ވެސް މިކަމާ ޕޮލިހަށް ގުޅީމެވެ. އެބޭފުޅުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ ތިކަން ބަލާނީ ޓްރޭޑް މިނިސްޓްރީން ކަމަށެވެ. އަނެއްކޮޅުން އޮފީސްތަކުގެ ރަސްމީ ގަޑި ނިމުމުން އެކަން ބެލޭނެ ގޮތެއް އަޅުގަނޑަކަށް ވިސްނާ ވިސްނާ ނޭނގުނެވެ. ކަންމަތީ ފިހާރަ ތަކުގައި ބިދޭސީން ރަސްކަން ކުރަނީ އެވެ. އެއްވެސް ކޮންޓްރޯލެއް ނެތް ހާލަތެއްގައެވެ.

 

ދިވެހިން ބައިސްކަލް ދުއްވާއިރު ބައްތި ދިއްލާފައި ހުރުމަކުން ހަމައެކަނި ނުފުދެއެވެ. ފަސްފޫޓަށް އަލި ހުންނަންޖެހެއެވެ. އެކަމަކު މިއަދު ބިދޭސީން ބައިސްކަލްގައި ނޮކިއާ ބައްތި ފޯނަކުން އަލިކޮށްލައިގެން ދުއްވުންވެސް ފުދެވެ. ނަމަވެސް މިކަން ބަލާނެ މީހަކުވެސް ނެތްކަމީ ހިތާމަ ހުރިކަމެކެވެ. ބައިސްކަލް އެކަންޏެއް ނޫނެވެ. ލައިސަންސް ނެތި ސައިކަލް ތަކުގައި ބިދޭސީން ބުރުޖަހާއިރު އެކަންވެސް ގިނަ ފަހަރަށް މި އޮންނަނީ ބެލޭނެގޮތެއް، ބަލާނެ ފަރާތެއް ނެތިފައެވެ.

 

ބާޒާރުމަތި ބޮޑުތަކުރުފާނު މަގަކީ އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާފައި އޮންނަ މަގެކެވެ. ދުވާލުގަޑީގައި ކާރޫބާރު ބޮޑު ސަރަހައްދެކެވެ. އެހެންނަމަވެސް ބިދޭސީން ބޮޑެތި ގާޑިޔާ ތަކުގައި އެއްކޮޅަށް ދުއްވޭ މަގުތަކުގައި އިދިކޮޅަށް ދުއްވާ މުޅި މަގު ބްލޮކްވެގެން ދާއިރު އެކަން ހުއްޓުވާނެ މީހަކު ނެތެވެ. ބޮޑު ވަރަކަށް ފުލުހަކަށް އެފަދަ މަންޒަރެއް ފެނިއްޖެއްޔާ އަނެއްކޮޅަށް އަނބުރާލަން ވިދާޅުވުން ނޫން ކަމެއް ނުވެއެވެ. އެކަމު ދިވެހިން ތެރޭން މިއުޅޭ ނޫކަށިފުރާގެ ޒުވާނުން ސައިކަލްގައި ކިތަންމެ ކުޑަ ތަންކޮޅަކަށް އެއްކޮޅަށް ދުއްވޭ މަގެއްގައި އިދިކޮޅަށް ދާތަން ފެނުނަސް ވަގުތުން 750 ރުފިޔާ އިން ޖޫރިމަނާ ކޮށްލާތަން ފެނެއެވެ.

 

ދިވެހި ލޮރީ ޑްރައިވަރުން އަނެކުންގެ އިހުސާސް ތަކަށް އިޙްތިރާމް ކުރާތީ މަގުގެ އަރިމަތީގައި ޖާގަ ހަދައިގެން ނޫނީ މުދާ ބާލަން ކައިރިވެސް ނުކުރާނެއެވެ. އެކަމު ބިދޭސީ ޑްރައިވަރުން މުޅި މާލެ ބްލޮކް ވިއަސް މަގުގެ މެދުގައި ބާއްވައިގެން ބޮޑެތި ލޮރީ ހުސްކުރާތަން ފެންނަނީ މަދަކުން ނޫނެވެ.

 

ޓެކްސީ ޑްރައިވަރުން އަގުބޮޑުކޮށް ދަތުރުކުރާ ވާހަކަ ނުދައްކާ މީހަކު މަދުވާނެވެ. އެކަމު ވިލިގިނލި މުދާ ފެރީ، ގުޅީ ފެރީ މިހެން ގޮސް ކޮންމެ ފެރީ ގިމަތައެއް ކައިރީ ފުނިޖެހިފައި ތިބޭ ބިދޭސީން ހަތަރު ގަނޑު ފޮށި ބާލަދޭ އަގާއި ދޭތެރޭ ފުންކޮށް ވިސްނައިލަނީ ކިތައް ބޭފުޅުން ތޯއެވެ.

 

ކެފޭއަކަށް ވަދެއްޖެއްޔާ ކައުންޓަރުގައި އިންނަ ސޭޓުން ފެށިގެން ކައްކާ އާއި ހިސާބަށް މުޅިންވެސް ތިބޭނީ ބިދޭސީންނެވެ. ކެފޭ އަށް ވަންނަ ކަސްޓަމަރަކަށް އަދަބު އަދާކުރުމެއް ނޯވެއެވެ. ކަންޓަމަރުންނަށް ދޭންޖެހޭ ކަސްޓަމަރ ކެއަރ އަކީ އެމީހުން ދަންނަ އެއްޗެއް ވެސް ނޫންހެން ހީވާކަހަލަ އެވެ. ނުވިތާކަށް ބިދޭސީ މުވައްޒަފުންގެ ބިދޭސީ ރައްޓެހިން ހަމަ އެންމެ ކަޅުސައި ތަށްޓެއް ނަގައިގެން ގޮސް އިށީނދެ ތިބެ ގަޑިދެގަޑިއިރު ވާންދެން އެތަނުގައި ތިބޭ ކަސްޓަމަރުންގެ ބޮލަށް އުނދަގޫވާ ވަރަށް އަނގަތަޅާއިރު އެކަންވެސް ހުއްޓުވޭނެ ގޮތެއް ނޯވެއެވެ.

 

ހުކުރުދުވަހު އާއިލާ ގޮވައިގެން ފަންނަކަށް ނުވަތަ ޕާކަކަށް ދިޔަޔަސް އެތަނުން އުފާ ލިބޭ ކަހަލަ މާހައުލެއް ފަހިވެފައި އޮންނަތަނެއް ނުފެނެއެވެ. ތަން ފުރިފައި އޮންނަނީ ބިދޭސީންގެ ގްރޫޕްތަކުންނެވެ.

 

ކޮންމެ ސަރުކާރަކުންވެސް ނިކަން ބާރު ލާފައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ދޭތެރެއަކުން ދައްކައެވެ. ޖީބަށް ލައިގެން ގެންނަ ލައިޓަރު އެއަރޕޯރޓުން އެތެރެ ކޮށްނުލެވޭ އިރު އެތަކެއް ލިޔެކިޔުންތަކާއި އެކު އެތެރެވާ ބޮޑެތި ސިންގާ އިންސާނުން ނުހިފެހެއްޓުމަކީ ސުވާލު އުފެދޭ ކަމަކަށް ނުވަނީބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. މި ކަންކަމަކީ މިއަދު ދޫކޮށްލައިގެން ތިބެގެން މުސްތަގުބަލުގައި ކިހާ ނުރައްކާތެރި ކަމަކަމަށް މި ޤައުމު ހުށަހެޅިގެންދާނެ ކަމެއް ކަމާމެދު ހަމަ ނުވިސްނަނީބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ބަޔަކު އެބައެއްގެ އަމިއްލަ ވަޒަނުގައި ބިކަވެގެންދާނީ މިހާކަންހާ ވަރަށް ނޫންތޯއެވެ؟

 

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.