ދިވެހިންނަކީ އަމިއްލަ މިނިވަންކަމުގައި އަމިއްލަ ބަހެއް ގެންގުޅޭ ދިވެހިވަންތަ ބައެކެވެ. ދިވެހިންގެ އިގްތިސާދު ބިނާވެފައި އޮންނަ މައިގަނޑު މަސައްކަތްތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެހެންކަމުން މިކަންކަމަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ތަޢުލީމީ ނިޒާމުގެތެރެން ކިޔަވާ ކުދިންނަށް ދޭން އެބަ ޖެހެއެވެ.

 

މިއަދު އަޅުގަނޑުމެންގެ ސްކޫލްތަކުގައި ފާޑުފާޑުގެ ކޭމްޕްތައް ބާއްވާތަން އެބަ ފެނެއެވެ. އެހެންނަމަވެސް މިފަދަ ކަންކަން ކުރާއިރު އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަޅުގަނޑުމެންގެ ސަގާފަތާއި ގުޅުވަން ޖެހޭވަރަށް ގުޅުވޭތަނެއް ނުފެނެއެވެ. އަޅުގަނޑުމެންގެ އިގްތިސޯދު އެކަމެއްގެ މައްޗައް ބަރޯސާވެފައިވާ އެންމެ ބޮޑު އެއް ސިނާޢަތަކީ މަސްވެރިކަމެވެ. އެހެންނަމަވެސް މަސްވެރިކަމުގައި ހިމެނޭ އެއްވެސް ކަމެއް މިހެން ބާއްވާ ކޭމްޕް ތަކުން ދަސްކޮށްދީފައި ނުވާ ކަމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް މި ކަންކަން ތައުލީމީ އޮނިގަނޑުގެ ތެރައިން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ އަޅުގަނޑުގަބޫލުކުރާގޮތުން ވަރަށް މުހިންމުކަމެކެވެ.

 

ދިވެހިރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑެވެ. އެހެންކަމުން ތައުލީމީ ނިޒާމުގެ ތެރެއިން ފެތުމަކީ މިހާރު އެ އޮންނަ ގޮތަށް ނަމެއްގައި އެކަން ބާއްވަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.  ފެތުމަކީ ‘ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން’ މާއްދާގެ ތެރެއިން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތުމަކީ އަޅުގަނޑުގެ ނަޒަރުގައި ކޮންމެހެން ލާޒިމު ކަމެކެވެ. ސަބަބަކީ ގައުމުގަ އި މަދުން ނަމަވެސް މޫދަށްގޮސް އުޅުމުގައި ގެނބިގެން މީހުން މަރުވުމުގެ ހާދިސާތައް އެބަ ހިނގައެވެ. މީގެ އިތުރުން ދިވެހިރާއްޖެ އުފެދިފައިވާގޮތުން ކަނޑުހުރަސްކޮށް ދަތުރު ކުރަން ނުޖެހޭނެ ހަމަ އެންމެ ދިވެއްސެއް ވެސް ހުންނާނެހެނެއް ހިއެއް ނުވެއެވެ. މާލޭގެ އެއް އަވަށް ކަމަށްވާ ވިލިގިއްޔަށް ވެސް މި ދެވެނީ ކަނޑު ހުރަސްކޮށްފައެވެ. ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން އަޅުގަނޑު މިދަންނަވަނީކީ ‘އަމާބުނީތީ ފަރަށް ދާ އުސޫލުން’ ފަތަން އެނގެން ޖެހޭ ވާހަކައެއް ނޫނެވެ. މިހެން ދަންނަވަން މިޖެހުނީ އަޅުގަނޑު ދަންނަ ކިތަންމެ އާއިލާއެއްގެ ކުދިންނަށްވެސް ފަތަން އެނގޭކަމުގެ ލިޔުން ދީފައި އެބަހުއްޓެވެ. ނަމަވެސް މިދެންނެވި ފަދަ ދަރިވަރުންނަކީ ކަނޑު ފެނުނީމާ ގައިން ހީބިހިނަގައި ދެފައި ތުރުތުރު އަޅާ ކުދިންނެވެ. ކުދިން އެކަންޏެއް ނޫނެވެ. އެފަދަ އެތަކެއް މީހުންނެއް ވެސް މި ޤައުމުގައި އެބަތިއްބެވެ.

 

މަސްވެރިކަމުގެ ތަމްރީނާއި ތަޖްރިބާ އަކީ ވަރަށް ފަސޭހައިން ހޯދޭނެ އެއްޗެކެވެ. ސްކޫލް ބަންދުގައި ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަޖުބޫރު ވާ ކަހަލަ ގޮތަކަށް ވެސް އެކަން ކުރެވިދާނެއެވެ. ނުވަދިހައިގެ އަހަރުތަކުގައި ވަޒީފާތަކުގައި މަސައްކަތުގެ ތަޖްރިބާ ހޯދުމަށް ދަރިވަރުން ފޮނުވަންޖެހުނު ދުވަސްތަކެއްވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. އެހެންކަމުން މިކަން ނުވާންވީ ސަބަބެއް ވެސް އަޅުގަނޑަކަށް ނުފެނެއެވެ. ހަމަ މިގޮތަށް ދަނޑުވެރިކަމުގެ މަސައްކަތަކީވެސް ދަރިވަރުންނަށް ތައުލީމީ ނިޒާމުގެތެރެއިން ކުރެވިދާނެ ކަންކަމެވެ. އެކަމުގެ ފައިދާ ގައުމުގެ މުސްތަގުބަލަށް ކުރާނެ ކަމީ ޔަގީންވާ ކަމެކެވެ.

 

ތަޢުލީމީ ސިޔާސަތުތައް އެކަށައަޅުއްވާ ފަރާތްތަކުން ދިވެހީންގެ ޤައުމިއްޔަތާއި ތަޢުލީމާއި ގުޅުވަން މަސައްކަތް ކުރައްވަން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރާންޖެހޭ މުހިންމު ކަމެއް ނޫންތޯއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.