ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

 

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

 

ފުލުހުނ ބުނީ މި ތިން މީހުން އިތުރު ބަޔަކާއި ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީމަހުގެ 8 ވަނަ ދުވަހުު ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، 24 އަހަރުގެ މީހަކު ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުންް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅާއި ފިލްމު ހުސްކުރި 15 ދަޅާއި ފަސް ރަބަރުގަނޑުގެ އިތުރުން 1077 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

 

މީގެ އިތުރުން ފުލުހުން ހިންގި މިއޮޕަރޭޝަންގައި 32 އަހަރުގެ މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ޖޫސްޕެޓީ ދެ ކޮތަޅާއި ފިލްމު ހުސްކުރި ހަތަރު ދަޅު ފެނިފައިވާކަމަށް ވެސް ފުުލުހުން ބުނެެވެ.

 

މިމައްސަލައާއި ގުޅިގެން 24 އަހަރުގެ މީހަކު ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުންް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި  ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްް ހުރި ފުޅިއެއް ވެސް ފެނިފައިވެއެވެ.

 

މިއޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިނަމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް 24 އަހަރުގެ އެކަކަށް ދީފައިވާއިރު 32 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި 24 އަހަރުގެ އަނެއް މީހާ ކޯޓުންވަނީ ދޫކޮށްލާފައެވެ.

 

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާކަމަށްވެސް ފުުލުހުން މައުލޫމާތު ދެއްވައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.