މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ނިއުމާ މުހައްމަދު ވަދާއީ ފިލްމު “ނިވައިރޯޅި” މި މަހުގެ 11 ން 15 އަށް ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަމުންދާނެ ކަމަށް ނިވައިރޯޅި ޓީމުން ބުނެފި އެވެ.

 

އެ ފިލްމުގެ ޓީމުން ބުނީ ހުޅުމާލޭގައި ޝޯތައް ދައްކަން ހަމަޖެހިފައިވާ މި މަހުގެ 11، 12، 14 އަދި 15 ގައި ކަމަށާއި އެ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ކަމަށެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ.

 

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.

އަތޮޅު ތެރޭގައި ވެސް މިހާރު އަންނަނީ “ނިވައިރޯޅި” އަޅުވަމުންނެވެ. އެގޮތުން މިމަހު 17 ގައި ނ. މަނަދޫގައި ފިލްމުގެ ލީޑް ނިޢުމާއި އާއި އިތުރު ގިނަ ތަރިންތަކެއް ހިމެނޭ ޕްރިމިއަރ އަކަށްފަހު އިތުރު ޝޯ ތަކެއް ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.