އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާފައިވާ ކުޑަކުދިންގެ ފިލްމު “ކަނޑު އިބިލީސް“ގެ ގްރޭންޑް ޕްރިމިއަރ އެއް ފެބްރުއަރީ 01 ގައި އޮންނާނެ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި އެކްޓަރ ޒިޔާ ބުނެފިއެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ޒިޔާ ބުނީ ފިލްމުގެ ޚާއްޞަ ޕްރިމިއަރ އެއް ހދ. ކުޅުދުއްފުށީގައި ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މިހާރު ނިންމާފައިވަނީ ފިލްމުގެ ރަސްމީ ބޮޑު ޕްރިމިއަރ އެއް ރެޑް ކާޕެޓް އިވެންޓަކާއި އެކުގައި އޮލިމްޕަހުގައި ބޭއްވުމަށް ކަމަށެވެ.

 

ޒިޔާ ބުނީ މި ޕްރިމިއަރ ޝޯވ ގެ ޓިކެޓް ޖެނުއަރީ 15 އިން ފެށިގެން އޮލިމްޕަހުން ގަންނަން ލިބެން ހުންނާނެ ކަމަށާއި މިހާރުވެސް 7864477 ނަންބަރަށް ގުޅައިގެން ޓިކެޓް ބްކިން ހެއްދޭނެ ކަމަށެވެ.

 

“ރެޑް ކާޕެޓް އިވެންޓާއިއެކު އޮންނަ ގްރޭންޑް ޕްރިމިއަރގައި ބިދަބިން ބޮޑުބެރު ގްރޫޕުން “ކަނޑު އިބިލީސް” ފިލްމަށް ޚާއްޞަކޮށްގެން ހަދާފައިވާ ޚާއްޞަ ބޮޑުބެރު ލަވައެއް އޮންނާނެ. މީގެ އިތުރުން ފިލްމުގެ ތީމު ލަވައަށް ކުޑަކުދިން ތަކެއް ގެނެސްދޭ ޚާއްޞަ އައިޓަމެއްވެސް އޮންނާނެ.” މުނިއަވަސް އާ ވާހަކަދައްކަމުން ޒިޔާ ބުންޏެވެ.

 

ކަނޑު އިބިލީސް” ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ކުޅުދުއްފުށީގަ އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރުން މި ފިލްމުގައި ކުޅުދުއްފުށީގެ 100 ވަރަކަށް ކުޑަކުދިންނާއި ބޮޑެތިމީހުން ހަރަކާތްތެރިވެއެވެ. މި ފިލްމުގައިވެސް ޒިޔާގެ ކެރެކްޓާ އަކީ “ވަސްވާސް”ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ޚާއްސަ ވާނެ ކަމަށް ޒިޔާ ވަނީ ބުނެފައެވެ.

 

 

މަޝްހޫރު އަދި އެހާމެ ތަޖުރިބާކާރު ލިޔުންތެރިޔާ ކޮޕީ މުޙަމައްދު ރަޝީދު ލިޔުއްވާފައިވާ ވާހަކަ އަކަށް ކުޅެފައިވާ “ކަނޑު އިބިލީސް” ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ކޮޕީ އިއްސެ އާއި ޒިޔާގެ އިތުރުން ލަވަކިޔުންތެރިޔާ ރިފްއަތު އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.