ދިވެހިންނަކީ މުއްސަނދި ސަގާފަތެއްގެ ވެރި ބައެކެވެ. ނަމަވެސް މިއަދު ދިވެހިންގެ ތެރޭގައި ކޮންމެހެން ދޫކޮށްލަން ޖެހޭ ބައެއް ކަހަލަ ނުރަނގަޅު ސަގާފަތްތަކެއް ހުރިކަން އެއީ ދެބަސް ވެވެން ނެތް ހަޤީގަތެކެވެ. އެގޮތުން އަޅުގަނޑަށް ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ.
 
ޒަމާނުއްސުރެން ދިވެހިންނަކީ ތަފާތު ސަގާފަތްތައް ގެންގުޅެމުންދާ ބައެކެވެ. އޭގެތެރޭގައި ރަނގަޅު އަދި ނުރަނގަޅު ކަންކަންވެސް ހިމެނިފަވާކަން ގަބޫލުކުރަންޖެހެ އެވެ. އަޅުގަނޑުމެންގެ ކާފަމެން ފަރާތުން އިވޭގޮތުގައި ކުރީޒަމާނުގައި ރަށުގެ ކޮންމެ ރައްޔިތަކު މަސްބާނަން ގޮސް ބާނާ މަހުގެ ވަކި ސައްތައެއް މުދިންގެއަށް ދޭންޖެހެއެވެ. އެހެންނަމަވެސް އެކަން މިއަދު މީހަކަށް އެނގުމަކީ ޖޯކެއް ގޮތުގައި ސިފަކުރާނެ ކަމެކެވެ. ހަމަ އެގޮތަށް މިއަދުވެސް މުސްތަގުބަލްގައި މި ދެންނެވި ގޮތަށް ދެކޭނެ ކަންކަން އެބަހުއްޓެވެ. އެއީކީ ރާއްޖޭގައި އެކަނި ކަން ހިނގާގޮތެއް ނޫނެވެ. ނަމަވެސް މުޅި ދުނިޔެވެސް މިގޮތަށް އިންސާނުންގެ ވިސްނުމާ އެއް ގޮތަށް އެބައެއްގެ ތެރޭގައި ގެންގުޅޭ ނުރަނގަޅު އާދަތައް ދޫކޮށްލައެވެ.
 
މިޒަމާނުގައި ރަށްފުށުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށް ވަންތަކަން ނޫނީ އަވަށް ވަންތަކަމެވެ. މިކަންކަމާ އަޅުގަނޑުމެން މިއަށްވުރެން ބޮޑަށް ވިސްނައި މިކަންކަމާ ދުރުވާން އެބަ ޖެހެއެވެ. އެހެން ނޫނީ އެތަނެއްގައި އޮންނަން ޖެހޭ އެއްބައިވަންތަކަމާ އެކުވެރިކަން އޮންނާނީ އޮންނަން ޖެހޭ ވަރަށްވުރެ ނިކަމެތިކޮށެވެ. މިކަންން ހައްލު ކުރެވޭނީ އެންމެން މިކަމުގައި އެއްބާރުލައިގެން އެކައްޗެއް ކިޔައިގެންނެވެ.
 

ކުރީގެ ގާދޫ ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން

 
ލ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ބޮޑު، އަގްތިސާދީ ގޮތުން ކުރިއަށް ދެވޭވަރުގެ ގާބިލްކަން ޤުދްރަތީ ގޮތުން ލިބިފަވާ އަތޮޅެކެވެ. އެހެންނަމަވެސް މިއަދު ލ. އަތޮޅު އެ އޮތް ހިސާބުގައި އޮންނަން ޖެހުނު ސަބަބުތަކެއްވެސް އެބަ ހުއްޓެވެ. އެއް ބަޔަކު އަނެއްބައެއްގެ އިހުސާސްތަކަށް އިޙްތިރާމް ނުކުރުމެވެ. ހުރިހާކަމެއް ތިމާ ނިސްބަތްވާ ރަށަށް ނުވަތަ އަވަށަށް ލިބެން ޖެހޭކަމަށް ގަބޫލު ކުރުމުގެ ބޯދާ ސަގާފަތެވެ. ނުވަތަ އެ ވިސްނުމެވެ. ރަށުގެ ތަރައްޤީއަށް ހިންގާ ހުރިހާ ޕްރެކްޓްތައް ތިމާ ނިސްބަތްވާ އަވަށުގައި ހުންނަންޖެހޭ ކަމަށް ގަބޫލު ކުރުމެވެ. އަތޮޅުގައި ހިންގާ ތަރައްޤީގެ ހުރިހާ މަޝްރޫއެއް ތިމާގެ ރަށަށް އަންނަން ޖެހޭ ކަމަށް ގަބޫލު ކުރުމެވެ.
 
ފޮނަދޫގައި ވެއްޖެއްޔާ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އިދާރާތައް ހުންނަންޖެހޭ ތަނަކީ ރަށުގައި އޮންނަ ތިން އަވަށުގެ ތެރެއިން މެދުއަވަށުގައި ކަމަށް ގަބޫލުކުރާ ބަޔަކު އުޅޭކަމީ ހިތާމަޔާއެކު ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
 
ފޮނަދުއާއި އެއް ފަސްކޮށް އޮންނަ ބިން ބޮޑު ގަމުގައި ތަނެއް އަޅަން ފޮނަދޫ އެއްބަޔަކަށް ހަޖަމެއް ނުވެއެވެ. ފޮނަދޫގައި ތަނެއް އަޅަން ގަމު އެއްބަޔަކަށް ހަޖަމެއް ނުވެއެވެ. އާޚިރު ނަތީޖާއަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. މާލޭގެ ހެންވޭރުން މާފަންނަށް ދެވެނީ އާންމުކޮށް ޓްރެފިކްގައި ޖެހިގެން ދިހައެއް ނޫނީ ފަނަރަ ވަރަކަށް މިނެޓުންނެވެ. ނަމަވެސް ގަމުން ފޮނަދުއަށް ނުވަތަ ފޮނަދޫން ގަމަށް ދިއުމަށް އެއްވެސް ޓްރެފިކެއްގައި ޖެހޭކަށް ނުޖެހެއެވެ. މާފަންނުން ހެންވޭރަށް ދިއުމަށް ނަގާހައި ކުޑަ ވަގުތުކޮޅަކުން ގަން ފޮނަދުއަށް ދަތުރުކޮށްލެވެއެވެ. ކޮންމެ މީހަކު ގެއިން ނިކުންނައިރު ސަރުކާރު ހުރިހާ އިމާރާތެއް ދޮރުމަތީ ހުންނާން ޖެހޭކަމަށް ވިސްނުން ގެންގުޅުމަކީ ތަރައްޤީއާއި ބީރައްޓެހި ވިސްނުމެކެވެ.
 
އަދިވެސް އެހެން ކަމެކެވެ. މީހާ ނިސްބަތްވާ ރަށަކުން އެމީހާއަކީ ވަރަށް ދަށް ފެންވަރެއްގެ މީހެއްގޮތުގައި ދެކޭ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް އުޅެއެވެ. ސަރުކާރު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަށްވެހިކަން ބަދަލު ކޮށްފައި ތިބޭ މީހުންނަކީ އެ ބަދަލުކުރި ރަށުގެ މީހުން ކަމަށް ގަބޫލުކުރަން ބޭނުން ނުވާ ބަޔަކުވެސް އަމިއްލަ އަކަށް ގަދަރުވެރިވެގެން އުޅޭ މީހުންގެތެރޭގައި ވެސް އުޅޭތަން މަދުން ނަމަވެސް ފެނެއެވެ. އުޒުރެއްގެ ގޮތުން ދައްކަނީ އުފަން ރަށް ކަމަށް ނުވުމެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ގަން ނޫނީ ފޮނަދޫ ނުވަތަ މާމެންދޫ މީހަކު އައި.ޖީ.އެމް ހޮސްޕިޓަލަށް އުފަން ވުމުން، އެމީހާ ވާނީ މާލޭމިހަކަށްތޯއެވެ. ނުވަތަ މި ދެންނެވި ރަށްތަކު ތެރެއިން ރަށެއްގެ މީހަކަށް ތޯއެވެ.
 

ކުރީގެ ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލުކުރި ދުވަހު ފޮނަދޫން ހޫނު މަރުހަބާއެއް ކިޔި

މުސްތަގުބަލްގައި ކުރިއަށް ދާން ބޭނުންނަމަ މިދެންނެވި ފަދަ ނުރަނގަޅު ސަގާފަތްތައް އަޅުގަނޑުމެން ތެރޭން ނައްތައިލަން ޖެހޭކަމަށް އަޅުގަނޑުގެ ޟަމީރު ގަބޫލުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.