މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

 

ޖަނަވަރީ 12 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ 27 އަހަރުގެ މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް މާފުށީ ޖަލުން، މާފުށީ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

 

މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

މި މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.