ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމެނޭ އަދި ތަރިކައިގެ ދާއިމީ ލިސްޓަށް ލާން މަސައްކަތް ކުރަމުން އަންނަ މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ފާރުން ބައެއް ތަޅައިލުމުން ހެރިޓޭޖް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް އެކަން ފުލުހުންނަށް ހުށަހަޅައިފި އެވެ.

 

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނު މިކަން ކުއްވެރިކުރައްވާ މިއަދު ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ.

 

“މާލެ ހުކުރު މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ދިވެހީންގެ އަގުހުރި ސަގާފީ ތަރަކައެއް. މި ފަދަ ތަންތަނަށް މިގޮތަށް ބަދަލުގެނެވިިގެން ނުވާނެ.. އިން މި ކަން ބައްލަވައި ދެއްވާ.” ފުލުހުންނާއި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު އަދި މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރ އަށް ޓެގް ކުރައްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ “މި ފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމު ވާންޖެހޭ. ދިވެހީންގެ ތަރިކަ ހިމާޔަތް ކުރަން މަސައްކަތްކުރަން ޖެހޭނީ ހަމަ ދިވެހީން.”

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު “މުނިއަވަސް” އަށް ވިދާޅުވީ އެކަން ކޮށްފައިވަނީ ކޮންބައެއްކަން އެނގިނުލައްވާ ކަމަށާއި އެފަދަ ކަމެއް އެއްވެސް ބަޔަކު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

 

ތޯރިގް ވިދާޅުވީ ހުކުރު މިސްކިތަށް ނުވަތަ މިސްކިތުގެ ހަރިންމަ ފާރަށް ވިޔަސް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަމުގެ ހުއްދަ ހެރިޓޭޖް ޑިޕާޓްމަންޓުން ނަގަން  ޖޭހޭނެ ކަމަށާއި އެފަދަ ހުއްދައެއް އެއްވެސް ބަޔަކަށް ދެއްވާފައި ނުވާނެ ކަމަށެވެ.

 

“އަޅުގަނޑުމެންނަށް އެނގިގެންނެއް ނޫން އެކަން ކުރި ބަޔަކު އެކަމެއް ކުރީކީ ވެސް.” އޭނާ ވިދާޅުވި އެވެ.

 

ތޯރިގު ވެސް ވަނީ އެކަން ކުށްވެރި ކުރައްވައި ޓްވީޓެއް ކުރައްވައިފަ އެވެ.

 

ހުކުރު މިސްކިތުގެ ފާރުން ތަޅާލީ ކުރިން ޑިސްޓްރިބިއުޝަން ފޮށްޓެއް ހުރި ތަނެކެވެ. މިހާރު އެ ތަނުގައި ކޮށްފައި ހުރި މަސައްކަތަށް ބަލާއިރު ބެލެވެނީ ކުރިއަށް ވުރެން ބޮޑު ޑިސްޓްރިބިއުޝަން ފޮށްޓެއް ބަހައްޓަން ތައްޔާރުކޮށްފައި ހުރި ކަމެއް ހެންނެވެ.

 

ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ ފާރަށް އެފަދަ ގެއްލުމެެއް ވުމަކީ އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމަނަން ކުރާ މަސައްކަތަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ. އެ ލިސްޓްގައި މިސްކިތް ހިމަނަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

“ދާއިމީ ހެރިޓޭޖް ލިސްޓްގައި ހިމަނަން މިހާރު ވެސް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ މިކަމުން [ފާރުން ބައެއް ތަޅައިލުމުން]، ފަހަރެއްގައި މިފަދަ ބަދަލެއް ގެނައުމުން އެ ލިސްޓުން އުނިކުރުން ފަދަ ކަމެއް ވެސް ވެދާނެ” ތޯރިގް އިތުރަށް ވިދާޅުވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.