މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބު ވަލީދާ ވަލީދު ފިލްމީ ދާއިރާގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅު ކަމަށާއި އެކަންކަމަށް މަޢުލޫމާތު ހޯދަވާ ޚިޔާލު ހޯއްދެވުމަށް ފިލްމީ ދާއިރާގެ ބޭފުޅުންނާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެއްޖެ އެވެ.

 

މުނިއަވަސް އަށް ފުރަތަމަ ފަހަރަށް މަޢުލޫމާތު ދެއްވަމުން ވަލީދާ ވިދާޅު ދާއިރާއާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އަލުން އަނބުރާ މި ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވޭފަދަ ހިސާބަކަށް އާދެވުމުން ދާއިރާގެ އެކި ފަރާތްތަކަށް ދަންނަވައިގެން ބައްދަލުވުން ތަކެއް ބާއްވަވަމުން ގެންދަވާ ކަމަށެވެ.

 

މިގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުވެސް ފިލްމީ ދާއިރާގެ ފުންނާބު އުސް ބައެއް ފަންނާނުންނާއި ވަލީދާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި މަޝްހޫރު އެކްޓަރ، ސްކްރީން ރައިޓަރ އަދި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، މުޙައްމަދު މަނިކް، ކުޅަދާނަ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ބައިވެރިވެލެއްވި އެވެ.

 

މިގޮތަށް ފިލްމީ ދާއިރާގެ ފަންނާނުންނާއެކުގައި ބޭއްވޭ ބައްދަލުވުން ތަކުގައި ފިލްމީ ދާއިރާއަށް ކުރިމަތިވެފައިވާ ދަތި ތަކާއި ގޮންޖެހުންތައް އޮޅުން ފިލުއްވައި އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާ ކުރައްވައި ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށް ވަލީދާ ވިދާޅުވިއެވެ.

 

މި ސަރުކާރުން ފިލްމީ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށާއި އެކަމުގައި އެންސީއޭއާއި އެތަނުގެ އިސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފަސްޖެހިވަޑައިނުގެން ދާއިރާ ކުރިއެރުވުމަށް އެކަމަނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަލީދާ ވިދާޅުވިއެވެ.

 

ވަލީދާ ވަލީދަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ދާއިރާގެ ތަޖުރިބާކާރު ފަންނާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.