ދިވެހި ޅެންވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

 

ދިވެހި ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ ޅެންވެރިކަމަކީ މާނަވި ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު އަދަބީ ތަރިކައެއް ކަމަށާއި ދިވެހި ޅެންވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަން ޖެހޭ ކަމަށެއެވެ.

 

30 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ކޮންމެ އެއްޗަކީ ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ އަގުބޮޑު މާނަވީ ތަރިކައެއް ކަމަށާއި ޅެންވެރިކަން ދިރުވައި އާލާ ކުރެއްވުމުގެ މަސައްކަތްކޮށް، ޅެންވެރިންގެ އަގު ވަޒަންކުރަންޖެހޭ ކަމަށެވެ.

 

“އެ ބޭފުޅުންނަށް ޝުކުރާއި ތައުރީފު ދަންނަވާންޖެހޭ. ދިވެހިޅެންވެރިކަން ކުރިއަރުއްވައި ތަރައްގީ ކުރައްވާ މަސައްކަތްޕުޅުތައް މިހާރަށް ވުރެ ފުޅާކުރައްވާން އަޅުގަނޑު އިލްތިމާސްކުރަން. ޅެންވެރިންގެ އުފެއްދުންތަކާއި ދިވެހި އަދަބީ ފަންނުތައް ބައިނަލްއަގުވާމީ ދުނިޔެއަށް މިހާރަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި ދެއްކޭނެ ގޮތްތައް ކަމާއިބެހޭ އެންމެހައި ފަރާތްތަކުން ފަހިކޮށް ދެއްވާން އަޅުގަނޑު އިލްތިމާސްކުރަން،” ޔުމްނާ ވިދާޅުވި އެވެ.

 

މިނިސްޓަރު ޔުމްނާގެ ޚިތާބުގައި ވިދާޅުވި ގޮތުގައި ޅެންވެރިކަމަކީ ކޮންމެ އަދަބިއްޔާތެއްގައި ވެސް އެކުލެވޭ އެންމެ ފަށުވި ފަންނު ކަމަށާއި އެ ފަންނު ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓުމަކީ އެ އަދަބިއްޔާތެއްގެ އަހްލުވެރީންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ޅެންވެރިކަމުގެ އެންމެ މުހިންމު މަގުސަދަކީ ޝުއޫރުތައް ހާމަކުރުން ކަމަށާއި ހިތް އުފާކޮށްދިނުން ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

 

“ޅެންވެރިކަމުގެ ޝުއޫރުތަކާއި އިހްސާސްތައް އަދަބުގެ އެހެން ވައްތަރުތަކަށް ވުރެ އަސަރު ގަދަ، ގައުމިއްޔަތާއި އަހުލާގިއްޔަތާއި ތަހުޒީބާއި ތަމައްދުންގެ ރޫހު އާލަކޮށް ޖޯޝް އުފެއްދުމުގައި ޅެންވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރޭ،” މިނިސްޓަރު ވިދާޅުވިއެވެ.

 

ޅެންވެރިކަމަކީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު އަދަބީ ތަރިކައެއް ކަމަށާއި ދޫދޫ މަތީން ވާރިދުވަމުން އައިސްފައިވާ އެތައް ސަތޭކަ އަހަރުވީ އަދަބީ ތަރިކަ ދިވެހި ރާއްޖޭގައި ވެސް އެބަހުރި ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

 

ރައިވަރު ބައިންނާއި ބަނދިންނާއި ކާ ތަކުންނާއި ރައިވަރާއި ފަރިހިންނާއި ޅެމާއި އަންބާ އާއި ލަވަ ފަދަ ބާވަތްތަކުން ހުރި ވާހަކަތަކާއި ތާރީޚި ހާދިސާތައް އެބަހުރި ކަމަށާއި މިފަދަ ކޮންމެ އެއްޗަކީ ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ އަގުބޮޑު މާނަވީ ތަރިކައެއް ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

 

ޅެންވެރިންގެ ދުވަސް ނިސްބަތްކޮށްފައި ވަނީ ޝާއިރުއް ޝަބާބު އިބްރާހިމް ޝިހާބަށެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ތަހްސީސްކޮށްފައި  މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމު ޔޫސުފް މުހައްމަދު ފުޅަށެވެ.

 

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަވަން ހަމަޖައްސާފައި ވަނީ ޔޫސުފް މުހައްމަދު ފުޅުގެ އުފަން ރަށް، ރ. އިނގުރައިދޫގަ އެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

 

ފޮޓޯ: ޕީއެސްއެމް ނިއުސް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.