ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާ ކުރު ފިލްމު “ސޯލް” ގެ ޝޫޓިން ނިމިއްޖެ ކަމަށް އެކްޓަރ ޑައިރެކްޓަރ ސީޒަން ބުނެފިއެވެ. މުނިއަވަސް އަށް ސީޒަން ބުނީ މިއީ ‘ހަނީ މޫން އެއް ދައްކުވައިދޭ’ ފިލްމެއް ކަމަށެވެ.

 

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާ 15 މިނިޓްގެ ފިލްމެއް ކަމަށް ސީޒަން ވަނީ ބުނެފައެވެ.

 

މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

 

މި ފިލްމުގައި ކެމެރާ ކުރިމަތިން ސީޒަން  ހަރަކާތްތެރިއެއް ނުވެއެވެ. ފިލްމު ޑައިރެކްޓް ކުރަނީ އަލީ ސީޒަން އެވެ.

މި ފިލްމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދާނެ ކަމަށެވެ. “ސޯލް” ގެ މަންޒަރުތަކެއް މަތިވެރީގެ އިތުރުން މާލެ އާއި މާލެ ކައިރި ރަށްތަކެއްގައި ނަގާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.