“ޒީ ކިހިނެއްވީ؟ ބަލީތަ؟ ކިހިނެއްވެފަ ތިހުރީ؟ ކަމަކާ ދެރަވެފަތަ؟ ވާހަކަ ދައްކަބަލަ؟ އަހަރެން ވަރަށް ބިރުގަނޭ ޒީ ތިހެން އިނީމަ. ޒީ ޕްލީޒް. ވާހަކަ ދައްކަބަލަ. ހެޔޮނުވާނެ.. ކޮބާ އީމާ؟” ސަމާގެ އެންމެފަހުން ކުރި ސުވާލު ވެގެން ދިޔައީ ޒީނާގެ މަޑުމޮޅިކަން ބޭއިޙްތިޔާރުގައި ފަޅައިގެން ދިޔަ ސުވާލަކަށެވެ. ޒީނާއަށް ގިސްލެވެން ފެށުނެވެ. ހިތަށް ކޮށްފައިވާ ފުން އަސަރު އޭނަގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހެކި ދޭނެއެވެ. އިތުރަށް ސަމާ ހާސްވާގޮތްވިއެވެ.

 

“އީމާ މަރުވެއްޖެ!! އޭނަ މިދުނިޔެ ދޫކޮށްފައި ހިނގައްޖެ..” ޒީނާއަށް ބުނެލެވުނީ އެހާ ވަރަށެވެ. ސަމާގައިގައި ބައްދާލަމުން ޒީނާގެ އަޑުބާރުވެއްޖެއެވެ. އަޑުން އަޑުނަގައި ޒީނާ ރޮމުން ދިޔައެވެ. ހިފެއްޓުމެއްނެތި ޒީނާގެ ދެލޯ ހޯސްލާފައި ކަރުނަ އޮހިގަތެވެ. ސަމާ އަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހިނގާ ދިޔަ ކަންތައް އޮޅުން ފިލުވަން ސަމާ އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ސަމާއަށްވެސް ރޮވިއްޖެއެވެ. ދެމީހުން އެކަކު އަނެކަކަށް ބައްދަ ބައްދާފައި ރޮމުން ދިޔައެވެ. ޒީނާ ހިތްފުރެންދެން ސަމާގެ ހަށިގަނޑުގައި އޮޅުލައޮޅުލާފައި ރޮމުން ދިޔައެވެ. ޒީނާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ސަމާ ދެލޮލުން ކަރުނަތައް ފޮހެލުމަށްފަހު ސޯފާއިން ތެދުވިއެވެ.

 

ޒީނާ އެހުރިހާ ވާހަކަތަކެއް ސަމާއަށް ކިޔައިދޭން ފެށިއެވެ. އެވާހަކަތައް ކިޔައިދެމުން ދިޔަ އިރުވެސް ޒީނާ ދިޔައީ ގިސްލާފައި ރޮމުންނެވެ. ސަމާއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. އީމާ ދިމާލަށް ބުނެވުނު ބަސްތައް ހަނދާންވެ ދެރަވާން ފެށިއެވެ. އޭނަގެ ކިބައިން މަޢާފަށް އެދެން ވެސް ބޭނުންވި ނަމަވެސް މިއަދު އީމާއެއްނެތެވެ. އީމާއެއް އެނބުރިއެއް ނާނާނެއެވެ.

 

“އީމާ … އައި އެމް ސޮރި..” ސަމާއަށް ގިސްލެވެން ފެށުނެވެ. އޭނަގެ ހިތަށްވެސް ވަރަށް އަސަރުކޮށްފިއެވެ. ސަމާއަށް ކެތްނުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އީމާގެ މޫނުވެސް ނުފެނި ގެއްލިގެން ދިއުންވީ ސަމާއަށްވެސް ކެތްނުވާވަރުގެ ބޮޑު ހިތާމައެއް ކުރަންޖެހުނު ކަމަކަށެވެ.

 

***

 

އީމާ ނިޔާވުމާއި ގުޅިގެން ނެގި ކުޑަ ޗުއްޓީ ނިންމާލުމަށްފަހު ޒީނާވެސް ޑިއުޓީއަށް ނިކުންނަން ފެށިއެވެ. ގޭގައި އިނދެގެން އީމާ މަތިން ހަނދާންކޮށް ހިތާމަކުރުމަށްވުރެ ޑިއުޓީއަށް ނުކުމެ މީހުންގެ ތެރެއަށް ނުކުތުމުންވެސް ހިތްހަމަ ޖެހުމެއް ހޯދަން ބޭނުންވިއެވެ.

 

ބްރޭކްގަޑީގައި ޒީނާ އިނީ ފަސިންޖަރުންގެ ގޮނޑީގައި ހިޔާލަކަށް ގެއްލިފައެވެ. އެއީ އިޒުވާނުވެސް ބްރޭކަށް ނުކުތް ވަގުތެވެ. އެކްސިޑެންޓަށްފަހު ލިބިފައިވާ އަނިޔާތަށް މޫނުމަތިން ފެންނަން ހުއްޓެވެ. ނަމަވެސް އިޒުވާންގެ ރީތިކަން އަދިވެސް އެ ގޮތުގައި ފެންނަން ހުއްޓެވެ. އެއީ ހަޤީގަތުގައިވެސް ރީތި ސިފަތަކެއް ލިބިފައިވާ އިންސާނެކެވެ.

 

އިޒުވާން ނުކުތީވެސް ދެތިން ކުއްޖަކާއި އެކީގައެވެ. ޕިއްޒާ ކޮންޕެނީ އަށް ވަންނަން އުޅުނު ވަގުތު އޭނަގެ ލޮލުގައި ޒީނާ އެތަނުގައި އިންތަން ފެނުމުންނެވެ. އެކުދިން ގާތުގައި އެބަ އަންނާނަމޭ ބުނުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. ޒީނާ އަތަކަށް ގުޑިވެސް ނުލާ އިންގޮތަށް އިނެވެ.

 

“ޒީ….” އިޒުވާނުގެ އަޑު ޖެހުމާއެކު ޒީނާއަށް ބަލާލެވުނެވެ. އިންތަނުން ތެދުވެވުނެވެ. އިޒުވާނު ފެނުމުން ޒީނާއަށް ސިހުމެއް ލިބިގެން ދިޔައެވެ. އެވަގުތު އެކަކު އަނެކަކަށް ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެ ރީތި މޫނުގައި ހުރި ޒަހަމްތަކުން ޒީނާ ގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޯބިންގޮސް އެ ޒަހަމްތަކުގައި ބޮސްދޭން ވެސް ޒީނާގެ ހިތް އެދުނެވެ. އެއީ ހަމަ އެކަނި ޒީނާ ގުޅެން ބޭނުންވާ ފަރާތެވެ. އިޒުވާނުގެ ހިތުން އަބަދުވެސް ޖާގައެއް ލިބޭނެކަމަށް އުއްމީދުކުރެވޭ ބައިވެރިޔާއެވެ. އިޒުވާނަށް ބަލާކަށް ޒީނާގެ ދެލޮލަށް ކުޅަދާނަ އެއް ނުވިއެވެ.

 

“އެނގޭ ޒީ ދެރަވާނެކަން. ޒީ، އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން. އީމާ އަކީ ޒީގެ ފުރާނަކަންވެސް އެނގިފަ އޮތީ. އެދުވަހު ހޮސްޕިޓަލުން ކޮންމެވެސް ވަރަކަށް އެކަން އެނގުނު. އެނގޭ އެވަރުގެ ކަމަކަށް މަޢާފެއްވެސް ނުލިބޭނެކަން.” އެވަރަށް އިޒުވާނުގެ ވާހަކަތައް ބުނެވުނުތަނާ ޒީނާ ގޮސް އިޒުވާނުގެ އަނގަމަތީގައި އަތްއެޅިއެވެ. އިތުރަށް އެހެން ބުނާއަޑު އަހާކަށް ޒީނާ އަށް ކެތެއް ނުވިއެވެ. އެ ހިތަށް ލިބޭ ވޭން އިޒުވާނަށް ތަސައްވަރުވެސް ނުކުރެވޭނެއެވެ. އިޒުވާނަށް ދެވިފައިވާ މަތިވެރި މަޤާމާއި ލޯބި ދެވަނަ އެއްވެސް އިންސާނަކަށް ނުދެވޭނެ މަގާމެކެވެ. ލޯބިން ބައްދާލަން ޒީނާގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް ކަމެއް ކުރާނެހާ ހިތްވަރެއް އޭނަގެ ގައިގަ ނެތީއެވެ. ހިތުގައި އިޒުވާނުގެ ނަން އަބަދުވެސް ލިޔެ ރައްކާކުރުން ނޫންގޮތެއް ނެތެވެ.

 

ޒީނާގެ އަމަލުތަކުން އިޒުވާނުވެސް ހައިރާން ވިއެވެ. އިޒުވާނާއި އެހާގާތްވެ ހުރިކަން ޒީނާއަށް އިޙްސާސް ކުރެވުނީ އިޒުވާނު އޭނަގެ އަތުގައި ހިފުމުންނެވެ. ޒީނާ ދުރަށް ޖެހުނެވެ. ކިތައްމެ ލޯބިވިއަސް އެއީ އޭނައަށް ޙައްޤު ލޯތްބެއް ނޫނެވެ. އިޒުވާނުގެ ސޫރަ ދެކެން ބޭނުން ނުވާތީ ޒީނާ އަނެއްފަރާތަށް އެނބުރުނެވެ. ކިތައްމެ ވަރަށް އެލޯތްބަށް އެދުނު ނަމަވެސް ޒީނާއަށް ހާމަ ކުރާކަށް ނުކެރޭނެއެވެ. ލޯތްބަކީ ކޮންފަދަ އަޖައިބެއްކަހަލަ އިހްސާސެއް ހެއްޔެވެ.؟

 

“އިޒުވާނު މިތަނުންދޭ.. އަހަރެން އިޒުވާނަށް މަޢާފުކޮށްފިން” ޒީނާގެ ލޮލުން ކަރުން ހިލިގަތެވެ. އޭނަ ރޯކަށް އިޒުވާނަށް އަންގަން ބޭނުމެއް ނުވިއެވެ. އިޒުވާނަށް މަޢާފުކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އިޒުވާނު ގަސްތުގައި ކުރިކަމެއް ނޫނެވެ. މަޢާފު ނުކޮށްވެސް ލިބޭނީ ވަކި ކޮން އުފަލެއް ހެއްޔެވެ.؟ ވީ ކަމެއް ވެ ނިމިއްޖެއެވެ. މަޢާފު ކުރުން އެއީ ޒީނާއަށް މާބޮޑު ކަމަކަށް ނުވިއެވެ. މަރުއައިސް ޖެހުމުން އެމީހެއްގެ މަރުހުރި ނިމިގެން ދާނެގޮތަކަށް ތަޤުދީރުގައި ލިޔުއްވާފައިވާ ގޮތަކަށް އެކަމެއް ވާނެއެވެ. އެކަން ޒީނާއަށްވެސް ވިސްނުނެވެ. ޒީނާގެ ހިތްތިރިކަމާއި އޯގާތެރިކަން ޒީނާގެ ކިބައިގައި ހުރިކަމީ އިންސާނިއްޔަތަށްވެސް ހުރި ލާމަސީލު މިސާލެކެވެ. . އިޒުވާނު ނޫން އެހެން މީހެއްނަމަވެސް މަޢާފަށް އެދެން އަތުވެއްޖެ ނަމަ ޒީނާ މަޢާފުކުރާނެއެވެ. ޒީނާއަކީ އެއަށްވުރެ ހެޔޮވިސްނޭ އަޙްލާޤް ރަނގަޅު ކުއްޖެއްކަން އެވަރުންވެސް ހާމަވެގެން ދިޔައެވެ.

 

“ޕްލީޒް ޒީ.. އަހަރެން ބޭނުން ވާހަކަ ދައްކާލަން. އެންމެ ފަސް މިނެޓް ނަމަވެސް ވަރިހަމަ… އޭރުން އަހަރެން މިތަނުން ހިނގައިދާނަން.” އިޒުވާނު ކޮންމެ ވާހަކައެއް ބުންޏަސް ޒީނާ އަޑުއަހާނެއެވެ. ކިތައްމެ އިރަކު އެހެން ހުންނަން ޖެހުނަސް ހުންނާނެއެވެ. އެހާވެސް އިޒުވާނަކީ އޭނަގެ ދިރިއުޅުމަށް މުހިއްމު މީހަކަށްވަނީ ވެފައެވެ. އަތުގެ ނުފުށުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން މޫނު ރީތިކޮށްލިއެވެ. ޒީނާ ކިތައްމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް ޒީނާގެ މޫނު ފެނުމުން ރޮއިފަ ހުރިކަން އިޒުވާނަށް އެނގުނެވެ. ނަމަވެސް އެވާހަކަ އަހައި އޮޅުން ފިލުވައިގެން އިތުރަށް ދެރަކުރާކަށް އިޒުވާނު ބޭނުމެއްނުވިއެވެ.

 

‘ޒީނާއަށް އަހަރެންގެ ބެސްޓްފްރެންޑަށް ވެވިދާނެތަ؟” އިޒުވާނުގެ އެ ޖުމުލައިން ޒީނާގެ ހިތް ފުނޑު ފުނޑުވެގެން ހަށިގަނޑުތެރެށް ފައިބައިގެން ދިޔަ ފަދައެވެ. ޒިނާ ބޭނުންވީ އޭނަގެ އެކުވެރިކަމެއް ނޫނެވެ. ބޭނުންވަނީ އިޒުވާނުގެ ލޯތްބެވެ. އޭނަގެ އޯގާތެރި ފިރުމުންތަކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޒީނާ ދެކެމުން އައީ އިޒުވާނަކީ އޭނަގެ ލޯބިވެރިޔާގެ ގޮތުގައެވެ. އެ ހިތުގައި އިޒުވާނަށް ދެވުނީ ލޯބިވެރިއެއްގެ ދަރަޖައެވެ. ހިތުގައި ރޯވެގެން ދިޔައީވެސް ލޯބީގެ ހުޅުކޮޅެވެ. ބޭނުންވަނީ ވެސް އިޒުވާނުގެ މީހަކަށް ވާށެވެ. ނަމަވެސް މިއަދު އޭނަގެ ކުރިމަތީގައި އިޒުވާނު އެދެނީ އޭނައަށް ކުރަން ކެތްވާނެ ކަމެއް ނޫނެވެ. އީމާ ނޫން އެހެން މީހަކަސް އެ މަގާމެއް ދެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އީމާ އަކީ އަބަދުވެސް އޭނަގެ އެންމެ ގާތްއެކުވެރިޔާއެވެ. އިޒުވާނަށް ދޭނެ އެއްވެސް ޖަވާބެއް ޒީނާއަތުގައިވެސް ނެތެވެ. ދެއްކޭނެ އެއްވެސް ބަހަނާއެއްވެސް ނެތެވެ. އެހެން ނަމަވެސް އިޒުވާނު ބުނެފިނަމަ އަމިއްލައަށް މަރުވާންވެސް ޒީނާ ހުރީ ތައްޔާރަށެވެ.

 

“ވެވިދާނެ. އިޒުވާނު އެދޭ ކޮންމެ ކަމެއްވެސް ކުރާނަން..” ޒީނާގެ ބަސްތަކުން އިޒުވާނު ބުނެފިއްޔާ މަރުވެސް ވެދާނެކަން ހާމަ ވެގެން ދިޔައެވެ. އިޒުވާނުގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ޒީނާ އެ ޖަވާބު ދިނީވެސް ހިތްވަރުކޮށްލާފައެވެ. އިޒުވާނު އެދޭ ކޮންމެ އެދުމެއްވެސް ފުރިހަމަކޮށްދޭން ޒީނާ ހުރީ ތައްޔާރަށެވެ. ލޯބި ޤުރުބާން ކުރަންޖެހޭ ދުވަހެއް އަތުވެއްޖެއްޔާއި އެދުވަހަކުން އެކަންވެސް ޒީނާއަށް ކުރެވިދާނެއެވެ. އެހާ ވަރަށް އެހެން އެއްވެސް އިންސާނަކަށް މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. ޙައްޤުވިޔަސް ނުވިޔަސް އިޒުވާން ނޫން އެހެންފަރާތަކަށް އެލޯތްބެއް ނުދެވޭނެވެ.

 

ފަސިންޖަރުންގެ ގޮޑީގައި އިޒުވާނު އިށީނެވެ. ޒީނާ އޭރުވެސް ކޮޅަށް ހުއްޓެވެ. އިޒުވާނު ގޮޑީގައި ހަމަޖެހިލަމުން ޒީނާއަށް ބަލައިލިއެވެ. އޭރުވެސް ޒީނާ އެހުރިގޮތަށް ހުރީއެވެ.

 

“ޒީ އަހަރެންނަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެ؟”

 

“ޒީ އަހަރެންނަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެ؟” ޒީނާއަށް ހީވީ މީހަކު އޭނަގެ މޭގައި އަޅާ ކޮށްޕާލިހެންނެވެ. އިޒުވާނުގެ ދުލުން އެހެން މީހަކު ދެކެ ލޯބިވާ ވާހަކަ އަޑުއަހަން ދުވަހަކުވެސް ޒީނާ ބޭނުމެއް ނުވާނެއެވެ. ނަމަވެސް ޒީނާއަށް އެއަޑު އިވިއްޖެއެވެ. ގައިމުވެސް އިޒުވާނު އޭނަ ދެކެ ލޯތްބެއް ނުވާނެވެ.

 

“އަހަރެން ދެން ދަނީ” ޒީނާ ފަޔަށް ލެވުނުހާ ބާރެއްލާފއި ހިނގައިގަތީ އެތަނުން ދިއުމަށެވެ. އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހަން ޒީނާގެ ކަންތަފަކަށް ކުޅަދާނައެއް ނުވާނެއެވެ. ކިތައްމެ ވަރަށް ކެތްކުރަން މަސައްކަތް ކުރި ނަމަވެސް ޒިނާއަށް ރޮވުނެވެ. އިޒުވާނު ވެސް ޒީނާގެ ފަސްފަހަތުން ގޮސް ޕިއްޒާ ކޮންޕެނީތެރެއަށް ވަނެވެ. ޒީނާ ފެނޭތޯ އެތަނުގެތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެއްވެސް ދިމާލަކުން ޒީނާ ފެންނާކަށް ނެތެވެ.

 

***

 

ހެނދުނު ޑިއުޓީއަށް ދިޔަ ޒީނާއަށް ޑިއުޓީ ނިންމާލުށްފަހު ގެއަށް އާދެވުނީ ހަވީރު ވާން ކައިރިވެފައި ހުއްޓައެވެ. ފެންވަރާލައިގެން އެނދުގައި ޖައްސާލިއެވެ. ދެލޯ މަރާލުމާއެކު އިޒުވާނު ބުނި ވާހަކަތައް ކަންފަތުގައި ގުގުމައިގެން ދިޔައެވެ. ބާލިސް ނަގައި ކަންފަތްމަތީގައި އަޅާ ބާރަށް ފިއްތައިގަނެވުނެވެ. ރޯން ބޭނުން ނުވި ނަމަވެސް ޒީނާއަށް ރޮވުނެވެ. އެހެން އެނދުގައި ރޮއި ރޮއި އޮއްވާ ޒީނާއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭންގުނެވެ.

 

ޒީނާއަށް ހޭލެވުނީ މީހަކު އޭނަގެ ގައިގައި އަތްލާހެން ހީވެގެންނެވެ. ޒީނާއަށް އެކަން އިޙްސާސްކުރެވިގެން ދެފަރާތަށް ފުރޮޅިލަމުން ދެލޯ ހުޅުވާލިއެވެ. ހުވަފެނެއްކަމަށް ހީކޮށް  އަނެއްކާވެސް ދެލޯ މަރާލިއެވެ. ކުޑަ އިރުކޮޅެއްނުވެ އަނެއްކާވެސް ދެލޯ ހުޅުވާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ކަނު އަނދރިކަމެވެ. އަނދިރިކަމުން އެއްވެސް ތަނެއް ފެންނަވަރެއްނުވިއެވެ. އެއްލި ކަޅިއަކުން ފެނުނީ ކަޅު ހިޔަންޏެކެވެ. އެއީ އޭނައާއި ދާދި ގާތުންނެވެ. ޔަޤީން ކޮށްލުމުގެ ގޮތުން އަނެއްކާވެސް ރަނގަޅަށް ދެލޯ ހުޅުވާލުމަށްފަހު ބަލައިލިއެވެ. އެއީ ކުންހީ އެއްނޫނެވެ. ކޮންމެވެސް މީހަކު އޭނައާއި ދާދި ގާތުގައި ހުއްޓެވެ.  ކުއްލިއަކަށް އެނދުން ތެދުވިއެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުން ޒީނާއަށް ތަންދޮރު ވަކިވާވަރެއް ނުވިއެވެ.

 

“ކާކު؟”ޒީނާއަށް ބާރަށް ބުނެލެވުނެވެ. އޭރުވެސް އެ މީހަކު އެތަނުގައި ހުއްޓެވެ. ޒީނާ އަށް އެއްވެސް ހަރަކާތެއް ގެންނާކަށް ނުކެރުނެވެ. މޫނުގައި އަތްއަޅާލެވުނެވެ.  ހަޅޭއްލަވައިގަންނަ އުޅުނު ނަމަވެސް އަޑު ބޭރުވާގޮތެއް ނުވިއެވެ. އިރުކޮޅަކުން އިވުނީ މީހެއްގެ ފިޔަވަޅުގެ އަޑެވެ. ބިރުން ތުރުތުރު އަޅާ ހާލުގައި މޫނުމަތިން އަތްނެގިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެހެނަސް މިހާރު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އެނދުން ތެދުވެގެން ގޮސް ހޮޅިބުރި ދިއްލާލިއެވެ. އެހެން ނަމަވެސް އެތާކު އެއްވެސް މީހަކު ނެތެވެ. މީހަކު ހުރި ކަމުގެ ނިޝާނެއްވެސް ނެތެވެ. ޒީނާ ގޮސް ދޮރު ހުޅުވާލުމަށްފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެތަނުންވެސް އެއްވެސް މީހަކު އުޅޭ ކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކޮޓަރީގެ ދޮރު ތަޅު ލުމަށްފަހު ގޮސް އެނދުގައި ޖައްސާލީ ކުރެވުނީ ކުންހީއެއްކަމަށް ބަލާފައެވެ.

 

***

 

“އައްސު ބުނަން މަ ހައު ދެކެ ވަރަށް ލޯބިވޭ..” ބިޑިއެއް އޮޅަމުންދިޔަ ޒުހުރީ ނޭފަތް ދަމާލަމުން ބުންޏެވެ. އޭރު ހައުލާ ރެޑްބުލް ދަޅެއް ހިފައިގެން އެ ބޯން ޒުހުރީ ނިދާ އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނެވެ. ހައުލާ އިނީ ޒުހުރީއަށް ބަލާށެވެ. މުޅި ކޮޓަރި ތެރެއަށް ވަނީ ސިނގިރޭޓްގެ ދުމުން ފުސްކަމެއް ވެރިވެފައެވެ.

 

އެ ކޮޓަރިތެރެއަށް ބަލާލުމުން އެއީ އިންސާނުން ދިރިއުޅޭ ތަނެއް ނަމަވެސް އެއްވެސް ތަރުތީބެއް ނެތެވެ. އެކި ދިމަ ދިމާލުގައި ޒުހުރީގެ އަންނައުނުތައް ވަނީ ތަރުތީބެއް ނެތި އުކާލެވިފައެވެ. ތަނުގެ ފަރުނީޗަރުތައް ބަލާލަން ހިތްގައިމު ނަމަވެސް އެއީ ގޮނޑެއް ކަހަލަ ތަނެކެވެ. އޮޅަމުންދިޔަ ބިޑި އަތަށް ހެޔޮވަރުކޮށްލުމަށްފަހު ބިޑި އަނގަޔަށް ހެޔޮވަރުކޮށްލަމުން ރޯކޮށްލިއެވެ. މަސްތީ ގޮތަކަށް ޒުހުރީ ހައުލާއަށް ނަޒަރުއެއްލިއެވެ.

 

“ކޮން ލޯތްބެއް؟ ލޯބި ވާނެ ކަމެއް ނެތް. ޒުޒު ވެސް ބޭނުން ކަންތައް މަގޭ ފަރާތުންވޭ. ލޯބި އޮތްތާ ބާއްވާ. ދީބަލަ ތީގެން ޕަފެއް  ދަމާލަން..” ހައުލާ ލާނެއް ފާޑަކަށް ހެމުން އައިސް ޒުހުރީގެ އަތުން އެ ބިޑި އަތުލަމުން ދަމައިލިއެވެ. ބިޑި ދަމާލަމުން ހައުލާ ގޮސް އިށީނީ ޒުހުރީގެ އުނގުތެރޭގައެވެ. ޒުހުރީއިނީ ގަޔަށް އެއްވެސް އެއްޗެއް ނުލާ ހުސްގަޔާއެވެ. ޒުހުރީއާއި ގާތްވެލަމުން ބޮމުން ދިޔަ ބިޑި ޒުހުރީގެ އަނގަޔަށް ދިއްކޮށްލިއެވެ. މަސްތު ހާލުގައި ހައުލާގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ. ހައުލާ ގޮސް ޓައިލް މައްޗަށް ޖެހުނެވެ. ޒުހުރީވެސް ހައުލާގެ ގައިމައްޗަށް ވެއްޓިގަތެވެ. ދެ ހަށިގަނޑެއް ނަމަވެސް މިހާރު އެވަނީ އެއްހަށިގަނޑެއްގެ ގޮތުގައެވެ. ޒުހުރީ މަޑުމަޑުން ހައުލާގެ މޫނުގައި ފިރުމާލަމުން ތުންފަތުގައި ބޮސްދޭންފެށިއެވެ. ހައުލާވެސް މަސްތު ހާލުގައި ޒުހުރީގެ ތުންފަތުގެ ރަހަ ލިބިގަތެވެ. ހައުލާއަށް ޒުހުރީގެ ކަރުގައި އަތްވަށާލެވުނެވެ. މަޑުމަޑުން ދެމީހުން ލައިގެން ހުރި އަންނައުނު ބާލަންފެށިއެވެ. އެކަކު އަނެކަކަށް މަސްތު ހާލުގައި އުފާ ލިބިގަތެވެ.

 

ޒުހުރީ ސޯޓު ރަނގަޅުކޮށްލަމުން ބިންމަތިން ތެދުވިއެވެ. އޭރު ހައުލާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. މަސްތީ ހާލުގައި ދެމީހުންވެސް ދުނިޔޭގެ އަރާމާއި ލައްޒަތު ލިބިގަތެވެ. ހައުލާ ތެދުވެގެން ބިންމަތީގައި އޮތް އޭނަގެ ހެދުން ހެޔޮވަރުކޮށްލަމުން ބޮލުމެދަށް ހުޅިއެއް ޖަހާލިއެވެ. ބިންމަތީގައި އޮތް ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގައި ރޯކޮށްލިއެވެ.

 

“ހުވާ މި ކުރީ ލާ ހިކެއްނޫން މަށަށް ލަނޑުދީފަ އެހެން އުޅޭކަށް. މަށަށް އެނގޭ އެޅ މަދެކެ ލޯބި ނުވާކަށް. ބަކަރ ކިތައް މީހުންދެކެ ލޯބިވާނެބާ؟ އެހެން އަދި އުޅޭކަށް ޗާންސެއް ނުދޭނަން.. ލޯބިވެޔޭ ކިޔައިގެން ބަޅ މަށަށް ދިނީ ދޯކާ.. މަ މިހެން އުޅުނަސް މަ އޮންނާނީ އެ ބަޅށް ވަފާތެރިވެފަ.. ކިތައް ބިޓުން އެޅ މަށާ ރައްޓެހިވެގެން ހުރެ ތަޅަން ގެންގުޅުނީ.. މަ ރަނގަޅުކަމުން އުޅުނީ. އޭރުވެސް ލޯބިވެޔޭ ކިޔައިގެން ތެޅުނީ..އޭނާ ހުރީ މަގެ ސައިޑުން ކަމެއް ފެނޭތޯ ބަލަން… ބަކަރ…” ހައުލާ މަސްތު ހާލުގައިހުރެ އިޒުވާނާއި ދިމާއަށް ދުލަށްއައި ހުތުރު އެއްޗެއް ގޮވަމުން ދިޔައެވެ. އިޒުވާނުގެ ފަރާތުން ލިބުނު ހިތްދަތިކަމުގެ ބަދަލުގައި ހައުލާ ބޭނުންވަނީ ބަދަލު ހިފާށެވެ. އެކަން ހައުލާ ކުރާނެކަން އޭނަގެ ވާހަކަތަކުން ކިތައްމެހާވެސް ރަނގަޅަށް ސާފުވެގެން ދިޔައެވެ. ހައުލާ މިހާރުވެސް އިންތިޒާރު ކުރަމުން އެދަނީ ރަނގަޅު ފުރުސަތަކަށެވެ. ވަގުތު ޖެހުމުން އޭނަގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ އަލިފާންގަޑު ރޯކޮށްލާނެއެވެ.

 

“އެޅގެ ވާހަކަ ނުދައްކާ އާދޭ ބިޑިއެއް ޖަހާލަން..” މަސްތުވެ އާވާރާވެފައި އިން ޒުހުރީ ބުންޏެވެ. ވާހަކަ ދެއްކި ރާގާއި އުޅުނު ގޮތުންވެސް އެމީހުން ތިބީ ރަނގަޅަށް މަސްތުވެފައިކަން އެނގޭނެއެވެ.

 

ހައުލާގެ ވިސްނުންހުރީ ކޮންމެވެސް ދުވަހަކުން އިޒުވާނުގެ ދިރިއުޅުމަށް ޒަހަރުލާށެވެ. އޭނަގެ ހިތުގައި އަނދަމުންދިޔަ އަލިފާނުގެ ހޫނުކަން ދައްކާލަން ހައުލާ ހުރީ ކެތްމަދުވެފައެވެ. އެދުވަހަކުން އިޒުވާނު އަނދާ އަޅިޔަށްވެގެންދާ މަންޒަރު ދެކެން އޭނަ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ހައުލާގެ އަސްލު ސިފަ އެދުވަހަކުން ދައްކާލަން އޭނަ ހުރީ ކެތްމަދުވެފައިކަން އޭނަގެ ވިހަ ބަސްތަކުންވެސް ޤަބޫލުކުރެވޭނެއެވެ.

 

***

 

އީމާ ނިޔާވިފަހުން ގޭތެރެއަސް ވަނީ ފަޅުކަމެއް ގެނުވާފައެވެ. ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ދަންވަރުގެ ހަމަހިމޭންކަމުގައި ޒީނާ ނިދާފައި އޮތީ ވަރަށްވެސް އަރާމު ނިންޖަކުންނެވެ. އީމާ ނިޔާވިފަހުން ޒީނާއަށް ހަމަޖެހިލައިގެން ނިދާނުލެވޭތާ ދުވަސްތަކަކަށްފަހު އެރޭ ޒީނާއަށް ނިދާލެވޭގޮތްވިއެވެ. ކުއްލިއަކަށް ޒީނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މީހަކު އެތެރެއަށް ދެމިގަތެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް