‘ލަވަފޮށި’ އެޕްން “ރޮއެފާ” އަޑު އަހައިފިން ހެއްޔެވެ؟ އަޑު ނާހާނަމަ އަޅެ ނިކަން އަޑުއަހާލަބަލާށެވެ. އެއީ ހިތްގައިމު، ސަޅި ހިޕްހޮޕް ލަވައެކެވެ. “ޔުނިކޯ ބީޓްސް ސްޓޫޑިއޯ” އިން ދިވެހިންގެ ސަމާލުކަން ދަމައިގަތީ އެ ލަވައިންނެވެ. ހަމަ އެންމެ ލަވައަކުން ސަމާލުކަން ހޯދައި “ޔުނިކޯ ބީޓްސް” އުފެދުނުދާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމީހުން ނެރެން ފެށި ކޮންމެ ބީޓަކީ އެހުންތެރިންގެ ހިތުގެ ބީޓާއި (ހިތުގެ ތެޅުމާއި) ގުޅިފައިވާ ބީޓަކަށް ވެއްޖެ އެވެ. އަންނަ ފެބްރުއަރީ މަހު އެކެއްގައި އަނެއްކާވެސް މި ޒުވާން ގްރޫޕްގެ އައު ލަވައެއް އަޑުއިއްވައިލާނެ ކަމަށް އުމުރުން އެންމެ 18 އަހަރުގެ ރެޕަރ، ހުސެއިން ޖިނާން ޝަރީފް (ޖީނީ) ބުނެފިއެވެ.
“ޔުނިކޯ ބީޓްސް ސްޓޫޑިއޯ” ވުޖޫދަށް އައީ ހަމަ އެންމެ ބޭނުމެއްގައެވެ. ހިޕްހޮޕަށް ދިވެހިންގެ ލޯބި އިތުރުކުރުމަށެވެ. “ޔުނިކޯ ބީޓްސް ސްޓޫޑިއޯ” އުފެދުނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ.
“ޔުނިކޯ ބީޓްސް ސްޓޫޑިއޯ” ވުޖޫދުކުރި، ހުސެއިން ޖިނާން ޝަރީފް (ޖީނީ) މުނިއަވަސް އަށް ބުނީ ސްޓޫޑިއޯ އުފެއްދީ ހިޕްހޮޕަށް ލޯބިދެވިފައިވާ ލެއް ބޮޑުކަމުން ކަމަށެވެ. ސްޓޫޑިއޯ އިން އުފައްދާ ލަވަތަކުގެ ޅެންތައް ހަދަނީ ކުޑައިރުން ފެށިގެން ހިޕްހޮޕަށް ލޯބިކުރަމުން އަންނަ ރެޕަރ، ހުސެއިން ޖިނާން ޝަރީފް (ޖީނީ)އެވެ.
“ހިޕްހޮޕް ލަވަތައް އަޑުއަހާހިތްވާތީ ލިރިކްސް ލިޔަން ފެށީ.” ޖީނީ ބުންޏެވެ.
ފުރަތަމަ ލަވައަށްފަހު ޖީނީ ބޭނުންވީ ހިޕްހޮޕް ލަވަ ހަދަން ދަސްކޮށްގެން އެކަން ކުރާށެވެ. އެގޮތުން މާޓު އާއި ސިންބޮލިކް ރެކޯޑްގެ އާޓިސްޓް މުހައްމަދު ނަބީލް (ޓޯއީ) އާ ‘ބީޓޮލޮޖީ’ގެ އިރުފާން އަބްދުލް ލަތީފް (ޓްރޯ) ފަދަ ފަންނާނުންގެ އެހީތެރިކަން ހޯދައިގެން ލަވަ ހަދަން ދަސްކުރިއެވެ. ގިނަ ވަގުތުތަކެއް އެކަމަށް ހުސްކޮށްލިއެވެ. ސްކޫލުގައިވެސް ކުރަންފެށި ކަމަކީ ލަވަހެދުމެވެ. އެންމެފަހުން އެކުވެރިއަކާއި ގުޅިގެން އަމިއްލަ ލަވައެއް ރެކޯޑް ކުރަން ނިންމިއެވެ. އެކަމަށްޓަކައި ސްޓޫޑިއޯއެއް ހެދުމަށް ނިންމި އެވެ. ކުރެވުނު މަސައްކަތުން ނިކުތް ހަމައެކަނި ‘ސިންގަލް ބީޓަކީ’ “ޔުނިކޯ ބީޓްސް” އެވެ.
ހިޕްހޮޕަށް އާ ހުނަރުވެރިންތަކެއް އުފެއްދުމަށް އަމާޒު ހިފައިފައި ހުރި “ޔުނިކޯ ބީޓްސް” އުފެދުނުތާ އަހަރެން ނުވަނީސް ދާއިރާއަށް އައު ތިން ފަންނުވެރިން ތަޢާރަފް ކުރިއެވެ. ލަވަތައް އުފެއްދީ ހަބޭހަށޭ ބުނާހާ ވަރަށެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި ނުވަ ލަވަ އުފައްދައިފި އެވެ.
ޖީނީ ބުނީ އެހުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އެމީހުންގެ ލަވަތައް ބައިވަރު އެބަހުރި ކަމަށެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ވެސް އެމީހުންގެ ލަވައެއް، ލަވަފޮށީގައި ވަނީ ނެރެފައެވެ. ރޭ ނެރުނީ ސައުންޑް ކްލައުޑަށް ކުރިން ލާފައިވާ ލަވައެއް ކަމަށް ޖީނީ ބުންޏެވެ.
“ނިއު ސޯންގެއް ނޫން. ސައުންޑް ކްލައުޑްގަ އުޅޭނެ، އެކަމަކު ލަވަފޮށްޓަށް ނިއު.” ޔުނިކޯ ބީޓްސްގެ ނިއުސް ފްލޭޝް މީޑިއާ ޕާޓްނަރަކަށް އަލަށް ހަމަޖެހުނު މުނިއަވަސްގެ ލޯގޯ ވެސް ކަވަރ ގައި ހިމަނައިގެން ރޭ ރިލީޒްކުރި ލަވަޔާ ބެހޭގޮތުން ޖީނީ ބުންޏެވެ.
“މިއަހަރު އަހަރެންގެ އަޑުން “ރީތިކަން” މި ނަމުގައި ލަވައެއް ނެރޭނަން. މިހާރު ލިރިކްސް ލިޔެ ނިމިޖެ. މި ލަވައިގައި މި ދާއިރާއަށް އަލަށް ނުކުންނަ އާޓިސްޓެއްގެ އަޑުއިއްވައި ދިނުމަކީވެސް އަހަރެންގެ އުއްމީދެއް.” ޖީނީގެ މަސައްކަތްތައް ކިޔައިދެމުން ބުންޏެވެ.
“ޔުނިކޯ ބީޓްސް” އުފައްދަން ޖީނީ އާއެކު އުޅުނީ އަހުމަދު މިމުރާހް (މިމޫ) އެވެ. އޭނާ އަކީ ޔުނިކޯ ބީޓްސްގެ ފުރަތަމަ އާޓިސްޓެވެ. “ޔުނިކޯ ބީޓްސް” އިން ނެރުނު ލަވަތަކުގެ ތެރެއިން މިހައިތަނަށް އެންމެ ކާމިޔާބުވި ލަވަ ކިޔާފައިވާ އަންހެން ފަންނާނަކީ ވެސް ޔުނިކޯ ސްޓޫޑިއޯއިން ދާއިރާއަށް ނެރެދިން އަޑެކެވެ.
ވަސީލަތްތަކުގެ ގޮތުން ކިތަންމެ ފަގީރަސް، ޖީނީގެ އުފެއްދުންތެރިކަން ވަރަށް މުއްސަންޖެވެ. ވިސްނުންވެސް ރަނގަޅެވެ. ދާއިރާ އަށް ގިނަ ލަވަތަކެއް ނެރުމަށް އޭނާ ރާވާލާފައިވާ ޕްލޭންވެސް ފައްކަލެވެ. ރާއްޖޭގެ އެހެން ސްޓޫޑިއޯތަކާ ގުޅިގެން ތަފާތު ލަވަތަކެއް ނެރުމަކީ އެމީހުންގެ ޕްލޭނެކެވެ. މިވަގުތު އެ އަމާޒުގައި މަސައްކަތް ކުރަމުން ގެންދަނީ ހިޕްހޮޕްގައި ފާހަގަކޮށްލެވޭ ބީޓޮލޮޖީ ސްޓޫޑިއޯއާއެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!