ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީ އަކީ މި ޒަމާނުގެ ކުދިން ވަރަށް ލާނެތް ކަންތައްތައް ކޮށްލުމަށް ބޭނުންކުރާ އެއްޗެކޭ ބުނުމުން ‘އަހަރެން ވަރަށް ބޮޑު ވާހަކައެއް’ ދައްކަނީއޭ ހިތަށް އަރާފާނެއެވެ. މައްސަލައެއް ނެތެވެ. ހަޤީޤަތް ވާނީ ހަޤީޤަތަކަށްދޯ އެވެ. އެހެން ނޫނަސް ހަމަ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް، އައިފޯނުން ކޮށްލެވޭ ކޮންމެވެސް ކަމެއް، ކޮންމެވެސް ބަޔަކު އަންނަނީ ހޯދަމުންނެވެ. އައިފޯނުގައި ހުންނަ ބައެއް ޚާއްޞަ ސިފަތަކަކީ އާއްމުކޮށް މީހުންނަށް އެނގިފައި ނުވާ ސިފަތަކެކެވެ.

ދައްކަން މިއުޅެނީ ވަރަށް ވަރުގަދަ ކަމެއް ފަޅާއަރުވައިލި ވާހަކައެކެވެ. އައިފޯނަށް ޚާއްޞަކޮށްގެން ބާޒާރަށް ނެރެ މިހާރު އެންމެ ވައިގައި ހިފައިގެން އުޅޭ އެއަރޕޮޑު ބޭނުންކޮށްގެން މީހުން ދައްކާ ވާހަކަ ވަގުތުން އަޑުއަހައިލެވެއެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ ބުނެވޭނީ އެއަރޕޮޑެއްގެ އެހީގައި ޖާސޫސް ކޮށްލެވިދާނެ އެވެ. ބަޔަކު ދައްކާ ވާހަކައެއް، އެމީހުންނާއި ދުރުގައި ހުރެގެންވެސް ސިއްރުން އަޑުއަހައިލެވިދާނެ އެވެ.

މިއީ އެއަރޕޮޑު އުފެއްދިއިރު އޭގައި ހިމަނާފައިވާ ފަންކްޝަނެއް ބޭނުންކުރުމަށް ހަދާފައިވާ ގޮތެއްގެ ސަބަބުން އެއަރޕޮޑަށް ލިބިފައިވާ ޚާއްޞަ ސިފައެކެވެ. އެއަރޕޮޑުން އަޑުއަހައިލެވޭ މިންވަރު ރަނގަޅުކުރުމަށް ހިމަނާފައިވާ މި ފީޗާގެ ސަބަބުން ކުރިން މި ބުނި ގޮތަށް ތަންކޮޅެއް ދުރުގައި ހުރެގެންވެސް، އެހެން ހިސާބެއްގައިތިބެ، ބަޔަކު ދައްކާ ވާހަކަ އަޑުއަހައިލެވެއެވެ. ޓްވިޓަރު ބޭނުންކުރާ މީހެއް ކަމަށްވާ އާރނޯލްޑްކްރިންޑޯ ވަނީ މިކަން ފަޅާއަރުވާލާފައެވެ. އޭނާ ބުނީ ކޮޓަރިއެއްގައި ހުރެފައި އެތަނުން ނިކުމެގެން ގޮސް އެހެން ތަނެއްގައި ހުރެގެންވެސް، އެ ކޮޓަރީގައި ބަޔަކު ދައްކާ ވާހަކަތައް އަޑުއަހައިލެވޭނެ ކަމަށެވެ.

މިކަމަށްޓަކައި ކުރަން ޖެހެނީ ވަރަށް ކުޑަކުޑަ މަސައްކަތެކެވެ. އައިފޯނުގެ ސެޓިން އަށް ގޮސް ‘ކޮންޓްރޯލް ސެންޓަރ’ ސެލެކްޓްކޮށްލާށެވެ. އެތަނުން ކޮންޓްރޯލް ކުރެވެން ހުންނަ ކަންތައްތަކުން “ހިޔަރިން” ކަސްޓަމައިޒް ކޮށްލާށެވެ. އެއަށްފަހު “ލައިވް ލިސެން” އިޚްތިޔާރުކޮށްލާށެވެ. އެއަށްފަހު ކޮޓަރީގައި ފޯނު ބޭއްވުމަށްފަހު އެއަރޕޮޑް ހިފައިގެން ނުކުންނާށެވެ. އެއަރޕޮޑް އޮންކޮށްލުމަށްފަހު، އެ ކޮޓަރި ތެރޭގައި ތިބި މީހުން ދައްކާ ވާހަކަތައް އެއަރޕޮޑުން އަޑުއަހަން ފަށާށެވެ. އަސްތަޣްފިރުﷲ އެވެ. މި ކިޔައިދެވުނީ ޖާސޫސު ކުރާނެ ގޮތެއް ދޯ އެވެ. ގޯސް ގޮތެއްގައި މިކަން ބޭނުން ނުކޮށްފިއްޔާ މައްސަލައެއް ނެތްތާއެވެ. ‘ބޭބީ މޮނިޓަރިން’ ފަދަ ކަމަކަށް ބޭނުން ކޮށްލެވިދާނެ ދޯ އެވެ.

ތިމާ ތަނެއްގައި ހުރެފައި ފުރަގަސް ޖަހާއިރަށް ތިމާގެ ނެތިނުބައި މޮށޭހިނދު މިގޮތަށް އެއަރޕޮޑް ބޭނުންކުރާކަށް އަހަންނެއްވާ ނުބުނާނަމެވެ. މީސްމީޑިއާގައި މިކަމާމެދު ވަރަށް ފޯރީގައި ބަހުސެއް ކުރެވެމުންދާ ވާހަކަ ބުނެލަމުން ފުލުސްޓޮޕެއް މި ޖަހަނީ އެފަދަ ބައެއް ޕޯސްޓްތައް ހިމަނާލަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.