މީހަކު ބުންޏެވެ. ތިމަންނައަށް މިވެނި އެވެނި ގޮތަކަށް އުޅެވުނީ ޖިންނީން ތިމަންނާއަށް ބާރުފޯރުވައިގެން އެކަން ކުރުވީމައެވެ. ކުރާނެ ކަމެއް ކޮށްފައި އެކަން ޖިންނީންގެ ބޮލުގައި އެޅުވީ، ކަމުން ރެކޭށެވެ.
ބަޔަކު ކިޔާތީ އެބައިވެއެވެ. ސިނަމާލޭ ބުރިޖާއި ލިންކް ރޯޑުގައި އެކްސިޑެންޓްތައް ގިނަވެގެން އުޅޭއިރު އެކަންވެސް މިހާރު އޮތީ ޖިންނީންގެ ބޮލުގައި އަޅުވާފައެވެ. ބުރިޖުމަތިން ނުވަތަ ލިންކު ރޯޑުން ޖިންނިއެއް ފެނި، ސައިކަލުގެ ބްރެކި ޖެއްސިގެން ނުވަތަ ކޮންމެވެސް އެހެން ގޮތެއް ވެގެން އެކްސިޑެންޓް ވަނިއްޔޯލަ އެވެ.
ފްލޯކް ވާހަކައެއްގައި ބުނެއެވެ. ކަނޑުން ރަންނަމާރިއެއް އަރައެވެ. ފުރާވަރުގެ އަންހެން ކުއްޖެއް ނަލަހައްދާފައި ރަންނަމާރި އަރާ ރެއަށް ބުދުކޯލުގައި ބައިންދަން ޖެހެއެވެ. ހެނދުނު އަލިވިލޭއިރު ކުއްޖާ އޮންނަނީ މަރާލާފައެވެ. ރަންނަމާރިގެ އުނދަގުލުން ސަލާމަތްކުރެއްވީ އަރަބި ކަރައަކުން ވަޑައިގެންނެވި ދީނީ ދަންނަބޭކަލެކެވެ. އަންހެން ކުއްޖާގެ ބަދަލުގައި، ދީނީ ޢިލްމުވެރިޔާ، އަންހެން ހެދުން އަޅުއްވައިގެން ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވާން ބުދުކޯލުގައި އިންނަވައިގެންނެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ކީރިތި ޤުރުއާން ކިޔަވާއަޑު އިވުމުން ޝައިޠާނާ ބިރުގަންނާނެއެވެ. ރާއްޖެ އިސްލާމްވިގޮތް ކަމަށް ކިޔައިއުޅުނު ވާހަކައިން އަޅުގަނޑަށް ހަމައެކަނި ޤަބޫލުކުރެވުނު ކަމަކީވެސް އެއީއެވެ.
ނަމަވެސް އިންސާނާގެ އަމިއްލަ އިހްމާލުން ހިނގާ ކޮންމެ ކަމެއް ޖިންނިންގެ ބޮލުގައި އަޅުވަން ހެޔޮވާނެތޯއެވެ؟ މިއީ އަޅުގަނޑަށް އައި މާމޮޅު ޚިޔާލެއް ނޫނެވެ. ފިލްމީ ތަރި ޝާޒް ނުވަތަ ތަޖޫބެ އޭނާގެ ފޭސްބްކްގައި ޖަހާފައިވާ އަދާހަމައަކުން މި މައުޟޫގައި ގަލަން ހިނގައިލަން އަޅުގަނޑުގެ ހިތަށް، ‘ޙާލަތުއް ޟަރޫރާ’ އާ ކުރިމަތިވީއެވެ. ޝާޒްގެ ޕޯސްޓަށް ޖެހިލަމާތޯ އެވެ.
“ޖިންނި އަކީ ﷲ ޚަލްޤްކުރެއްވި މަޚްލޫޤެއް☝️. ހުރިހައި ކަމެއް ޖިންނީންގެ ބޮލުގައި އެޅުވީމަ ކަމަކުނުދާނެ🚘. ޖިންނިއެއް ނޫން، ކަނޑުފުރޭތައެއް ފެނުނަސް ބުރަކި ހިފާލީމާ ކާރެއް ތިންހަތަރުބުރު އަޅާފައި ދާނީ ލައްކަ ދުއްވުނީމާ ދޯ؟”
ޝާޒް ކޮށްފައިވާ ޕޯސްޓްގައި އެ އިޝާރާތް ކުރެއްވީ ‘ސަތޭކައިގެ ވާހަކައެއް’ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެއް ނޫންތޯއެވެ. ކަން މިހެން އޮތްއިރު، ސިނަމާލެ ބުރިޖުމަތިން، ސިނަމާލެ ލިންކު ރޯޑުން، އައްޑޫ ލިންކު ރޯޑުން، ލާމު ލިންކު ރޯޑުން، ކައްދޫ-ފޮނަދޫ ނުވަތަ ކައްދޫ-މާންދޫ ކޯޒްވޭ މަތިން ނުވަތަ އެހެންވެސް މަގެއް ނުވަތަ ބުރިޖަކުން ބާރު ސްޕީޑްގައި ދުއްވާފައިދާ ވާހަނައެއް (ވެހިކަލް އެއް) ކޮންޓްރޯލުން ނައްޓައިގެން ގޮސް ނުރައްކާތެރި ހާދިސާއެއް ހިނގުމުން އެކަންވެސް އަޅުވަންވީ ޖިންނީންގެ ބޮލުގައި ތޯއެވެ؟ އެގޮތަށް ޖިންނީންގެ ބޮލުގައި އެކަން އެޅުވުމަކީ ޤަޟާ ޤަދަރަށް އީމާންވުންތޯއެވެ؟ އެގޮތަށް ޖިންނީންގެ ބޮލުގައި އެކަން އެޅުވުމަކީ ވާހަނަ ދުއްވާ މީހުންގެ ހިތްތަކަށް ނުބައި މެސެޖެއް ގެނެސްދިނުން ނޫންތޯއެވެ؟
ޝާޒްގެ ޕޯސްޓަށް މީހުން ކޮށްފައިވާ ރައްދަމަލު (ރިއެކްޝަން) ތައް އަމިއްލަފުޅަށް ވިދާޅުވެލައްވާށެވެ. އަޅުގަނޑަށްވެސް ފާހަގަކޮށްލެވުނު ބައެއް ރައްދަމަލުތަކަށް ބަލައިލާނަމެވެ.
އެކަކު ބުނެފައި އޮތެވެ. “ކީއްވެބާ ބުރިޖުގައި މަސައްކަތްކުރި ޗައިނާ މީހުންނަށް ތިޔަ ޖިންނިތައް ނުފެނުނީ؟” މި ސުވާލަށް ޖަވާބުދެމުން އެހެން ދެމީހަކު ބުނީ، “އެމީހުން ލޯ ކުޑަވީމާ ޖިންނި ފެންނަވަރު ނުވަނީ. އެމީހުންނަށް ފެންނާނީ ހަމައެކަނި އެމީހުން ކުރަން ހުންނަ މަސައްކަތް.”
އަނެއްމީހާ ބުންޏެވެ. “ޗައިނާ މީހުން އުޅުނީ ޖިންނި ނުފެންނަ ހެލްމެޓް އަޅައިގެން.”
އަދިވެސް އިތުރު ކޮމެންޓްތަކަށް ބަލައިލާނަމެވެ. “އަޅޭފަހެ ތިތަން ހެދިއިރު 24 ގަޑިއިރު ތިތާނގަ މަސައްކަތްކުރަން އުޅުނު މީހުންނަށް ތި ފުރޭތަ ބިރުނުދެއްކީ ކީއްވެތަ. ކިހާ ދެރަކަމެއް.”
އަދިވެސް އެހެން މީހަކު ބުންޏެވެ. “ތި ބުނުއްވީ ހަމަ މިލިޔަން ޑޮލަރސްގެ ވާހަކައެއް.”
މިހެންގޮސް އެތައް ޝުޢޫރުތަކެއް ޝާޒްގެ މި ޕޯސްޓަށް ކޮށްފައި އެބަހުއްޓެވެ. ކޮމެންޓްކުރި އެކަކު ބުނިގޮތަށް ޝާޒް އެ ދެއްކެވީ މިލިޔަން ޑޮލަރުގެ އަގުހުރި ވާހަކައެކެވެ. މަސް ނުބޭނުނީމާ ކަނޑާއި އޮޑި ގޯސްވާގޮތަށް، ތިމާމެންގެ އަމަލުތައް ހުންނަގޮތުން ކުރިމަތިވާ ކަންކަމުގައި މަތިޖެހުމަށް އެހެން ބައެއްގެ ނުވަތަ އެހެން މަޚްލޫޤުން ތަކެއްގެ ބޮލުގައި އެޅުވުމަކީ ކަމުގެ ހައްލު ލިބެން އޮތް މަގެއް ނޫނެވެ.
ހަދާފައި ހުންނަ ޤާނޫނާއި ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީއެވެ. ވާހަނައަކަށް އެރުމަށްފަހު ‘ދުނިޔެ ރަންވެގެން’ އުޅޭހެން އުޅުން ހުއްޓާލަންވީއެވެ. ބާރު ސްޕީޑްގައި ނުދުއްވަންވީ އެވެ. ދުއްވާ މީހުން ހެލްމެޓް އަޅައިގެން ދުއްވުމަށް އާދަވެސް ކުރަންވީ އެވެ. ހިނގާމީހުންވެސް ހެދިފައި އޮންނަ އުސޫލުތަކަށް ޢަމަލުކުރަންވީ އެވެ. ވާހަނަ ދުއްވައިގެން އެކްސިޑެންޓެއް ވުމުން އެކަން ޖިންނީންގެ ބޮލުގައި އެޅުވުން ހުއްޓާލަންވީ އެވެ.
ޤަބޫލުރަންޖެހޭ އެންމެ މުހިންމު އެއް ޙަޤީޤަތަކީ، ތިމާއަކީ ވާހަނަ ދުއްވުމަށް ކިތަންމެ ފަރިތަ މީހަކަސް، ތިމާއަށްއަށް ވުރެން އަނެއްމީހާ ނުފަރިތަ ވެދާނެކަމެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ސިކުނޑީގައިވެސް ބަހައްޓަން ޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!