“ގޮށްރާޅު” ފިލްމުގެ ދެވަނަ ޓްރެއިލަރ، ވަރުގަދަ ރާޅެއްހެން ބިންދާލައިފިއެވެ. 04 ފެބްރުއަރީ ގައި ރިލީޒްކުރާ “ގޮށްރާޅު” ފިލްމުގެ ޓީމުން ރޭ އޮލިމްޕަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން މި ފިލްމާއިމެދު އަލީ ޝިފާޢު (ޗިއްޕެ) ބުނީ ކިހާވަރެއްގެ ބޮޑު ވާހަކައެއްކަން މި ޓްރެއިލަރ ބަލައިލުމުން ކޮންމެވެސް ވަރަކަށް އެނގޭނެއެވެ.

 

“ގޮށްރާޅަކީ ނިމޭއިރު ސީޓުގައި ހިފަހައްޓާލައިގެން އިންނަން ޖެހޭނެ ވަރުގެ ފިލްމެއް!” ޗިއްޕެ މިހެން ބުނެފައިވާއިރު، “ގޮށްރާޅު”ގެ ދެވަނަ ޓްރެއިލަރ ބަލަން އިންނަން އަޅުގަނޑަށް މަޖުބޫރުވީވެސް ގޮނޑީގައި ހިފަހައްޓާލައިގެންނެވެ.

 

މިއަދު ރިލީޒްކޮށްފައިވާ ޓްރެއިލަރ އިން ފެނިގެންދަނީ ފިލްމުގެ އަންހެން ކެރެކްޓަރެއް (ޒައިނާ) ގިސްލަމުން ފޯނުން އައިމަން ކިޔާ މީހަކާއި ވާހަކަދައްކަމުން އަންނަ މަންޒަރެވެ. އަންހެން ކުއްޖާގެ ފަސްމަންޒަރުން ފެންނަނީ މާލޭގެ އުސް އިމާރާތްތަކެވެ. އިމާރާތްތައް ފެންނަގޮތުން އަންހެން ކުއްޖާ ހުރީ ހަމަ އެހާމެ އުސް ނުވަތަ އެއަށްވުރެންވެސް އުސް ތަނެއްގައިކަން އެނގެއެވެ.

 

އައިމަން: (ގިސްލުމުގެ އަޑުގެ ތެރެއިން ފިރިހެން އަޑަކުން) “ހެލޯ ޒައިނާ”

ޒައިނާ: އައިމަން (ގިސްލަމުން)

އައިމަން: ޒައިނާ، ކިހިނެތްވީ؟ (ހައިރާންކަން އަޑުން ދޭހަވޭ) ……ޒައިނާ

ޒައިނާ: އައިމަން… އަހަރެންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އައިމަން

އައިމަން: އޭނ (ހައިރާންވެ ހުރެ، ޒައިނާގެ ޖުމްލައިގެ އެންމެ ފަހު ބައިގެ ތެރެއިން) ……. ކީކޭ ޒައިނާ ތިކިޔަނީ؟ ….. ހެލޯ ޒައިނާ ކޮންތާކު ތިހިރީ؟

 

މިއީ ޓްރެއިލަރ އިން އިވުނު ޑައިލޮގު ކޮޅެކެވެ. ދެން ވީގޮތް ޓްރެއިލަރ އިން ބަލައިލަމާ ހިނގާށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 2016 ވަނަ އަހަރު ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ފަރާތުން ނެރުނު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު “4426” އަށް ފަހު ޝިނާން ޑައިރެކްޓްކުރި އަހުމަދު ޝިނާނެވެ.

 

“ގޮށްރާޅު” ގެ ތިން ޝޯ އެއް ކޮންމެ ދުވަހަކުވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހަވީރު އެއް ޝޯ އާއި ރޭގަނޑު ދެ ޝޯ އެކެވެ. ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ. ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

 

މިއީ މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ ފިލްމެކެވެ. ފިލްމުގެ ތަރީންގެ ތެރޭގައި ޑާކްރެއިންގެ ގިނަ ފިލްމުތަކުގައި ލީޑް ކުޅެމުން އަންނަ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ) ފެނިގެންދާނީ ވަރަށް ވަރުގަދަ ރޯލަކުންކަން، މިހައިތަނަށް ދޫކޮށްލާފައިވާ ދެ ޓްރެއިލަރ އިން އެނގެއެވެ. މި ފިލްމުގައި އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބުުދުﷲ އަޒާން ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމުގައި ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

 

“ގޮށްރާޅު” ފިލްމަކީވެސް ދިވެހިފިލްމް އިންޑަސްޓްރީއަށް މޮޅު ފިލްމުތަކެއް ގެނެސްދެމުން އަންނަ، މުޙައްމަދު ޢަލީ (މޮގަރ) ޕްރޮޑިއުސްކޮށްފައިވާ ކްރައިމް ތްރިލާ އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.