ފިލްމެއް ޕްރިމިއަރކުރުމުގެ ކުރިން ބަލައިލުމުގެ ފުރުޞަތަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. ހަމަޖެހިގެން އިނދެ، ފިލްމުގެ ހުރިހައި ކަމެއްގެ މައްޗަށް ނަޒަރު ހިންގަމުން ފިލްމު ބަލައިލުމުން، ފިލްމަކީ ކިހާވަރެއްގެ ފިލްމެއްކަން ވަރަށް ރަނގަޅަށް ވަޒަންކޮށްލެވޭނެއެވެ. ފެބްރުއަރީ މަހު ހަތަރެއްގައި ރިލީޒްކުރަން ނިންމާފައިވާ “ގޮށްރާޅު” ފިލްމު ބެލުމަށްފަހު ޑާކްރެއިން އެންޓަޓެއިންމެންޓްގެ ތަޖްރިބާކާރު ޑައިރެކްޓަރ އަދި ސިނަމޮޓޮގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ) ބުނީ މިއީ ވަރުގަދަ އަދި މޮޅު ފިލްމެއް ކަމަށެވެ.

 

“މި ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ބަލާ ނުލަން، އެހެން ނަމަވެސް ޑައިރެކްޓަރަށް އިތުބާރު ކުރިން. ދެން މިހާރު ހުރިހާ މަސައްކަތެއް ނިމުނީމަ އަޅުގަނޑުވެސް ފިލްމު ބަލާލައިފިން. ބަލާލީމަ އެނގުނީ އެއީ ވަރުގަދަ އަދި މޮޅު ފިލްމެއްކަން،” ޑާކްރެއިން އެންޓަޓެއިންމެންޓުން ރޭ އޮލިމްޕަހުގައި ބޭއްވި ޕްރެސް އެއްގައި ޗިއްޕެ ބުންޏެވެ.

 

މީޑިއާތަކަށް ހުޅުވާލައިގެން ޑާކްރެއިންގެ ފަރާތުން ވާހަކަދައްކަމުން ޗިއްޕެ ބުނީ “ގޮށްރާޅު” ފިލްމަކީ ބެލުންތެރިން މާޔޫސް ކޮށްނުލާނެ ފިލްމެއް ކަމަށާއި އެ ފިލްމު ވަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ.

 

 

“ގޮށްރާޅު”ގެ ޑައިރެކްޓަރ އަހުމަދު ޝިނާން ބުނީ، ފިލްމުގައި ފެންނަ ތަރިންގެ ރޯލުތައް ވަރަށް ވަރުގަދަ ވާނެ ކަމަށެވެ. ހަމަ އެހެންމެ އަލަށް ތަޢާރަފުވެގެންދާ ތަރިންގެ އެކްޓިން ވެސް ވަރަށް ފުރިހަމަ ވާނެ ކަމަށެވެ. ޝިނާން ބުނީ ތަފާތު އެކްޓިން އެއް ދައްކައިލަން ޖެހޭ ރޯލްތަކެއް ހުރުމުން އެ ރޯލު ތަކަށް އާ ކުދިން ލާފައިވާނެ ކަމަށެވެ.

 

މިހާރު އޮލިމްޕަހުގައި ޓިކެޓް ވިއްކަމުން އަންނައިރު ފިލްމުގެ ޓީމުން ޕްރޮޑިއުސަރ ބުނީ ފިލްމުގެ ތިން ޝޯ އެއް ކޮންމެ ދުވަހަކުވެސް ދެއްކުމަށް ހަމަޖެހިފައި ވާކަމަށެވެ. އެއީ  ހަވީރު 16:00، ރޭގަނޑު 21:00 އަދި ރޭގަނޑު 23:00 ގައެވެ.

 

“ގޮށްރާޅު” ޓީމުން އޮލިމްޕަހުގައި ރޭ ޕްރެސް އެއް ބާއްވާފައިވާއިރު، ފިލްމުގެ ވަރުގަދަ ޓްރެއިލަރ އެއް މިއަދުވަނީ ދޫކޮށްލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.