ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިން އެންސީއޭ ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން ގެންދާ ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް އިން މިއަދު ހުޅުވާލައިފި އެވެ.

 

އެންސީއޭ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަޤްޞަދުގައި ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަންނާނުން މި އިޢުލާނާ އެކުގައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެންސީއޭ އިން އެދިލައްވައެވެ.

 

ފަންނުވެރިންގެ ދަފުތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައިވާ މައިގަނޑު ދާއިރާ ތަކަކީ ސަގާފީ އަދި ޒަމާނީ މިއުޒިކް، ކުރެހުން، ސަގާފީ ކުޅިވަރު، ސަގާފީ އަދި ޒަމާނީ ނެށުން، ސްޓޭޖު ތަމްސީލު ނުވަތަ ޑްރާމާ އާއި ފިލްމު އުފެއްދުމެވެ.

 

ފަންނުވެރިންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ބޭނުންވާ ފޯމުގެ ސޮފްޓްކޮޕީ އެންސީއޭ ގެ ވެބްސައިޓް:www.nca.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެންސީއޭ އިން ބުނެއެވެ. މި ދަފްތަރުގައި ރެޖިސްޓްރީ ވުމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެން.ސީ.އޭ ގެ ފޯން ނަންބަރު 3344667 އަށް ގުޅުމަށްވެސް އެންސީއޭ އިން އެދިލައްވައެވެ.

 

ފަންނުވެރިންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ބޭނުންވާ ފޯމު ދިވެހި

ފަންނުވެރިންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ބޭނުންވާ ފޯމު އިނގިރޭސި

 

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މިފަދަ ދަފުތަރެއް އެކުލަވައި ލުމަށް އޭރުގެ ސަރުކާރުގެ އިސްނެންގެވުމަށް އެންސީއޭ އިން ކުރައްވަން ފެއްޓެވިއެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު އެކަން ކުރިއަށް ދިޔަކަމެއް އެނގިފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.