މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާ ކުރު ފިލްމު “ސޯލް” ގެ ޕޯސްޓަރ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. “ސޯލް” ގެ ޕޯސްޓަރ އެންމެ ފުރަތަމަ އޮންލައިން މީޑިއާގައި ރިލީޒްކޮށްފައި މިވަނީ މުނިއަވަސް އިންނެވެ.

 

“ސޯލް” ގެ ޕޯސްޓަރުން ފެންނަނީ ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކުވައިދޭ ކޮންސެޕްޓްގެ މަންޒަރެކެވެ. މި ފިލްމާ ބެހޭގޮތުން ސީޒަން ބުނީ މިއީ ރާއްޖެއަށް ހަނީމޫނަށް އައިސް އުޅޭ ދެމަފިރިއެއްގެ ހަނީމޫނު ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

 

ވިހި ވަރަކަށް މިނެޓްގެ ކުރުފިލްމު ”ސޯލް“ގެ ޓްރެއިލަރ އެއް ނެރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ޑައިރެކްޓަރ ސީޒަން ބުނީ ވަރަށް އަވަހަށް ފިލްމުގެ ޓީޒަރ ޓްރެއިލަރ ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ.

 

”މިހާރު ކުރެވެމުން ދަނީ ކަލަރ ގްރޭޑިންގ އާއި ޓްރެއިލަރގެ ޓައިޓްލްސް ގެ މަސައްކަތްް.“ ޓްރެއިލަރ ގެ މަސައްކަތް ކުރިއަށްދާގޮތް މުނިއަވަސް އަށް ހިއްސާކުރަމުން ސީޒަން ބުންޏެވެ.

 

އަންނަ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ބައިސްކޯފް އެޕް މެދުވެރިކޮށް “ސޯލް” ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

 

ފިލްމުގެ ކާސްޓުންނަކީ ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ލަންކާގެ ދެތަރިންނެވެ. އެގޮތުން ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ’ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް’ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

 

މައިގަނޑު ގޮތެއްގައި އިނގިރޭސި ބަހުން ވާހަކަދައްކާ މި ފިލްމުގެ ގިނަ މަންޒަރުތައް ނެގީ އއ. މަތިވެރީގައެވެ.  މީގެ އިތުރުން ކ. ތުލުސްދޫގައި ވެސް ފިލްމުގެ މަންޒަރެއް ވަނީ ނަގާފައެވެ. އިނގިރޭސި ބަހުގެ އިތުރުން ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ފިލްމުގައި ހުންނާނެ ކަމަށް ސީޒަން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.