ވަރުގަދަ އަދި މޮޅު ދިވެހި ފިލްމެއް ބަލައިލަން ބޭނުންނަމަ ވީއެންމެ އަވަހަކަށް “ގޮށްރާޅު” ގެ ޓިކެޓެއް ގަންނާށެވެ. “ގޮށްރާޅު” ރިލީޒްކުރުމާމެދު ދެން އޮތީ އެންމެ ހަތް ދުވަހެވެ. މިހާރު އުޅެގެން ފިލްމުގެ ފުރަތަމަ ޝޯ އަށް ޓިކެޓް ލިބުން ފަސޭހަކަމަކަށް ނުވާނެއެވެ. ލިބުން އެއީ ނާދިރުވެސް ކަމެކެވެ. ނަމަވެސް މި ފިލްމުގެ ކުރިއަށް ހުރި ޝޯ ތަކުން ޝޯ އަކަށް ޓިކެޓެއް ގަތުމަކީ މޮޅު ފިލްމެއް ބަލަން ބޭނުންނަމަ، ހަމަ ކޮންމެހެންވެސް ކޮށްލަން ޖެހޭނެ ކަމެކެވެ.

 

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ޑައިރެކްޓަރު އަލީ ޝިފާޢު ބުނީ މިއީ ވަރުގަދަ އަދި މޮޅު ފިލްމެއްކަމަށެވެ. މީޑިއާތަކަށް ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑާކްރެއިންގެ ފަރާތުން ވާހަކަދައްކަމުން ޗިއްޕެ ބުނީ ”ގޮށްރާޅު“ ފިލްމަކީ ބެލުންތެރިން މާޔޫސް ކޮށްނުލާނެ ފިލްމެއް ކަމަށާއި އެ ފިލްމު ވަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ.

 

 

މި ފިލްމުގެ ދެ ޓްރެއިލަރެއް ފެނިފައިވާއިރު، ދެ ޓްރެއިލަރުންވެސް ފެނިގެންދަނީ ވަރުގަދަ މޮޅު މަސައްކަތެކެވެ. އެކްޓަރުންގެ ހުނަރާއި ފިލްމުގެ ޑައިރެކްޝަންގެ މޮޅުކަން ޚާއްޞަކޮށް ފާހަގަކޮށްލެވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ވިޝުއަލް އާޓްސްގެ ދާއިރާގެ ހުނަރުވެރި އަޙްމަދު ޝިނާން އެވެ. ފިލްމު 4426 ‘އެއްޗަކަށް ހަދައިދިން’ ހުނަރުވެރި މޭސްތިރިޔާ އެވެ. އަނެއްކޮޅުން ފިލްމުގެ ސްކްރީންޕްލޭއަކީ “ހެޕީ ބާތު ޑޭ”، “ހޭލާ” އަދި “ނިވައިރޯޅި” ފަދަ ތަފާތު، މޮޅު ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު މޫމިން ފުއާދެވެ.

 

ޑާކް ރެއިން އެންޓަޓެއިންމެންޓުން މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ މިފިލްމުގެ އެކްޓަރުންގެ ލިސްޓަށް ބަލައިލަންވެސް ވާނެދޯއެވެ. ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ) ފެނިގެންދާނީ ވަރަށް ވަރުގަދަ ރޯލަކުންކަން، މިހައިތަނަށް ދޫކޮށްލާފައިވާ ދެ ޓްރެއިލަރ އިން އެނގެއެވެ. މި ފިލްމުގައި އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބުުދުﷲ އަޒާން ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމުގައި ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

 

ފިލްމު ރިލީޒްކުރަނީ 04 ފެބްރުއަރީ ގައެވެ. ޓިކެޓް ނަގަން ގުޅާނީ 9911229 އަށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.