ސަމާލުކަމަށް:

މިއީ ލ. އަތޮޅު ބަހުރުވައިގެ ތެރެއިން، ލ. ފޮނަދޫގައި ވާހަކަދައްކައިއުޅޭ ބަހުރުވައިން، ލިޔުންތެރިޔާ ގެނެސްދޭން ފަށާ ލިޔުންތަކެކެވެ. ލ. އަތޮޅު ބަހުރުވައަކީ ރާއްޖޭގައި ބޭނުންކޮށްއުޅޭ ބަހުރުވަތަކުގެ ތެރެއިން ތަފާތު ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ބަލާޣާތްތެރި، ރިވެތި ބަހުރުވައެކެވެ. ލ. އަތޮޅުގެ ދަރީން އެ ބަހުރުވައަށް ފަޚުރުވެރިވާ ބަހުރުވައެކެވެ. ލ. ބަހުރުވައިގެ ބަލާޣާތްތެރިކަން އިތުރުކުރުމަށް، ރަސްމީ ބަހުރުވައިގައި، ޖުމްލަ ނިންމަން ބޭނުންކުރާ ‘އެވެ.’ ‘މެއެ’ ފަދަ ލަފުޒުތައް މި ލިޔުމުގައި ބޭނުންކޮށްފައެއް ނުވާނެއެވެ.

ލިޔުމުގެ އޯޑިއޯ ފައިލް ތިރީގައި އެޓޭޗްކުރެވިފައިވާނެ އެވެ.

 

މިޔޯ ދިވެހިރާއްޖޭ ބިންބޮޑެތި ރަށްތެއް އެއަތޮޅަކަށް ނިސްބަތްވަން ހައްދުންމަތީ ފޮނަދޫ. މިރަށަކޫ ވެސް ތަރައްގީގެ ކުލަވަރަ މަޑަ ދުވެއްޔުނަމަވެސް އުމަމުންދަން، އޮޅޭން ފަސޭހަރަށެއް. މިރަށު މީހުން އޮޅެނޫ ރަށު ތިން ހިސާބަކަށް ނިސްބަތްވަން ގޮތަށް. އެޔޯ ކުރުގަމާ މެދުއަވަށާ ބަރާސިލާ. ހޭވަރަ ވަރެއްގެ ބޮޑަމަގަކު ތާރަ އަޅާލާ ގަމާ ހަމަޔަށް ދަމާލާފާއޮވޭ. މިޔޯ އަތޮޅުވެރިކަންކެރަން ރަށަށް ވޫމާ ވަރަށް ގެނަ ފަސޭހަތެއް ހުރޭ. ސުކޫލުން އެގާރަބާރަޔަށް ކިޔަވައިވައިދޭ. ޒުވާނުން ބޯޅަ ކޮޅީލާން ފުޓްސަލް ދެދަނޑަ އޮވެފާ ކޮންމަ އަވަށަކު ބޮޑަ ބޯޅަދަނޑެއް އޮވޭ.

 

އަފޭން ކުޑައިރު މިރަށް ވަރަށް ތަފާތު. ދިރިއޮޅެން ވައްޓަފާޅި ވަރަށް ތަފާތު. އޭރު އޮތް ތަފާތު ދިރިއޮޅުމުން އެއްދޮހާ ކަންތެއްތެއް ހުންނަގޮތް އިނބޭންނާ ހިއްސާކޮށްލާން. ދޮޙާ ފެށެން ހިސާބުން ދެން ކަންތެއްތެއް ވަންގޮތަކޫ……

 

ހެނދުނު ހޭލައިގެން ފާޚާނާ ކެރާން އެރޭނޫ އަތިރިޔަށް. ހެނދުނު އެވަގުތު އަފޭން އުމުރުފުރާ ވަރަށް ގެނަ ކުދޫން އަތިރިޔަށް އެރޭޅެތް. ފާޚާނާ ކޮށްލައިގެން އަރަންއިރު ދެފާ ހުންނާނޫ ލޮނުން ތެމީފާ. އެހެންވެ އެއްގަމަށް އަރަމުން އަރާނޫ ދެފަޔަށް ހިކި ދޮންވެލި އަޅައިގެން. އަރާ ތިބޭނޫ އަތިރިމައްތު އޮންނަ ގުޅިގަނޑަކު އިށީންދެލައިގެން، ފާ ހިކެން ވަރަކަށް ފަޔުން ދޮންވެލި ފޮޅާން. އެ ދޮންވެލި ފޮޅާނޫ ހިކި ބޮންބަކުން ހުޅިކޮޅެއް ނަގައިގެން. އެހެން އެތިބެން ތިބުމު އެދޮހަޔުގެ ޕްރޮގްރާމް ރާވަމު. އޭރު އެތާތިބޭޅެތް އެމަގުން ފާޚާނާ ކެރާން އެރެން ހުރިހައި ކުދޫން. އެހެން ތިބެފާ ގެޔަށް އަރާނޫ ކިޔަވާން ދާށޭ ކިޔާފާ އަމޭ ހަޅޭލަވައިގަތޫމާ. ގެޔަށް އަރާ މޫނަދޮވެލައިގެން ދެންދާނޫ ކިޔަވާން.

 

ބަންދު ދޮހައެއް ވެއްޖައިމު ވަރަށް އަވަހާ ކިޔަވައިގެން ގެއަށް އުމާޅެތް. ކިޔަވައިގެން އަފޫ ސައި ބޮއެގެން ދެން ބަލާނޫ އަވަހަ ވީގޮތަކުން ގޮނޑަދަށަށް އެރުވޭތޯ. އެއްބައި ކުދޫން ގޭ މިހުނަށް ފެލައިގެން ވެސް އެރޭޅެތް ދެންއެރޭނޫ މޫދަށް. އެހެން އޮޅީފާ ގޭށަށް އަރާނޫ އަމޭ ނޯނުއްވާ ބައްޕާ ހަޅޭއްފަޅޭ ލަވައިގަތޫމާ. އެއްބައި ކުދޫން މޫދު ބަންނާންވެސް ބަނދޭ. އަނެއްބައި ކުދޫން ގެއަށް ދިޔާމާ އޭގެ ކަންތެއް ދައްކާލަތް. އޭރު ކުދޫންނައް އަދަބު ދިނުމުގެ ނަމު ބޮޑެތި އަނިޔާވެސް ކޮއްފާ އެބަހުރި. ބައެއް ކުދޫން ގެެއަށް އަރާފާ އެއްޗިހި ބަދަލުކޮއްލައިގެން އަނިއްކާވެސް އަތިރިޔަށް އެރީ މޫދަށް އެރޭޅެތް. ދެން ގެއަށް އަރާ ބޮނަނޫ ގޫ ދޮންނާން އިންދާ ރާޅެއް ޖަހާ ތެންމާލޫއޭ. ބައެއް ކުދޫން ލައިގެން ހުންނަ އެއްޗަކު ދަށުން ސޯޓުބުރުވެއް ލައިގެންވެސް އޮޅެތް. އެވެސް މޫދަށް އެރީފާ އަރާ ސޯޓު ހިއްކާލައިގެން ފަޓްލޫނު، ނޯނުއްވާ އޭރު އެންމަ އާއްމު ވައްތަރަ ޓުރެކްޝޫޓު ލައިގެން ގޭށަށް ދާން…

 

ހަވީރު ނުކުންނާނޫ ގޯޅިގަނޑަށް ކޮޅިވަރައިގެން. ފާންޑޯ ކޮޅުމާ، ހަންބޯޅަޔަކުން ބޯޅަ ކޮޅުން އެޔޯ ފޯރިގަދަ ދެ ކޮޅިވަރަ. މެހެން އޮޅެންއިރު ވާދަގަނޑެއް ދުއްވައިނުލަން ދޮހަޔެއް މަދަވާޅަ. ކޮޅިވަރަ ނިންމާލާނޫ އަމޭ ނޯނުއްވާ ބަފާ ހަޅޭއްލަވައިގަތޫމާ. އެއްބައި ދޮހާދޮހާ ގޭށަށް ދިޔާމާ ބަންނާޅެތް. ނޯނުއްވާ ގޭން ނެރޭޅެތް. އެކަމު މޮޅަކަމަކޫ އިރަކޮޅެއް ވަންއިރަށް ބޮނާޅެތް ގެއަށް ވަންނާށޭ، ދާށޭ ފެންވަރައިގެން ނަމާދަށް. ދެން އަވަހާ ދާނޫ ފެންވަރައިގެން ނަމާދަށް. މަޣްރިބި ނަމާދާ އިޝާ ނަމާދަކޫ ކޮންމަހެން ވެސް ކެރަން ދެ ނަމާދަ. ދެ ނަމާދަ ދޭތެރޭ އޮންނާނޫ ޔާސީން ސޫރަތް ކިޔުމާ ފޮތްކިޔުން. އެގަޑީ ފޮތެއް ހިފައިގެން ބޮޑައަށްޓު ކޮނާ މައްތު، ނޯނުއްވާ ފަތްޖެހި އެނދަކު ބަންޑުން އޮށިތްވެގެން އޮތޫމާ އެ ނިމެނޫ. ކަމަކަށް އޮންނާނޫ ހިޔަންޏާ ކޮޅުމާ ކަރަދާސް އޮޅައިގެން އެ ރޮއެކެރުން. އޭރު ނޯންނާޅަ ކަރަންޓެއް. ހުންނާނޫ ފުޅިބައްތި ނޯނުއްވާ އަތްބައްތި.

 

އިޝާ ނަމާދުން ފައިބައިގެން އަވަހާ ބަލާނޫ ކައިގެން ނިދޭތޯ….

 

މިޔޯ އަފޭން ކުޑައިރު ދިރިއޮޅަނަ، ޖަޒީރާވަންތަ ދިރިއޮޅުމުން އެއް ދޮހާ ކަންތެއްތެއް ހިނގަން ގޮތް. އަދިވެސް މި ސިލްސިލާޔުން މިކަހަލަ އެތެއް ވާހަކަތެކެއް ކިޔައިދޭން އެބަހުރި. އުއްމީދަކޫ މި ލިޔުމުން އަފޭން ކުޑައިރު އޮޅަނަ ގޮތް މިޒަމާނު ކުދުވެރީންނާ ހިއްސާކޮށްލުން.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.