މާދަމާގެ ލީޑަރުންނަކީ އަދުގެ ކުޑަކުދިންނާއި ޒުވާނުންނެވެ. ބަދުނަސީބަކުން ނަމަވެސް، އަދުގެ ޒުވާނުންނާއި ކުޑަކުދިން ބަލަމުން ގެންދަނީ އެއްވެސް އިބްރަތެއް ނުލިބޭ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެކެވެ. އެފަދަ ތަކެތި ބަލައިގެން ކުދިންގެ ހިތާއި ސިކުނޑިތައް ޚަރާބުވެގެން ދަނީ އެވެ. ނަމަވެސް މުސްލިމު ތިންބެއިން ކަމަށްވާ އަޙްމަދު، ޔޫސުފް އަދި އުސްމާން ގެ ނަމުގައި އުފައްދާފައިވާ ސްޓޫޑިއޯ އަޔޫ އިން އަމާޒު ހިފާފައިވަނީ މުސްލިމް ކުޑަކުދިންނަށް އިސްލާމީ ތަރަހައިގެ ތެރޭގައި ހިމެނޭގޮތަށް ކާާޓޫނު ފިލްމު ސިލްސިލާއެެއް ގެެނެސްދިނުމުގެ މަސައްކަތް ކުރުމަށެވެ.

 

ސްޓޫޑިއޯ އަޔޫ އިން ބުނީ އެމީހުން ނެރެފައިވާ ދަ މުސްލިމްސް ކާޓޫން، އެޕިސޯޑް 1 އާއި ދަ މުސްލިމްސް ކޮލިކް، ވޮލިއުމް 1 އަށް މިހައިތަނަށް ލިބެމުން އަންނަ އިޖާބަ ވަރަށް ފުރިހަމަ ކަމަށެވެ. ސްޓޫޑިއޯ އަޔޫ އިން އުފައްދާފައިވާ ސިލްސިލާ ކާޓޫނުފަދަ ޝަޢުގުވެރި އަދި އިސްލާމީ ރަނގަޅު އިބްރަތްތެރި މެސެޖެއްދޭ އިސްލާމީ ކާޓޫން ފިލްމެއް މިހައިތަނަށް އުފެއްދިފައި ނުވާކަމަށް އެމީހުން ބުނެއެވެ.

 

 

“އަޅުގަނޑުމެންގެ މުސްލިމް ކުޑަކުދިންނަށް ރަނގަޅުގޮތް ލިބުމަކީ އެކުދިންގެ ޙައްގެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިކަމުގައި އަޅުގަނޑުމެންގެ ކުޑަނަމަވެސް ބައިވެރިވުމެއް ދިނުމަށް، އިންޝާﷲ. އުއްމަތުގެ ހެވާއި ލާބަޔަށްޓަކައި އަޅުގަނޑުމެންގެ މި މަސައްކަތުގެ ޚަބަރު އެހެން މީހުންނާ ހިއްސާކޮށްދިނުމަށް ދަޢުވަތު އަރުވަން.” ސްޓޫޑިއޯ އަޔޫ އިން ބުންޏެވެ.

 

‘ދަ މުސްލިމްސް ކާޓޫނަކީ’ ކޮޮން އެއްޗެއް؟

ދަ މުސްލިމްސް ކާޓޫނަކީ އުމުރުން 7 އަހަރުގެ ހާނީ މުސްލިމް ނަމަކަށް ކިޔާ ފިރިހެން ކުއްޖަކާއި، އޭނާގެ 5 އަހަރަށްދާ އަންހެން ކޮއްކޮ ހުދާ މުސްލިމާއި އެކުދިންގެ މައިންބަފައިން އުޅޭ ކާޓޫނު ޝޯއެކެވެ. ހުދާ އާއި އޭނާގެ އެކުވެރިން ގަދައަޅައި މަސައްކަތް ކުރަމުންދަނީ އެންމެ ފުރިހަމަ މުސްލިމުންނަށް ވުމަށެވެ. ނަމަވެސް މިކަމުގައި އެކުދިންނަށް މަގު އޮޅޭގޮތްވި ނަމަވެސް، އަލްހަމްދުލިﷲ އެކުދިންނަށް ހެދޭ ގޯސްތައް އިހްސާސްކުރެވި އެކަންކަން އިސްލާޙް ކުރެއެވެ. މި ކާޓޫނަކީ އަޅުގަނޑުމެންގެ ކުޑަކުދިންނަށް ދުވަހުން ދުވަހަށް ބޭނުންވާނެ އިސްލާމީ ރިވެތި ފިލާވަޅުތައް ލިއްބައިދިނުމަށް އެންމެ ފުރިހަމަ ފުރުޞަތު ލިއްބައިދޭނެ ކާޓޫނު ސީރީޒެކެވެ.

 

 

ސްޓޫޑިއޯ އަޔޫ އިން ބޭނުންވަނީ ކޮންކަމެއް؟ އެކަމުގައި އެހީތެރިވެދިނުމުން ތިބާއަށް ލިބެނީ ކޮންއެއްޗެއް؟

ސްޓޫޑިއޯ އަޔޫގެ އަމާޒަކީ އެމީހުން އުފައްދާ 06 އެޕިސޯޑުގެ ކާޓޫނު ފިލްމަށް ޚަރަދުކުރުމަށް 20،000 އެމެރިކާ ޑޮލަރު ހޯދުމެވެ. މި އެޕިސޯޑުތައް ހަދަނީ އެމީހުން ނެރެފައިވާ މުސްލިމް ކޮމިކްސް ފޮތުގެ ޗެޕްޓަރުތަކުގެ މައްޗަށެވެ. މިކަން ކުރުމަށްޓަކައި އެމީހުން ފައިސާ ބޭނުންވަނީ އަންނަނިވި ކަންކަމަށް ހޭދަކުރުމަށެވެ.

 

ސަޚްޞިއްޔަތު (ކެރެކްޓަރ) ޑިޒައިން ކުރުމަށް

ސްކްރިޕްޓް އެޑިޓިންއަށް

ސްޓޯރީބޯޑް ހެދުމަށް

އެނިމޭޝަންގެ މަސައްކަތަށް

ސައުންޑް އިފެކްޓްސް އަށް

 

ކުޑަކުދިންގެ މެދުގައި މަޤްބޫލު ކާޓުނެއްކަމަށްވާ ޕެއްޕާ ޕިގް ގެ އެންމެ 05 މިނެޓްގެ އެޕިސޯޑެއް ހެދުމަށް އެ ކާޓޫނު ހެދި ކުންފުނިން ގާތްގަނޑަކަށް 44،000 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، ސްޓޫޑިއޯ އަޔޫގެ އަމާޒު ކަމަށްވާ 20،000 ޑޮރަލު ހޭދަވެގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ސްޓޫޑިއޯ އިން ޕްރޮޑަކްޝަންގެ ހުރިހައި ކަމެއް ކުރުމަށް ނިންމާފައިވަނީވެސް އެމީހުން އަމިއްލައަށެވެ.

 

 

“އެޕިސޯޑުތައް ނިމޭއިރަށް އޭޕްލީމް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދުގަ އަޅުގަނޑުމެން އެޕިސޯޑްތައް ނެރެން ފަށާނަން، އިންޝާﷲ.” ސްޓޫޑިއޯ އަޔޫ އިން ބުންޏެވެ.

 

ސްޕޮންސާ ކުރުމުގެ ފުރުޞަތު

ހަލާލުކަމެއް ކުރުމުގެ ނިޔަތުގައި އެޕިސޯޑުތައް ސްޕޮންސާ ކުރުމަށްޓަކައި ( [email protected] ) އަށް މެއިލް ކުރުމަށް ސްޓޫޑިއޯ އިން އެދެއެވެ.

 

މިހާރު ކުރިއަށްދާ ފަންޑް ހޯދުމުގެ ހަރަކާތް

ސްޓޫޑިއޯ އަޔޫ އިން ދެކެނީ އިސްލާމީ އުއްމަތުގެ އެހީތެރިކަމާއެކުގައި މާތްﷲ ގެ ވާގިފުޅާއި މިންވަރުފުޅުން މި ކާޓޫން ސީރީޒް ނިންމައިލެވޭނެ ކަމަށެވެ.

 

 

“އަޅުގަނޑުމެންގެ އައިޑިއާތަކާއި، މިތަނުން ފެނިފައިވާ ކަންކަމަށް ބެލުމަށްފަހު، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ. އަދި އަޅުގަނޑުމެންގެ ވެބްޕޭޖް ޝެއާކުރައްވާ. ރަސޫލާ ޙަދީސްކުރައްވާފައިވަނީ:

“މީހާ މަރުވެ ދިޔުމަށްފަހު އޭނާގެ ހެޔޮ ޢަމަލުތައް ތިން ޢަމަލެއް ފިޔަވައި ހުއްޓިގެން ދެއެވެ: އެއީ ހިނގަ ހިނގާ ހުންނަ ޞަދަޤާތާއި، ޞާލިޙް ދަރިއެއްގެ ދުޢާއާއި، (ދޫކޮށްފައި ދިޔަ ފައިދާކުރަނިވި) ޢިލްމު ފިޔަވައެވެ.” = މުސްލިމް: 1631 =

 

އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަދީސްފުޅުގައި އެވާފަދައިން ހިނގަހިނގާ ހުންނާނެ ޞަދަޤާތެއް، ސަބަބަކީ ތިބޭފުޅުން ކުރައްވާ ޞަދަޤާތުން ހޭދަކޮށްގެން އުފައްދާ މި ކާޓޫނު ސީރީޒް ބަލާ ކޮންމެ ކުއްޖަކަށް ފައިދާކުރާނެ.”

 

ޑޮކްޓަރ ބިލާލް ފިލިޕްސް މިކަމަށް ތާއިދުކުރައްވާ

އިސްލާމް ދީން އުނގަންނަވައިދެއްވުމަށް މަސައްކަތްތކުރައްވަމުން ގެންދަވާ ޑޮކްޓަރ ބިލާލް ފިލިޕްސް މިކަމަށް ތާއިދުކުރައްވާ ވަނީ ޓްވީޓެއްކުރައްވާފައެވެ. ފޭސްބްކްގައި މިކަމަށް އަލިއަޅުވާލައްވައި އަދާހަމައެއްވެސް ކުރައްވާފައިވެއެވެ.

 

ސްޓޫޑިއޯ އަޔޫ އިންވަނީ ވަރަށް ކާމިޔާބުކަމާއެކު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑާއި ކޮމިކް ފޮތެއް އުފައްދާފައެވެ. މާތްﷲ ގެ ރަހްމަތާއި އިރާދަފުޅުން މި ޕްރޮޖެކްޓް ނިންމައިލެވި، މިކަމަށް ހޭދަކުރައްވާ ބޭފުޅުން އެ ހޭދަކުރައްވާ ފައިސާއިން އެތަކެއް އަހަރެއް ވާންދެން އެތަކެއް ބަޔަކަށް ތާއަބަދު މަންފާތަކެއް ލިބެމުންދާނެއެވެ.

 

 

އެހީތެރިވެވިދާނެ އެހެން ގޮތްތައް

ސްޓޫޑިއޯ އަޔޫގެ ވެބްސައިޓުން ނުވަތަ މުނިއަވަސް އިން މި ލިޔުން ވީހާވެސް ގިނަބަޔަކާއި ޝެއާކުރުމަކީވެސް ސްޓޫޑިއޯ އަޔޫ އިން ފަށާފައިވާ ދަރުމަވެރި މަސައްކަތަށް ވެދެވޭ އެހީތެރިކަމެކެވެ. އެމީހުންގެ ފޭސްބްކް އަދި ޓްވިޓަރ ފޮލޯކުރައްވައި ފީޑްބެކް ދެއްވުމަކީވެސް ވެދެވޭނެ އެހީއެކެވެ. މި ހުރިހައި ކަމަށްވުރެން މަތިވެރި އެހީތެރިކަމަކީ ތިބޭފުޅުން ދުއާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.