ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އެކްޓަރ ޒިޔާ، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހަދާފައިވާ ”ކަނޑު އިބިލީސް“ މާދަމާ ހަވީރު އޮލިމްޕަހުގައި ރެޑްކާޕެޓް އިވެންޓަކާއިއެކު ޕްރިމިއާކުރާނެ އެވެ. ”ކަނޑު އިބިލީސް“ ޕްރިމިއާކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް އެވެ.

 

ކަނޑު އިބިލީސް“ މާލޭ ޕްރިމިއާ އިވެންޓަކީ ބޮޑު އިވެންޓެކެވެ. ޚާއްޞަވެސް އިވެންޓެކެވެ. އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ޝޯގައި “ބިދަބިން” ބޮޑުބެރު ގްރޫޕުގެ ނަލަ ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ސްކޫލް ކުދިންތަކެއް މި ފިލްމުގެ ތީމް ލަވަޔަށް ތައްޔާރުކޮށްފައިވާ ޚާއްޞަ އައިޓަމެއް އޮންނާނެ ކަމަށްވެސް މުނިއަވަސް އަށް ޒިޔާ ބުންޏެވެ.

 

ފިލްމުގެ އެއް ޕްރޮޑިއުސަރ ޒިޔާ ބުނީ މި ޚާއްޞަ ރެޑްކާޕެޓް އިވެންޓުގައި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ސްޓާރުން، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ބައިވެރިވާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ފަންތީގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ތަކެއްވެސް ބައިވެރިވެލައްވާނެ ކަމަށް ޒިޔާ ބުނެއެވެ.

 

ކުޑަކުދިންގެ ފިލްމު ”ކަނޑު އިބިލީސް”ގެ ޓިކެޓް މި މަހު 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން އަންނަނީ ވިއްކަމުންނެވެ. މިހާރުވެސް ޓިކެޓް ވިއްކުން ކުރިއަށް އެބަދެއެވެ. ފިމްުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. މިވަގުތު ފިލްމުގެ އެއްމެ ޝޯ އެއް އެޅުވިނަމަވެސް ކުރިއަށް އޮތްތާ ފިލްމު އަޅުވަން ވަނީ ނިންމާފައެވެ.

 

މި ފިލްމު އެންމެކުރިން ޕްރިމިއާ ކުރީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. ފިލްމުގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

 

ކަނޑު އިބިލީސް“ ފިލްމަކީ ކުޑަކުދިންނަށް ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދާނެ ގޮތަށް މަޝްހޫރު ލިޔުންތެރިޔާ ކޮޕީ މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ވާހަކަ އަކަށް ހަދާފައިވާ ފިލްމެކެވެ.

 

ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ސިނެމޮޓޮގްރާފަރ ދަބާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.