މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް އިން ތިންތިޒާމުކުރައްވައިގެން ފިލްމީ ފަންނާނުންނަށްޓަކައި މިދިޔަ ހަފުތާގައި ބޭއްވި ފޯރަމަކީ އެ ފޯރަމްގައި ހުށައެޅި ޚިޔާލާއި މަޝްވަރާ ތަކަށް ބަލާނަމަ ވަރަށް ކާމިޔާބު ފޯރަމެއްކަމަށް ދެންނެވިދާނެއެވެ. ވަކިން ޚާއްޞަކޮށް، ފޯރަމްގައި މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ދެއްކެވި އުއްމީދީ ވާހަކަކޮޅުން މި ފޯރަމް ކާމިޔާބު ފޯރަމަކަށް ހެއްދެވުމަށް އަމާނާތްތެރި ވިސްނުންފުޅެއް ގެންގުޅުއްވާ މިންވަރު އެނގިގެން ދިޔައެވެ.

 

ކޮންމެއަކަސް މި ފޯރަމްގައި ފިލްމީ ފަންނާނުންގެ އުދާސްތަކާއި ކެކުޅުންތައް ބޭރުވެގެން ދިޔައީ އެންމެ ފަހު ވިންދާޖެހެންދެންވެސް މި ދާއިރާއަށްޓަކައި ޤުރުބާންވުމަށް ހާދަރު އެބަހުރީމޭ ބުނާ ބީދައިންނެވެ. ވަސްވާހެއް ދިނުމެއްނެތި، އެއްވެސް ދެވަންސޫރައެއް ނުދައްކައި ކޮންމެ ފަންނާނެއްގެވެސް ހިތުގެ ވިންދު ހުރިގޮތް ޙަޤީޤަތަށް ދައްކައިލިއެވެ.

 

ފަންނާނުންގެ ހުށައެޅުންތަކުން އަޅުގަނޑަށް ނުހަނު ބޮޑަށް ފާހަގަ ކުރެވުނު އެއް ހުށައެޅުމަކީ މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަޙްމަދު ނިމާލުގެ ހުށައެޅުއްވުމެވެ. ބިރުކުޑަ އަލީ ފަދައިން އެއްވެސް ބިރެއްނެތި ހިތުގެ ކެކުޅުންތައް ވައިސޫރިއެއް ފަދައިން އެއްވެސް ހައްދެއް ނެތޭ ބުނާހާ ވަރަށް ދޫކޮށްލެއްވި އެވެ. ވަޠަންގެ އެއް ސިނާޢަތުގެ ޙައްޤުގައެވެ. ބޭއިންސާފާއި އިންސާފުން ހިނގާފައިހުރި ކަންކަން ފާހަގަކުރެއްވި އެވެ. އާދޭހާއި އިލްތިމާސް ދެންނެވިއެވެ.

 

ނިމާލް ހުށައެޅުއްވީ ހަމަ އެންމެ ކަމެކެވެ. ނިމާލު މި ދާއިރާއާ ގުޅިލެއްވި މާޒީ ވެސް ހަނދާން ކުރެއްވުމާއިއެކުގައެވެ. އެއްވެސް ހުރަހެއް ނެތި، ހިތުގައި ހުރި ދިލަކަނި ތައް ބޭރުކޮށްލެއްވީ ވެސް ދާއިރާގެ ޙައްޤުގައެވެ. ފިލްމީ ދާއިރާގައި ފިލްމުތައް ދެއްކުމަށް ހުރި އިމާރާތް ބޭނުންކުރުމަށް އެޅިފައިވާ ހިޔަނިތައް ސިފަކުރެއްވީ ވީރާނާ ވެފައިވާ އޮލިމްޕަހުގެ ޙާލަތު ބުނެދެއްވަމުންނެވެ. އިނގިލިތަކުގެ ކުރިން ގުނާލެވޭހާ މަދު ފަންނާނުން އުޅޭ މި ދާއިރާއާއި މެދު ސަރުކާރުތަކުން ވެފައިވާ އިހުމާލާއިމެދު ހޭލާ ތިބުމަށް ވުޒާރާ ތަކުގެ ބޭފުޅުންގެ ލޯ ހުޅުވައިލަދެއްވިއެވެ. ހެޔޮނުވާނޭ، މިކަން ކޮށްދެއްވާށޭ ބުނާފަދަ ފުންއަސަރަކާއި އެކުގައެވެ.

 

ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރ ވިދާޅުވީ ވާށޭ މަށާއެކީ، އޭރުން މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. މި ހަށިން ފުރާނަ ދަންދެންވެސް ޤައުމަށް ޚިދުމަތް ކުރެއްވުމަށް ހުންނެވިކަމުގެ ފޮނި އުއްމީދު ދެއްވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.