މީގެ 17 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޚާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން، ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކޮށްފައިވާ ފިލްމު “ލީނާ”ގެ ޕޯސްޓަރު ނެރެފިއެވެ.

ފިލްމުގެ މައިގަނޑު ތީމް ވަރަށް ރަނގަޅަށް ފެނިގެންދާގޮތަށް ފަރުމާކޮށްފައި ޕޯސްޓަރުން، މަރައިލާފައި އޮންނަ ލީނާ ފެންނައިރު، ތަންކޮޅެއް ދުރުން، ހިޔަންޏެއްހެން މީހަކު ހުއްޓި ހުންނަތަން ފެނެއެވެ. ޕޯސްޓަރުގައި ސްލޮގަންއެއްގެ ގޮތުގައި ލިޔެލާފައިވަނީ “ޝީ ވޯޒް އޭން އިނޮސެންޓް ގާރލް” (އެ އަންހެން ކުއްޖާއަކީ ކުށެއް ނެތް ކުއްޖެއް) މިހެންނެވެ.

މުއާ ބުނީ ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް މިއަދު ފެނިގެންދާނެ ކަމަށެވެ. އެގޮތުން މިރޭ 20:00 ގައި “ލީނާ” ފިލްމުގެ ފުރަތަމަ ދައްކައިލުން “ލީނާ” ފިލްމުގެ ފޭސްބްކް ޕޭޖުން ފެނިގެންދާނެ ކަމަށް މުނިއަވަސް އަށް މުއާ ބުންޏެވެ.

ފިލްމު ލީނާގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. ރަށުކައުންސިލް ރައީސް ގެ ރޯލުން ފެނިގެންދާނީ އަހްމަދު ސައީދު އެވެ. މީގެ އިތުރުން ޒީނަތު އައްބާސް، އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަދި އައްޒަގެ މަންމަ ގެ ރޯލުން މަރިޔަމް ހަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ “ލީނާ” ފިލްމު ޕްރޮޑިއުސް ކުރަނީ މުއާ އާއި ސައްޔާހު އައްބާސް ގުޅިގެންނެވެ. ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ.

 

މީގެ ކުރިން މުނިއަވަސް އާއި ވާހަކަދައްކަމުން މުއާ ބުނީ ‘ލީނާ’ ގެ މަސައްކަތް ފެށުނީންސުރެން ވަރަށް އުއްމީދާއި ޔަޤީންކަމާއެކު ކުރިއަށްދާ ކަމަށެވެ.

 

“ފިލްމުގެ ސްކްރިޕްޓާއި ދޭތެރޭގަ ފިލްމުގެ ކާސްޓުން އައްޒަ އާއި އައްޔަ އާ، އެމީހުން ތިބީ ވަރަށް ބޮޑަށް ސްކްރިޕްޓާއި ދޭތެރޭގަ ހިތްހަމަޖެހިފަ.” އަޙްމަދު ޒަރީރް ލިޔެފައިވާ ސްކްރިޕްޓާއިމެދު މުއާ ބުންޏެވެ.

 

“މިހާތަނަށް އައްޔަވެސް ކުޅޭ އެންމެ ތަފާތު ރޯލު، އަދި އެހާ ބޮޑު ބައެއް އޭނަ ނުކުޅޭ ސަޕޯޓިން ކެރެކްޓަރ އެއް. ދެން ނުޒޫވެސް ކުޅޭނެ ހަމަ އެންމެ ތަފާތު އެއް ރޯލު، ދެން އައްޒަގެ ކެރެކްޓަރ އާ އަހަރެންގެ ކެރެކްޓަރ ވެސް.”

 

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.