އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ، ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ ނެރެން ތާވަލްކޮށްފައިވާ ފިލްމު “ފޯޓީ ޕްލަސް” އަންނަ މަހުގެ 5 ފަސްކޮށްފި އެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމު އަޅުވާ ތާރީހު ފަސްކޮށްލަން ޖެހުނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ އިވެންޓަކަށް އޮލިމްޕަސް މި މަހުގެ 27 އާއި 28 އަށް ބޭނުންވެގެން އެދުމުން ކަމަށެވެ.

 

“އެ ބޭފުޅުން ބާއްވާ ކޮންމެވެސް ކަމަކަށް މިމަހު 27 އަދި 28 އަށް އޮލިމްޕަސް ބޭނުންވާތީ އަޅުގަނޑުމެން ކައިރީ ރިކުއެސް ކޮށްލީމަ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެން މިގޮތަށް ނިންމީ” ޝަފީޤް ބުންޏެވެ.

 

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަބަޔަކު ބެލި އެއް ފިލްމު ކަމަށްވާ “ނޯޓީ ފޯޓީ” ގެ ދެވަނަ ބައެއްގެ ގޮތުން ގެނެސްދޭ “ފޯޓީ ޕްލަސް” އަކީ ރާއްޖޭގައި އުފައްދާ ފުރަތަމަ ހޮރޯ ކޮމެޑީ ފިލްމެވެ.

 

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ “ފޯޓީ ޕްލަސް” ގައި މައިގަނޑު ތަރިންގެ ގޮތުގައި ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު  އަޒީފާ(އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ފެނިގެން ދާނެ އެވެ.މީގެ އިތުރުން މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު އީސަ (އާނަންދު) ހިމެނެ އެވެ.

 

މި ފިލްމުން މި ދާއިރާއަށް މުޅިން އާ އެކްޓަރުން ތަކެއްވެސް ފެނިގެންދާނެ އެވެ

 

“ފޯޓީ ޕްލަސް” ގެ ޓިކެޓް ނަންނޯޓްކުރުން “ފޯޓީ ޕްލަސް”ގެ ހޮޓްލައިނަށް ގުޅައިގެންނާއި އެސްއެމްސްކޮށްގެން މިހާރުވެސް ކުރިއަށް ގެންދެވޭނެއެވެ.

ޝަފީގް ބުނީ ”ފޯޓީ ޕްލަސް“އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ. އަދި އޯޕަން ބަޖެޓަކުން އުފައްދާ މި ފިލްމު މިދިޔަ އަހަރު ސްކުރީން ނުކުރީވެސް ސިޔާސީ ކަންކަމާއި ގުޅިގެން ގިނަ ބަޔަކަށް ފިލްމު ނުބެލިދާނެތީ، ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

 

ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު ބުނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ތަރިންގެ އެކްޓިންނަށް 100 ދޭނެކަމަށެވެ. މި ފިލްމަކީވެސް އިންޑަސްޓްރީއަށް މުޅިން އަލަށް ބައެއް ތަރިން ތައާރަފްވާ ފިލްމަކަށްވުމަކީ ފިލްމަށް ލިބޭނެ އިތުރު ފުރިހަމަކަމެއްކަމަށްވެސް ޔޫއްފެ ވަނީ ބުނެފައެވެ.

 

ޔޫއްޕެ ބުނީ ޕްރޮޑިއުސަރުގެ އިރުޝާދުގެ ދަށުން މި ފިލްމުގައި ހެއްވާ މަޖާ، އަދި ބިރުވެރި އެތައް ހާދިސާތަކެއްވެސް ހިމެނިފައިވާނެކަމަށެވެ. މީގެ އިތުރުން ދިވެހި ފިލްމުތަކުގައި ބެލުންތެރިން ހިމަނަން ބޭނުންވާ ހުރިހާ ރަހަތަކެއް މި ފިލްމުގައި ހިމެނޭނެކަމަށް ޔޫއްޕެ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.