ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކޮށް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި މިހާރު ސިނަމާކުރަމުން ގެންދާ ފިލްމު “ގޮށްރާޅު”، ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައާއި އައްޑޫގައި މިރޭ ދައްކަން ފަށާނެއެވެ.

 

ކުުޅުދުއްފުށީގައި “ގޮށްރާޅު” ދެއްކުމުގައި ހަރަކާތްތެރިވާ ޒުވާނަކު މުނިއަވަސް އަށް ބުނީ ފުރަތަމަ ޝޯގެ ޓިކެޓް މިހާރު ގާތްގަނޑަކަށް އެއްކޮށް ފުލްވެފައި ވާކަމަށެވެ. މިރޭ ފިލްމު ދެއްކުމަށް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.

 

ކުުޅުދުއްފުށީގައި “ގޮށްރާޅު” ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހު ހަތެއް އަދި އަށް ވަނަ ދުވަހުގެ ރޭގައެވެ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ އިރު ފިލްމުގެ ޓިކެޓް ގަންނަން ލިބެން ހުންނާނީ ކުޅުދުއްފުށީ ޕްލޭ ގްރައުންޑް ފިހާރައިން ނެވެ. ކުޅުދުއްފުށިން ފިލްމުގެ ޓިކެޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަމްބަރު 9704448 އަދި 7758448 ގުޅުމަށް ފިލްމު އަޅުވާ ޓީމުން އެދެ އެވެ.

 

”ގޮށްރާޅު“ ފިލްމު އައްޑޫ ސިޓީ ހިތަދޫގައި އަޅުވާނީ މި މަހު ހަތް ވަނަ ދުވަހުގެ ރޭ ”އެވްރީ ވަން ލާނިން ސެންޓަރ“ ގައެވެ. އެ އަތޮޅު މަރަދޫގައި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ މި މަހު އަށެއް އަދި ނުވަ ވަނަ ދުވަހުގެ ރޭ ”ބޮންޑޮގޭ“ ގައެވެ. އައްޑޫ ސިޓީން ފިލްމުގެ ޓިކެޓް ހޯދުމަށް 9997049 ނަންބަރަށް ގުޅުމުން ފިލްމުގެ ޓިކެޓް ލިބޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މުނިއަވަސް އަށް ބުންޏެވެ.

 

މިމަހުގެ 04 ގައި އޮލިމްޕަހުގައި ”ގޮށްރާޅު“ ޕްރިމިއާ ކޮށްފައިވާއިރު ރަށްރަށުގައި ”ގޮށްރާޅު“ އަޅުވަން ބޭނުންނަމަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ހޮޓްލައިން ނަންބަރު 9911229 އަށް ގުޅައިގެން ނުވަތަ ޑާކްރެއިންގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ހަމަޖެއްސިދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މޮގާ ބުންޏެވެ. ފިލްމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

 

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ކުޅެފައިވާ މި ފިލްމުގެ އެންމެ މުހިއްމު އެއް ތަރިއަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ގިނަ ފިލްމު ތަކަކުން ފެންނަމުން އަންނަ ޒުވާން ބަޠަލު ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭނާއާ އެކު ފެނިގެން ދާނީ ބޮޑު އާ ކާސްޓެކެވެ. އެގޮތުން ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާދަ ކުރި ހަސަން އިރްފާން (ޒަކިއްޓެ) ގެ އިތުރުން އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން އަދި އަހުމަދު ނާޝިތު ހިމެނެ އެވެ. މީގެ އިތުރުން ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް ރަޝީދު ވެސް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.