ވަގުތަކީ ދަންވަރު ވަގުތު ކަމުން އަތިރިމައްޗަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. ހަނދުވަރުގެ ރީތި އަލިން މުޅި ދުނިޔެ ވަނީ އުޖާލާކަމެއް ގެނުވާފައެވެ. ޒުހުރީ ހުރީ އެމީހުން ހިފައިގެން ތިބި ގެސްޓްހައުސް ކޮޓަރީގެ ބެލްކަނީގައި ސިނގިރޭޓެއް ރޯކޮށްލައިގެން ބޭރު ބަލާށެވެ. ސިނގިރޭޓް ދަމާލަމުން ދުންތައް ފޮނުވާލައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސް ކަމެވެ. ހީވަނީ ބޮޑު ފިކުރެއްގައި ހިޔާލު ކުރަމުންދާ ހެންނެވެ. ޒުހުރީ އެ ހިޔާލުތަކުގައި ހުއްޓާ ހައުލާ އައިސް އޭނަގެ ފަހަތުން ބައްދައިގަތެވެ. ނަމަވެސް އެހެން ފަހަރުފަހަރާ ހިލާފަށް ޒުހުރީއަށް ވީ އުނދަގުލެކެވެ. އެކަން އޭނަގެ މޫނުމަތިން ވަރަށް ސާފުކޮށް ހާމަވެގެން ދިޔައެވެ. ހައުލާގެ އަތް އޭނަގެ ހަށިގަނޑުން ވަކިކޮށްލަމުން ހައުލާގެ މޫނަށް ބަލާލުމަށްފަހު ގޮސް ކޮޓަރިތެރެއަށް ވަނެވެ.
ޒުހުރީ ކޮޓަރިއަށް ނުވަދެވެ އަނެއްކާވެސް ހައުލާ އައިސް ބައްދައިގަތެވެ. ޒުހުރީ އަނެއްކާވެސް ހައުލާ ފޮޅާލިއެވެ. ޒުހުރީ އުޅުނު ގޮތުން ހައުލާ ރުޅި އަންނަގޮތްވިއެވެ. ހައުލާއަށް ޒުހުރީގެ ފުސްވެފައިވާ މޫނަށް ބަލާލެވުނެވެ. އޭނަގެ މޫނުމަތިން އެއްވެސް އުޖާލާކަމެއް ފެންނާކަށް ނެތެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ވިސްނަމުންދާ ހެންނެވެ. ހައުލާ ގޮސް ޒުހުރީގެ ތުންފަތުގައި ބޮސްދޭން މަސައްކަތްކުރިއެވެ. ހައުލާ ބޭނުންވީ އޭނަގެ މަޤްސަދު ކާމިޔާބު ކުރުމެވެ. ނަމަވެސް ހައުލާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ޒުހުރީ ދުރަށް ޖެހުނެވެ. ހީވަނީ އެއްވެސް ކަމެއް ކުރަން ބޭނުން ނުވެފައި ހުރި ހެންނެވެ.
“ކިހިނެއްވީ.؟ މިރޭ ހާދަ މޫޑީ ވެފަ. ކިހިނެއްވީ؟” ހައުލާ ވާހަކަ ދެއްކުމުންވެސް ޒުހުރީއަށް ވީ ބޮޑު އުނދަގުލަކަށެވެ. އެއްވެސް ވާހަކައެއް ނުދައްކާ ގޮސް އެނދުގައި ޖައްސާލިއެވެ. ނިތްކުރިމަތީގައި އަތްބާއްވާލަމުން ސީލިންގްގައި ހަރުކޮށްފައި ހުރި ފަންކާއަށް ބަލަން އޮތެވެ. ޒުހުރީ ހުރީ ހައުލާ ކަންތައް ކުރި ގޮތުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ބުނާކަށް ހައުލާ ބޭނުމެއް ނުވިއެވެ. ޒުހުރީ ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުމުންވެސް ހައުލާ ބޭނުންވި އެންމެ ކަމެކެވެ.
ހައުލާވެސް ގޮސް އެނދުގެ އަނެއްފަރާތުގައި ޖައްސާލިއެވެ. ހައުލާ އަދިވެސް އޮތީ ޒުހުރީގެ ފަރާތުން ކޮންމެވެސް އިޝާރާތެއް ވޭތޯއެވެ. ދުނިޔޭގެ އެދުމައިގެން ދަހިވެފައިއޮތް ހައުލާ އޮތީވެސް ޒުހުރީގެ މޫނަށް ބަލާށެވެ. އޭރުވެސް ޒުހުރީ އޮތީ ހިޔާލަކަށް ގެއްލިފައެވެ. ހައުލާ މަޑުމަޑުން ކަރުކެހިލިއެވެ.
“ ދެން މިރެޔަކު ނޫން. ހައުވެސް ދެން ނިދާލާ.. މިއުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ” ހައުލާ އޮތީ ޒުހުރީގެ ފަރާތުން އިޝާރާތެއް ވާނެކަމަށެވެ. އެކަން ޒުހުރީއަށް އެނގުމުން ޒުހުރީ ވާހަކަ ދައްކަމުން ހައުލާއަށް ފުރަގަސްދެމުން އަނެއްފަރާތަށް އެނބުރުނެވެ. ޒުހުރީ ކަންތައް ކުރިގޮތުން ހައުލާ ތެދުވެގެން ގޮސް ވަނީ ފާހަނާއަށެވެ.
***
ހަފްތާއެއް ފާއިތުވެން ދިޔައީއެވެ. އިޒުވާން ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިންމާލާފައި މާލެ ދަނީ ސާރާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެގޭ ދޮރުމަތީގައި މުގޯލި އަޅާލަ އަޅާލަ ހުންނަނީ ސާރާގެ ހިލަމެއް ވޭތޯއެވެ. އެދުވަހަށްފަހު އިޒުވާނަށް ސާރާ ގެއްލުނެވެ. އޭނަގެ އެއްވެސް ކޯލަކަށް އެއްވެސް މެސެޖަކަށް ސާރާ ޖަވާބެއް ނުދިނެވެ. އިޒުވާނު މާޔޫސް ވިނަމަވެސް އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވިއެވެ.
***
ޑިއުޓީ ނިންމާލުމަށްފަހު އިޒުވާނު ބަސްޓޮޕްކައިރީގައި މަޑުކޮށްލައިގެން ހުރީ ހުޅުމާލެއަށް ދެވޭނެ އިރަކަށެވެ. ސާރާގެ ހިޔާލުތަކުގައި އިޒުވާނު ހުއްޓެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ބަހުގެ އިންތިޒާރުގައި މަދު ބަޔަކު އެތަނުގައި އިންތިޒާރު ކުރަމުން ދިޔައެވެ. އިޒުވާނުގެ ކުށް އަދިވެސް އޭނަ ގަބޫކުރަން ބޭނުން ނުވަނީއެވެ.
ޒީނާވެސް ޑިއުޓީ ނިންމާލުމަށްފަހު ބަސް ސްޓޮޕަށް އައިސް ހުއްޓުނެވެ. ޒީނާވެސް އައީ ފޯނާކުޅެމުންނެވެ. ފޯނަށް ގެއްލިފައި ހުރުމުން އެތަނުގައި އިޒުވާނު ހުރިކަމެއް ޒީނާއަށް ނޭންގުނެވެ. ހެޑް ސެޓް ނަގަން ވެގެން ދަބަހަށް އަތްލިވަގުތު އޭނަގެ ލޯ ގޮސް އަމާޒުވީ އެތަނުގައި ހުރި އިޒުވާނަށެވެ. އިޒުވާނަށްޓަކައި ހިތުގައި ފޮރުވަމުންދިޔަ ލޯބި ހާމަ ކުރަން ބޭނުންވި ނަމަވެސް ޒިނާއަށް އެފުރުސަތެއް ނެތެވެ. ހިތްވަރުކޮށްލާފައި ފަޔަށް ބާރެއްލަމުން ޒީނާ ހިނގައިގަތެވެ..
”;އިޒުވާނު. ކޮން ފިކުރެއްގަ؟” ކިތައްމެ ހިތްވަރުކޮށްފައި ވާހަކަ ދެއްކި ނަމަވެސް އޭނަގެ ހިތް ދިޔައީ ރޮއްވަމުންނެވެ. ހިތުގެ ބައިވެރިޔާ ކުރިމަތީގައި އިނދެ އެ ފަރާތަށް ކުރިމަތިލައިގެން ހުރެ ވާހަކަ ދައްކަން އެއީ ޒީނާ އަށް ކުރަން ފަސޭހަ ކަމަކަށް ނުވިއަސް ބައެއް ހާލަތްތަކުގައި ވާހަކަ ދައްކަންވެސް މަޖުބޫރު ވަނީއެވެ.
”;ސާރާ..” އިޒުވާނަށް ހީވީ ސާރާ ފެނުނު ހެންނެވެ. އިޒުވާނު ހުރީވެސް ސާރާގެ ހިޔާލުތަކަށް ޤަރަގްވެފައެވެ.
“އިޒުވާނު ކިހިނެއްވެފަ. ސާރާ އެއް ނޫން. ޒީނާ” ޒީނާ އަށް އިޒުވާނަށް ހަތަރުކަޅިވެސް ހަމަ ކުރާކަށް ނުކެރުނެވެ. ޒީނާ އައިސް ގޮވާލިއިރުވެސް އިޒުވާނަށް ހުރެވުނީ ޒީނާއަށް ބަލާށެވެ. އޭރުވެސް އިޒުވާނަށް ޒީނާ ފެންނަމުން ދިޔައީ ސާރާގެ ސިފައިގައެވެ. ސާރާގެ ލޯބީގައި އިޒުވާނު ހަލާކުވެއްޖެއެވެ. އަނެއްކާވެސް ޒީނާ ގޮވާލިއެވެ. އިޒުވާނު ފާޑަކަށް ސިހިފައި މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނަގެ ކުރިމަތީގައި ޒީނާ ހުރިތަން ފެނުނެވެ.
“ހާދަ ނުފެނެޔޭ މިހާރު. އަހަރެން ވާހަކައެއް އަހާލަންތަ؟ ޒީ ކީއްވެ މަ އިގްނޯ ކުރަނީ.؟” އިޒުވާނުގެ އެ ސުވާލުން ޒީނާގެ މޭގަނޑު ތެޅިގަތެވެ. ދޭނީ ކޮން ޖަވާބެއްކަމެއް ނޭންގި ހުއްޓާ ބަސް އައިސް މަޑުކޮށްލިއެވެ. ނަސީބުވެސް ރަނގަޅީކަންނޭންގެއެވެ. އެއްވެސް ހާލެއްގައި އެ ސުވާލަށް ޖަވާބުދޭކަށް ޒީނާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ގޮސް ބަހަށް އެރިއެވެ. މިފަހަރުވެސް ޒީނާ ކަންތައްކުރި ގޮތުން އިޒުވާނުގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. އިޒުވާނަށް އެކަން ފާހަގަ ކުރެވެންފެށިފަހުން އޭނަ ބޭނުންވަނީ އެކަމުގެ ހަޤީގަތް ހޯދާށެވެ. ވިސްނާލަން ހުރުމަށްފަހު އިޒުވާނުވެސް ބަހަށް އެރިއެވެ. އޭރު ޒީނާ ހެޑްސެޓް ކަންފަތަށް ޖަހައިގެން ދެލޯ މަރާލައިގެން އިނެވެ. އިޒުވާނު ވެސް ހުސްގޮޑިއެއްގައި ގޮސް އިށީނެވެ.
***
ހައުލާ ފެންވަރާލައިގެން ތުވާލި އަނދެލައިގެން އަލަމާރި ކައިރީގައި ހުއްޓިލައިގެން ހުރީ ލާނެ ހެދުމެއް ނޭންގިފައި އަލަމާރި ހާވާށެވެ. ވިސްނާލަން ހުރުމަށްފަހު ހެދުމެއް ނަގައިގެން ގެންގޮސް އެނދުމަތީގައި ބޭއްވުމަށްފަހު ޑްރެސިން ޓޭބަލް ކައިރިއަށްގޮސް ގޮޑީގައި އިށީނެވެ. އާދައިގެ ގޮތަކަށް މޭކަޕް ކޮށްލައިގެން އެނދުމަތީގައި ބޭއްވި ވިލުނޫކުލައިގެން ކުރު ހެދުން ގަޔަށް މަހާލިއެވެ. ހައުލާ ކިތައްމެ ރީތިވި ނަމަވެސް އޭނަގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. ބޭނުންކުރާ މަސްތުވާ އެއްޗެހީގެ ސަބަބުން ހައުލާގެ ހަށިގަނޑުން އެކަން ދިޔައީ ފެންނަމުންނެވެ. މުޅި މީހާ ހިކި އަނަރޫފަވެ ދެލޯކައިރިވެސް ވަނީ ކަޅުވެފައެވެ.
ހައުލާ ރީތިވެލައިގެން ކޮޓަރިންނުކުތެވެ. ޒުހުރީ ހުޅުމާލެ އައީ ހައުލާގެ އެދުމުގެ މަތިންނެވެ. ޒުހުރީ ސައިކަލުގައި އައިސް ހައުލާ ދިރިއުޅޭ ގެ ކައިރިއަށް މަޑުކޮށްލިއެވެ. ޖީބުން ފޯނު ނަގާ ހައުލާގެ ނަމްބަރަށް ގުޅިއެވެ. ފޯނު ރިންގްވުމާއެކު ހައުލާ ފޯނަށް ޖަވާބު ދިނެވެ.
“މި ފައިބަނީ. މަޑުކޮށްލާ..” ހައުލާ ޖަވާބު ދިނުމަށްފަހު ފޯނު ކަނޑާލިއެވެ.
***
އިޒުވާނު ހުރީ ސާރާ ފެންނާނެކަމުގެ އުއްމީދުގައި އެގޭ ދޮރުމަތީގައެވެ. ޑިއުޓީ ނިންމާލުމަށްފަހު ކޮންމެ ދުވަހަކުވެސް އިޒުވާނު އުއްމީދުކޮށްގެން އެގޭ ދޮރުމަތީގައި މުގޯލިއަޅަމުންދަނީ ސާރާ ފެންނާނެކަމުގެ އުއްމީދުގައެވެ. މާ ގިނައިރުތަކެއް އިންތިޒާރުގެ ނިމުމެއްއަތުވެއްޖެއެވެ. ސާރާ ނުކުމެގެން އަންނަތަން އިޒުވާނަށް ފެނުނެވެ. އިޒުވާނުގެ ނަސީބުވެސް ރަނގަޅު ދުވަހެކެވެ.
“ސާރާ..” ސާރާ ފެނުމުން އިޒުވާނު ގޮވާލިއެވެ. އޭނަގެ އަޑުގައި ވޭނީ އަސަރެއް އެކުލެވިފައި ހުއްޓެވެ. ނަމަވެސް ސާރާ މަޑުކޮށްލުމެއްނެތި ހިނގައިގަތެވެ. އިޒުވާނު ގޮސް ސާރާގެ ކުރިމައްޗަށް ހުއްޓުނެވެ. ސާރާގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ސާރާ އުޅުނު ގޮތުން އޭނަހުރީ ހިތްހަމަ ނުޖެހިފައިކަން އެނގުނެވެ. އިޒުވާނު ސާރާގެ އަތުގައި ހިފިއެވެ. ސާރާ ހަމަ ހުރިގޮތަށް އިޒުވާނަށް ބަލާވެސް ނުލާ ހުރީއެވެ.
“ޕްލީޒް ސާރާ. ތިހެން ނުހަދާ.. އަހަންނަށް ސާރާ އާ ނުލާ ނޫޅެވޭނެ. ކުޑަކުޑަ ކަމަކާ ސާރާ ތިހެން ތިހަދަނީ. މަ ސާރާ ދެކެ ވަރަށް ލޯބިވޭ..” އިޒުވާނު ދެރަވެފައި ވާހަކަ ދައްކަން ފެށިއެވެ. އިޒުވާނު އުޅުނު ގޮތުންވެސް އޭނަ ސާރާދެކެ ލޯބިވާކަށް ހާމަވަމުން ދިޔައެވެ. ސާރާދެކެ އިޒުވާނު އިންތިހާއަށް ލޯބިވެއެވެ.
“އިޒުވާނު ކީއްވެ އެވަރުގެ ކަމެއް މަށަށް ޝެއަރ ނުކުރެވިގެން ތިއުޅެނީ..؟ ލޯބި ވަންޏާ އިޒުވާނު ޖެހޭނީ އަހަންނަށް އެވާހަކަތައް ކިޔައިދޭން. ތިއީ ލޯބިވާ މީހުން ކަންތައްކުރާނެ ގޮތެއް ނޫން..” ސާރާ އޭނަގެ ގޮތުގައި ވާހަކަ ދައްކަމުން ދިޔައެވެ.
“ހަފްތާ އެއްމިވަނީ. ސާރާ އަހަރެންގެ އެއްވެސް ކޯލަކަށް ޖަވާބެއް ދިނިންތަ؟” އިޒުވާނު އަދިވެސް މަސައްކަތް ކުރަމުންދިޔައީ ސާރާގެ ސުވާލުތަކަށް ޖަވާބުނުދީ ވޭތޯއެވެ.
“އިޒުވާން. އަހަރެން މިބުނަނީ އެދުވަހު ވީ ކަންތައް ޝެއަރ ކުރަން. އެވާހަކަތަކަށް ޖަވާބު ނުދޭންވީ އެއްވެސް ރީޒަންއެއް ނުވިސްނުނު.. އިޒުވާނު މަށާ އެވާހަކަތައް ކިޔައިދޭން ބޭނުން ނެތީއްޔާ މަ ބޭނުންވަނީ މިހާ ހިސާބުން މިކަންތައް ހުއްޓާލަން..” ސާރާގެ އެ ބަސްތަކުން އިޒުވާނުގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އޭނަ ސާރާދެކެ ވާ ލޯބި ސާރާއަށް އިހްސާސް ނުވަނީއެވެ.
“ސާރާއަށް މަ އެވާހަކަތައް ކިޔައިދޭނަން. އެކަމަކު ވައުދުވޭ ސާރާ އަހަރެން ދޫކޮށްލާފައި ނުދާނެކަމަށް. މަ ސާރާދެކެ ވަރަށް ލޯބިވޭ..” އިޒުވާނު އާދޭސް ކުރަމުން ދިޔައެވެ. އިޒުވާނު އެވާހަކަތައް ކިޔައިދޭންވެސް އެއްބަސް ވިއެވެ. އެއްވެސް ހާލެއްގައި ސާރާ ބީވެގެން ދާކަށް އިޒުވާނު ބޭނުމެއް ނުވިއެވެ. އެކަން އޭނަގެ ވާހަކަތަކުންވެސް ހާމަވެގެން ދިޔައެވެ.
“ވަޢުދުވާން އެނގޭނީ ހަޤީގަތް އެނގުނީމަ. އެހެންނޫނީ ގޮތެއް ނިންމާކަށް ނޭންގޭ. އިޒުވާނު ދޮގު ހެދިޔަސް މަށަށް އެނގޭނެ.” ސާރާ އެއްވެސް ގޮތަކަށް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެކަން އޭނަދިން ޖަވާބުންވެސް އިޒުވާނަށް އެނގުނެވެ. ހަޤީގަތަށް އެވާހަކަތައް ކިޔައިދޭން ސާރާ މަޖުބޫރު ކުރުވިއެވެ.
***
” سبحان الله.. ޤިޔާމަތް ވަނީތަ؟ ނޫނީ މީ މަށަށް ފެންނަ ހުވަފެނެއްތަ؟” ހައުލާ ހުރިތަނަށް ހުއްޓުން އެރިއެވެ. ކުރިޔަށް އެޅި ފިޔަވަޅުވެސް އަޅާލެވުނީ ފަހަތަށެވެ. ފެންނަމުން ދިޔައީ ހުވަފެނެއްކަމަށް ހީކޮށް ޝަހާދަތް އިނގިލީގައި ދަތްވެސް އަޅާލެވުނެވެ. އިނގިޔަށް އެވަގުތު ތަދުވެސް ވިއެވެ. ހައުލާއަށް ޔަޤީން ކުރެވުނަސް ނުކުރެވުނަސް އޭނަގެ ކުރިމަތީގައި ފެންނަން ހުރީ ހަމަ ޒުހުރީއެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް އެއީ ޒުހުރީނޫން ދެވަނަ އެހެން އިންސާނެއް ނޫނެވެ. ހައުލާއަށް ޒުހުރީ ފައިގެ ބޮޑުވާ އިނގިލިންފެށިގެން ބޮލާހަމައަށް ކަޅިހިންގާލެވުނެވެ. އެތައް ފަހަރަކު ޒުހުރީއަށް ނަޒަރު ހިންގާލެވުނެވެ. ގަބޫލުކުރަންވެސް އުޒުރުވެރިއެވެ.
”މީ ކޮންކަމެއް..؟ މަށަށް މިފެންނަނީ ހުވަފެނެއްތަ؟ ކަލޭ އަނެއްކާ ބުއްދި ގޯސްވީތަ؟ ކަލޭ ހަމަތަ؟” ހައުލާ ނުލަފާ ފާޑަކަށް ހެމުން ހެމުން ޒުހުރީއަށް މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
ހައުލާ ނޫން އެހެން މީހެއް ނަމަވެސް ޒުހުރީއަށް އައިސްފައިވާ ތަފާތު ބަދަލެއްގެ ސަބަބުން އެހެންވުން އެކަށީގެންވެއެވެ. އޭނަގެ އެވަރުގަދަ އިސްތަށިގަނޑުވަނީ ތުނިކޮށް ރީއްޗަށް ކޮށާލާފައެވެ. އަތުގައާއި ކަރުގައިހުރި ޗެންޗޭނުވަރުގެ އަތުގަ އަޅާ އެއްޗެހިތަކާ ފަށްތައްވެސް ވަނީ ނަގާފައެވެ. ވާތު ޝަހާދަތް އިނގިލީގައި އަޅާފައި އިނީ އެންމެ އަނގޮޓިއެކެވެ. ކަންފަތުގައި ހުރި ބޮޅުތައްވެސް ނަގާފައި ކަންފަތްވެސް ހުރީ ފަޅުކޮށެވެ. އޭނަ ލައިގެން ހުންނަ ބޮޑެތި ޓީޝާޓުގެ ބަދަލުގައި ލައިގެން އިނީ ގޮޅިޖެހި ރީތި އަތްދިގު ގަމީހެކެވެ. ވީދައިގެން ގޮސްފައި ހުންނަ ޖީންސްގެ ބަދަލުގައި ލައިގެން އިނީ މަޑު ނޫކުލައިގެ ރިތި އާދައިގެ ޖީންސެކެވެ. ތުނބުޅި ހުރީ ރީތިކޮށް ޓްރިމްކޮށްލާފައެވެ. ޒުހުރީއަށް އައިސްފައިވާ އެ ތަފާތު ހައުލާއަށް ކަމަކު ނުދިޔައެވެ.
“މަށަށް ހީވަނީ ކަލޭ މޮޔަވީހެން. ނިކަން ބަލާބަލަ ބީތާ ޖަހާ ސިފަ..” ހައުލާ މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. ނަމަވެސް ހައުލާ ކީ އެއްވެސް އެއްޗަކަށް ޒުހުރީ ރައްދެއް ނުދިނެވެ. އޭނަގެ މޫނުމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ވިއަސް އެ ތަފާތު ބަދަލު އެއީ ރަނގަޅު ބަދަލެއްކަމުގައި ޒުހުރީއަށް ޤަބޫލުކުރެވުނެވެ.
***
“އެދުވަހު އެތަނަށް އައިސް އެތިވަރު ގޮވާފަ ދިޔައީ ހައުލާ. ކުރީގެ އެކްސް.. ދެން އިތުރަށް ސާރާ އަށް މަ ކިޔައިދޭންވީ ކޮން ވާހަކަތަކެއް” ފާރުކައިރީގައި ލެނގިލަމުން އިޒުވާނު ވާހަކަ ދެއްކިއެވެ.
“އެ ނިމުނީ.. ވާވް. އިޒުވާނު ތީ ކުޑަކުއްޖެއްތަ؟ މަވެސް މީ އަންހެނެކޭ. އޭނަ އެ ހުރިހާ ހާސަރުތަކެއް ގޮވާލާފަ ދިޔައީ އޭނަގެ ފޯލްޓެއް އޮވެގެން ކަމެއް ގައިމު މަށަކަށް ނުވިސްނޭ. އޭނަ އިޒުވާނު ދެކެ އެހާ ރުޅި އަންނަން ޖެހޭނީ ގައިމު އިޒުވާނުގެ ސައިޑުން ކަންތައްތަކެއް ކުރެވިފަ ހުރީމަ. އިޒުވާނުގެ ދިރިއުޅުން ހަލާކުކޮށްލަން އަންހެނަކު ހިފާލާފަ ހުންނާނީ އިޒުވާނުގެ ފަރާތުން ވަރަށް ގޯސްކޮށް ކަންތައްތަކެއް ކުރެވުނީމަ. އައި ކެން ފީލް ދެޓް. ކޮޒް އައިކެން ފީލް ވަޓް ޝީކެން ފީލް އަސް ވެލް..” ސާރާގެ އެ ސުވާލުތަކަށް އިޒުވާނަށް ޖަވާބުދޭން ހިތް ކިތައްމެ ނުރުހުނަސް މިއަދު އެސުވާލުތަކަށް ޖަވާބުދޭން އެވަނީ މަޖުބޫރުވެފައެވެ. ސާރާ ގެ ލޯބި ބޭނުން ކަމަށް ވަނީނަމަ އެ ހުރިހާ ސުވާލުތަކެއް ޖަވާބު ދޭން ޖެހޭނެތާއެވެ.
“ހައުލާ އަށް ދޮގުހަދާ އޮޅުވާލީ މަ. އޭނަ އެއީ ރަނގަޅު ވަފާތެރި ކުއްޖެއް. ހައުލާއާ ރައްޓެހިވެގެން ހުރެ އަހަރެން ކިތައްމެ ބައިވަރު އަންހެންކުދިންގެ ލައިފަށް ގުޅިފަވެސް ހުންނާނެ. އެއްވެސް އިރެއްގަ މަ ހައުލާދެކެ ލޯތްބެއް ނުވަން. ލޯބި ވޭތޯ މަސައްކަތް ކުރިން. ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުނީ..” އިޒުވާނު މަގުގެ ދެކޮޅު ބަލާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“އޯ ކޭ. އަހަރެންގެ ކުށް. އެކަން މަ ގަބޫލުކު ކުރަން. މަ މިހާރު އެހެން އެއްވެސް އަންހެން ކުއްޖެއް ގާތަކަށް ނުދަން.. އެހެން ނުވެސް އުޅޭނަން. މަ ލޯބިވަނީ ސާރާ ދެކެ. ސާރާ ދެކެ ވަރަށް ލޯބިވޭ. ސާރާ އަހަރެންގެ ހަޔާތަށް އައިފަހުން އަހަރެންގެ އުޅުމަށްވެސް ބަދަލުތަކެއް އަތުވެއްޖެ. ހުވާކޮށްފަ މި ބުނީ މަ ސާރާ ދެކެ އިންތިހާއަށް ލޯބިވޭ.. ސާރާ ނޫން އެހެންމީހެއް މަ ބޭނުމެއްނޫން…” އިޒުވާނު އޭނަގެ ކުށް ގަބޫލުކުރިއެވެ. އޭނަގެ ވާހަކަތަކުންނާއި ދެއްކި ރާގުންވެސް އޭނަ ސާރާދެކެ ލޯބިވާ މިންވަރު ހާމަ ވިއެވެ. ގަސްތަކާނުލާ ނަމަވެސް ހައުލާގެ ދިރިއުޅުން ހަލާކުކޮށްލެވުނީ ޚުދު އޭނަގެ ކުށުންނެވެ. އެކަން މިއަދު އިޒުވާނަށް އިހްސާސް ކުރެވޭނެއެވެ. ލޯތްބަކީ ކުޅޭކުޅޭ އެއްޗެއްކަން އިރެއްގަ އިޒުވާނަށް ގަބޫލުކުރެވުނަސް މީހަކު ދެކެ ހަޤިގީ ލޯބި ވެވުމުން އޭގެ ފޮނިކަމާއި ހިތިކަން އިޒުވާނަށް ވެސް މިހާރު ތަސައްވަރު ކުރެވެމުން ދިޔައެވެ.
ސާރާ އަށް އެ ހުރިހާ ވާހަކަތަކެއް ކަނުލައި އަޑުއަހަން ހުރެވުނެވެ. ސާރާ އުޅުނުގޮތުންނާއި މޫނުމައްޗަށް އެރި ކުލަވަރުތަކުން އޭނަވެސް އިޒުވާނަށް ވާހަކަތަކެއް ކިޔައިދޭން ބޭނުންވެފައިވާކަން އެނގުނީ އިޒުވާނަށް އޭނަ ފުރަގަސް ދިނުމުންނެވެ. ސާރާ ދެލޯ މަރާލިއެވެ. އޭނަގެ އެ އަމަލުތަކުން ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން ބޭނުންވާކަށް ހާމަވެގެން ދިޔައެވެ، ހިތްވަރު ކޮށްލާފައި ސާރާ ވާހަކަ ދައްކަން ފެށިއެވެ.
“ސޮރީ އިޒުވާނު. އައި ޑޯން ތިންކް އައި ކެން ބީ ވިތް ޔޫ.” ސާރާ ހިތްވަރުކޮށްލާފައި ބުންޏެވެ. ސާރާ އެހެން ބުނުމުން އިޒުވާނުގެ ހިތް ފުނޑުފުނޑުވެގެން ދިޔައެވެ. މިއަދު އިޒުވާނަށް އަސްލަށް ރޮވުނެވެ. ކަރުނައަކީ ކޮބައިކަން އިހްސާސްކުރެވުނެވެ. އެއްޗެއް ބީވެގެން ގެއްލިގެން ދިއުމަކީ ކިހާ ވޭންހުރިކަމެއްކަން އިހްސާސްކުރެވޭނެއެވެ. ކުށެއްނެތް އެތަކެއް އަންހެން ކުދިންގެ ދިރިއުޅުމަށް ވިހަ ލަމުން އައިސް މިއަދު އިޒުވާނުވެސް އަނދަވަޅަކަށް އެވަނީ ވެއްޓިފައެވެ. އިތުރަށް އެގުޅުންކުރިއަށް ގެންދަން ސާރާ ބޭނުން ނުވީ އިޒުވާނު ދެކެ ލޯބިނުވާތީއެވެ. ލޯބި ނުވާ ބައިވެރިޔަކާއެކީގައި ދިރިއުޅުމެއް ނޫޅެވޭނެކަން ހައުލާއަށް ވެސް ޤަބޫލުކުރެވުނެވެ. އިޒުވާނު ދޫކޮށްލަން ޖެހުނީ ކޮންމެހެން ސާރާގެ ހަޔާތަށް ބައިވެރިއަކު ލިބިގެނެއް ނޫނެވެ.
***
“ކީއްކުރަން ދެން ތިހުރިޙާ އެއްޗެއް ގޮވާކަށް. އަންނާށޭ ބުނީމަ މިހުރީ އައިސް. ބުނެބަލަ ކީއްވެ އެހާވަރަކުން އަންނާށޭ ބުނީ..” ހައުލާ ސައިކަލު ފަހަތަށް އެރުމުން ޒުހުރީ ވާހަކަ ދެއްކިއެވެ.
“ހޫން. ހިނގާ ޒީނާ ކައިރިއަށް ދާން. ކޭކެއް އަޅަން ވެގެން. މަންމަގެ ބާރތްޑޭ ނެކްސްޓް ވީކްގަ. އެހެންވެ އެގެއަށް ދާން ވެގެން ޒީ އަންނާށެ ބުނެފަ އޮތީމަ..” ސައިކަލު ފަހަތަށް އަރާ ހަމަޖެހިލަމުން ހައުލާ ބުންޏެވެ. ޒުހުރީގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.
“ތިކަމުގަ މަ މާލެ ހުއްޓާ ތި ގެނައީ.. ހޭބަލި ވެދާނެ..” ސައިކަލު ދުއްވާލަމުން ޒުހުރީ ބުންޏެވެ.
***
“ސާރާ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23