“އެމީހުން މަށާދިމާއަށް ގޮވަނީ ރާމާމަކުނޭ ކިޔާފަ.” ވަރަށް މަދުން ނޫނީ ނުޖެހޭ ސިންޑްރޮމް އެއް ކަމަށްވާ ‘ވެއަރ ވުލްފް ސިންޑްރޮމް’ އާއި ކުރިމަތިލާން ޖެހިފައިވާ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ބުންޏެވެ. އޭނާ އަށް ސްކޫލުން ކުރިމަތިވާ ގަނާކުރުންތައް ހިއްސާކުރީ އަސަރާއިއެކުގައެވެ. މުޅި މޫނުގައި އިސްތަށި ފަޅާފައިވާ އެކުއްޖާ އާއި ހަނގާކޮށް ގައު އުކައި މަލާމާތްކުރަމުން އަންނަކަމަށް ބުންޏެވެ.

ލަލިތު ޕަތިދާރް އުފަންވީ ‘ހައިޕަރޓްރިކޯސިސް’ އޭ ކިޔުނު ސިންޑްރޮމް އަކާއި އެކުގައެވެ. މުޅި މޫނާއި ގައިން އާދަޔާޚިލާފަށް އިސްތަށި ފަޅާ ހާލަތެއް މެދުވެރިވެގެންނެވެ.

އިންޑިޔާގެ މަދްޔާ ޕްރަދޭޝް ގެ ރަތުލާމަށް އުފަން ލަލިތު  ބުނީ އޭނާއަށް ކުރިމަތިވެފައިވާ ހާލަތު ޤަބޫލުކުރާކަމަށެވެ. މީހުން ކިތަންމެ ގަނާކުރިޔަސް، މިއީ އޭނާ އުފެދުމުގައި މެދުވެރިވެފައިވާ ކަމެއްގެ ސަބަބުން މިންވަރު ކުރައްވާފައިވާ ގޮތްކަމަށް އޭނާ ޤަބޫލުކުރެއެވެ.

“އަވަށްގަނޑު ތެރެއަށް އަހަރެން ބައެއް ފަހަރަށް ނުކުމެ އުޅޭއިރު، މީހުން އަހަރެން ކައިރިއަށް އައިސް ކަޅި ޖަހައިނުލާ ބަލާނެ، ބައެއް މީހުން މަށާދިމާއަށް ގޮވާނެ ރާމާމަކުނޭ ކިޔާފަ.” ލަލިތު ބުންޏެވެ.

“އެހެން ކުދިން މަށާދިމާއަށް ގައު އުކާ ތަފާތު ނަންނަމުން ގޮވަމުންދިޔަ ދުވަސްވަރެއްވެސް އައި.” ލަލިތު އިތުރަށް ބުންޏެވެ. “ނަމަވެސް އަހަރެންގެ އާއިލާއާއި ރަހުމަތްތެރިން އެފަދަ ހާލަތްތަކުގައި އަހަރެންގެ ދިފާއުގައި ވާހަކަދައްކައި އަހަރެން ސަލާމަތްކޮށްދޭ.”

“ބައެއް ފަހަރަށް އަހަރެންގެ ހިތަށްއަރާ އަހަރެންގެ ގައިގައި އިތުރަށް ފަޅާފައިވާ މިވާ އިސްތަށިތަކުން ސަލާމަތްވުމަށް ޚާއްޞަ އޮޕަރޭޝަނެއް ކުރެވޭނެ ނަމައޭ. އަހަރެންވެސް އަހަންނާއެކުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުޅެން އުޅޭނެ ރަހުމަތްތެރިން ބޭނުންވޭ.”

ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ލަލިތު ވަރަށް ހިތްވަރުގަދަ އެވެ. އޭނާ ފުލުހުންގެ އޮފިސަރަކަށް ވުމަށް ކުރަމުން އަންނަ އުއްމީދާއި ހަމައަށް ވާޞިލްވުމަށް އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އޭނާ ބޭނުންވަނީ ހުރިހައި ވަގުންނާއި ކުށްވެރިން ޖަލަށް ލާށެވެ.

“ބައެއް ފަހަރަށް އަހަރެން ހިތަށްއަރާ އަހަންނަކީވެސް އެހެން ކުދިން ފަދަ ކުއްޖެއް ނަމައޭ. އެކަމަކު އަހަންނަށް އެކަމާ ކުރެވޭނެ މާބޮޑުކަމެއް ނެތްކަންވެސް އެނގޭ.” ލަލިތު ބުންޏެވެ.

ފަރުވާއެއް ނެތް

“އަހަރެން ބޭނުންވަނީ ތެދުވެރި ފުލުހުންގެ އޮފިސަރެއް ފަދައިން ވަޒީފާ އަދާކޮށްގެން ފައިސާ ހޯދާ އަހަރެންގެ މަންމައާއި ބައްޕަ ބަލަހައްޓަން. އެމީހުން އަހަންނަށްޓަކައި ވަރަށް ބުރަ އުފުލައިފި. އެމީހުން މުސްކުޅިވާ ދުވަހު އިތުރު ތަކުލީފެއް ޖައްސާކަށް އަހަރެން ބޭނުމެއް ނޫން.” ވަރުގަދަ އަޒުމެއްގައި ހުރި ކުޑަކުޑަ ލަލިތު ދެއްކީ ބޮޑެތިމީހުން ދައްކާފަދަ ހަރުދަނާ ވާހަކައެކެވެ.

އުމުރުން 42 އަހަރުވެފައިވާ ލަލިތުގެ މަންމަ، ޕާރްވަތީބާއި ޕަތީދާރް އަންނަނީ 14 ކުދިން ބަލަމުންނެވެ. އޭގެ ތެރޭގައި ފުރާވަރުގެ ފަސް އަންހެންކުދީންވެސް ހިމެނެއެވެ.

“ލަލިތު އުފަންވިތާ ބައިގަޑިއިރު ފަހުން، އަހަންނަށް ދަރިފުޅުގެ ހަށިގަނޑުގައި އާދަޔާޚިލާފަށް ގިނައިން ފަޅާފައިވާ އިސްތަށިތައް ފެނުމާއެކު ހައިރާންކަމެއް ލިބުނު. އަހަރުމެން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ކިބައިން އެދުނިން ދަރިފުޅުގެ ޓެސްޓްތައް ހަދައި ބަލައިދިނުމަށް. ޑޮކްޓަރު ބުނީ އެއީކީ ފަރުވާއެއް އޮތް ބައްޔެއް ނޫނޭ. އެހެން ބުނެފަ އިސްތަށިތައް ބޭލުވީ.”

“އަހަރެންގެ ފަސް އަންހެންދަރީން އެބަތިބި. ފިރިހެން ދަރިއަކު ދެއްވައިތޯ އަހަރެމެން ވަރަށް ދުއާކުރިން. އަހަރުމެންގެ ދުއާ އިޖާބަކުރައްވައި ލަލިތު ލިބުނީ. އޭނާ ތަފާތަކަސް އަހަންނަށް ވަރަށް ޚާއްޞަ މިބުނި ސަބަބާހުރެ.” ލަލިތުގެ މަންމަ ބުންޏެވެ.

ލަލިތަށް ކުރިމަތިވެފައިވާ ހާލަތަށް ހޭނިފައި ވިޔަސް، މޫނުމަތީގައި އާދަޔާޚިލާފަށް އިސްތަށި ހުރުމުން ނޭވާ ލުމަށާއި ތަންތަން ބެލުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުމަކީ އާއްމުކަމެކެވެ.

ދިރި އާއި ލޮނުމެދު ދަނޑުތަކެއް ގެންގުޅޭ ލަލިތުގެ ބައްޕަ ބަންކަތުލާލް (45އ) ބުނީ: “ލަލިތުގެ އުމުރުން ދެ އަހަރުގައި އަހަރެން އޭނާ ގޮވައިގެން ބަރޯޑާ ގައި ހުންނަ ބޮޑު ހަސްފަތާލަކަށް ދިޔައިން. އެތަނުން ޑޮކްޓަރުންގެ ޓީމަކުން ދަރިފުޅު ބެލި. ބަލާ ނިންމާފައި ޑޮކްޓަރުން ބުނީ މިކަމަށް އެއްވެސް ފަރުވާއެއް ދެވެން ނެތްކަމަށާއި އެއްވެސް ފަރުވާއެއްގެ ޚަބަރެއް ވެއްޖެއްޔާ އަހަންނަށް އަންގާނެ ކަމަށް.”

ސްކޫލްގައި ލަލިތަކީ ކުލާހުގެ އެހެން ދަރިވަރުންނާ އަޅައި ބަލާއިރު ކިޔެވުމަށް ރަނގަޅު، ކުޅިވަރުކުޅުމުގައި ހަރަކާތްތެރި ކުއްޖެކެވެ.

އޭނާގެ ހެޑްމާސްޓާ ބާބުލް މަކްވާނީ ބުނީ:”އަހަރެންގެ ދަރިވަރެއްގެ ގޮތުގައި ލަލިތު އުޅެމުން އަންނަތާ މިވީ ދެ އަހަރު. އެއީ ކިޔެވުމަށް މޮޅު އަދި ކުޅިވަރަށް ވަރަށް މޮޅު ކުއްޖެއް. ކުލާހުގައި ނަންހިނގާ، އެހެން ކުދިން ލޯބިވާ ކުއްޖެއް އޭނާއަކީ.”

ލަލިތު ޕަތިދާރް އޭނާގެ ދެ ދައްތައިންނާއިއެކުގައި ސެލްފީއަކަށް ހުއްޓިލައިގެން – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރް ތުއްތުއިރު އޭނާގެ ދައްތަ ވިޝްނޫ ޕަތިދާރާއެކު – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރަށް ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް އޭނާ ހުރީ ފުލުހުންގެ އޮފިސަރަކަށް ވުމުގެ ވަރުގަދަ ޢަޒުމުގައި – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރް އޭނާގެ ދައްތައިންނާއިއެކު – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރް އޭނާގެ މަންމައާއި ބައްޕައާއެކު – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރް އަކީ ކިޔެވުމަށް ޝައުޤުހުންނަ މޮޅު ކުއްޖެއް – ފޮޓޯ: ދަ ސަން

ލަލިތު ޕަތިދާރް އޭނާގެ ރަހުމަތްެރިންނާއެކު ކްރިކެޓް ކުޅެނީ – ފޮޓޯ: ދަ ސަން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.