ލ. އަތޮޅުގައި ހުރި އެންމެ ބޮޑު ސްކޫލަކީ ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލެވެ. ސްކޫލްގެ ބޮޑުކަމާ އެއްވަރަށް، ސްކޫލުން އަންނަނީ ބޮޑެތި ކަންތައްތައް ވެސް ކުރަމުންނެވެ. ބޮޑެތި ކަންތައްތަކޭ މި ދަންނަވަނީ އިނގިރޭސިބަހުން އެ ކިޔާގޮތަށް ‘މެގަ ޕްރޮޖެކްޓް’ ތަކެއް ހިންގާ ވާހަކައެއް ނޫނެވެ. ފެންނަ ފެނުމަށް ވަރަށް ކުޑަކުޑަ އާދައިގެ ކަމެކޭ ހީވިޔަސް، އިޖްތިމާޢީ، އިންސާނީ ނަޒަރަކުން ބަލާއިރު، ވަރަށް ބޮޑެތި ކަންތައްތައް، ވަރަށް ތަފާތު ކަންތައްތައް ހަމަދު ސްކޫލުން އަންނަނީ ހިންގަމުންނެވެ.

މިއީ ވެސް އެފަދަ ކުޑަކުޑަ، އެހެނަސް ބޮޑުކަމެއްގެ ވާހަކައެކެވެ. ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުގެ އަހަރީދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ދަށުން ދަރިވަރުން، ލ. ގަމުގެ އިސްރަށްވެހީންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރުވެސް މިވަނީ ތަފާތު ހަރަކާތެއް ހިންގާފައެވެ.

ހަމަދު ސްކޫލުގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ދަށުން ސްކޫލުގެ ގްރޭޑް 07 ން 10 އާއި ދެމެދުގެ ދަރިވަރުން ލ. ގަމުގެ އިސްރަށްވެހީންގެ އަރިހަށް ޒިޔާރަތްކޮށް ހަދިޔާއެރުވުމުގެ ޕްރޮގްރާމެއް މިއަދު ވަނީ ހިންގާފައެވެ. ސްކޫލުގެ މެނޭޖްމެންޓުން މިފަދަ ހަރަކާތެއް ރާއްވަވައި ހިންގަވަނީ އިސްރަށްވެހީންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިލައްވާތީ އެވެ.

ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ދަރިވަރުން ލ. ގަމު އިސްރަށްވެހީން ކައިރިއަށް ޒިޔާރާތް ކުރުމުގެ ތެރެއިން – ފޮޓޯ: ހަމަދު ސްކޫލް

“މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ އިސްރަށްވެހީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން. އަހަރީ ދުވަހުގެ އުފަލުގައި އެބޭފުޅުން ބައިވެރިކޮށް ހަދިޔާ ދިނުން. ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްކަން ދަރިވަރުންނާއި މުޖުތަމަޢަށް އަންގައިދިނުން.” ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝަޢުކަތު މުނިއަވަސް އަށް މި ހަރަކާތާބެހޭ މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވިއެވެ. ޕްރިންސިޕަލް މުޙައްމަދު ޝަޢުކަތުވިދާޅުވީ މިއީ އެ ސްކޫލުން މި ހަރަކާތް ހިންގާ ތިންވަނަ ފަހަރު ކަމަށެވެ.

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ކޮންމެ އަހަރަކުވެސް މި ހަރަކާތް ހިންގަވަނީ ދުރާލާ ރާވައިގެން ވަކި އިންތިޒާމެއްގެ މަތިންކަން، ޕްރިންސިޕަލްގެ ވާހަކަތަކުން އެނގިގެން ދިޔައެވެ. އެގޮތުން ދަރިވަރުން ގޭގެއަށް ޒިޔާރަތްކޮށްފައިވަނީ މުދައްރިސުންގެ ބެއްލެވުމުގެ ދަށުން 04 ސަހަރަޙައްދަކަށް ބަހާލައިގެންނެވެ.

“…… މުކުރިމަގު، މަތިމަރަދޫ، އަލަށް އާބާދުވާ ސަރަހައްދު، ތުނޑި. އެ ސަރަހައްދެއްގެ ކުދިން އެ ސަރަހައްދުގެ އިސްރަށްވެހިންގެ ކައިރިއަށް ދިިޔައީ. ދަރިވަރުން އަމިއްލަ ގޮތުން، ހަދިޔާ ޕެކެއްވެސް ދިން މެސެޖަކާއެކު. ގަމުގެ 65 އަހަރުން މަތީގެ ހުރިހައި އިސްރަށްވެހީން ހިމެނޭގޮތަށް މި ހަރަކާތް ހިންގުނީ.”

ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ދަރިވަރުން ލ. ގަމު އިސްރަށްވެހީން ކައިރިއަށް ޒިޔާރާތް ކުރުމުގެ ތެރެއިން – ފޮޓޯ: ހަމަދު ސްކޫލް

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މިއަދު ގޭގެއަށް ޒިޔާރަޔްކުރުމުގެ ކުރިން، އިއްޔެ ޓީޗަރުންގެ ޓީމުތައް އިސްރަށްވެހީންގެ ގޭގެއަށް ދުރުވެ އިސްރަށްވެހީންނާއި ބައްދަލުކޮށް، މިއަދު މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިން ވަކި ވަގުތެއްގައި ޒިޔާރަތްކުރާނެ ކަމަށާއި އެވަގުތުގައި ގޭގައި މަޑުކޮށްދެއްވުމަށް ދެންނެވުނު ކަމަށެވެ.

މިއަދު ހިންގުނު ހަރަކާތާއި އަދި ކުރިން ހިންގުނު މިފަދަ ހަރަކާތަށް އިޝާރާތް ކުރައްވައި ޕްރިންސިޕަލް ވަރަށް މުހިންމު ކަމެއް ފާހަގަ ކުރެއްވިއެވެ.

“އެބޭފުޅުން (އިސްރަށްވެހީން) ވަރަށް އިމޯޝަނަލް ވޭ ކުދިން ގޮސް އެބޭފުޅުންގެ ޚިދުމަތް އެޕްރިޝިއޭޓް ކުރާކަމަށް ބުނެ ހަދިޔާ ދިނީމާ.”

ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ދަރިވަރުން ލ. ގަމު އިސްރަށްވެހީން ކައިރިއަށް ޒިޔާރާތް ކުރުމުގެ ތެރެއިން – ފޮޓޯ: ހަމަދު ސްކޫލް

ހަމަ ޙަޤީޤަތުގައިވެސް އިސްރަށްވެހީންނަށް މިފަދަ ހިނދުކޮޅެއް ވެގެންދާނީ ވަރަށް އަގުހުރި، އުފާވެރި ވަގުތުކޮޅަކަށެވެ. އިސްރަށްވެހީންނަށް މިކަން ވެގެންދާނީ ވަރަށް ބޮޑު ކަމަކަށެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނެތެމުންދާ މުހިންމު ސިފައެއް އަށަގެންނެވުމަށް، ހަމަދު ސްކޫލުން ހިންގަވަމުން ގެންދަވާ ވަރަށް ނަލަނަލަ ހަރަކާތެއްކަމަށް އަޅުގަނޑުމެން ދެކެމު އެވެ.

ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ދަރިވަރުން ލ. ގަމު އިސްރަށްވެހީން ކައިރިއަށް ޒިޔާރާތް ކުރުމުގެ ތެރެއިން – ފޮޓޯ: ހަމަދު ސްކޫލް

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލްގައިވަނީ ޚާއްޞަ އެސެމްބްލީއެއް ވެސް ބާއްވާފައެވެ. މި އެސެމްބްލީގައި ދުވަހާއި ގުޅޭ ޚާއްޞަ ކޭކެއް ފެޅުންވެސް އޮތެވެ.

ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ 21 ވަނަ އަހަރީ ދުވަހުގެ ހެރަކާތްތައް ފެށުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން – ފޮޓޯ: ހަމަދު ސްކޫލް

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވާފައިވާ ސްކޫލެކެވެ. ސްކޫލްގެ ނަން ނިސްބަތްވަނީ ޤަތަރުގެ އަމީރު ޝެއިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަށެވެ. ސްކޫލް ޢިމާރާތްކުރެވި، ރަސްމީ ސިފައެއްގައި ކިޔަވައިދިނުން ފެށިފައިވަނީ 15 ފެބްރުއަރީ 1998 ގައެވެ. މި ސްކޫލްގެ ނަމުގެ ގޮތުގައި ކުރީން ބޭނުން ކުރެވިފައިވަނީ ޤަތަރު އަމީރު ސްކޫލް އެވެ.

ބިމުގެ ގޮތުންނާއި ޢިމާރާތުގެ ގޮތުން ތަނަވަސް، އަދި ރާއްޖޭގެ ސްކޫލްތަކުގެ ނިސްބަތުން އެކަށީގެންވާ ރަނގަޅު ވަޞީލަތްތަކެއް ޤާއިމްކުރެވިފައިވާ މި ސްކޫލްގައި ކިޔަވައިދެނީ ޕްރީސްކޫލް ގްރޭޑްތަކުގެ އިތުރުން، ގްރޭޑް 1 އިން 12 އަށެވެ. ޘާނަވީ އާއި މަތީ ޘާނަވީގައި ސައިންސް އަދި ބިޒްނަސް ސްޓްރީމަށް ކިޔަވައިދެވެއެވެ. މީގެ އިތުރުން ކޮމްޕިއުޓަރ ސްޓަޑީޒްއާއި ޓްރެވަލް އެންޑް ޓުއަރިޒަމްވެސް މިހާރުވަނީ އޯލެވެލްގައި ބައިވެރިވާ މާއްދާތަކުގެ ގޮތުގައި ކިޔަވައިދިނުމަށް ފެށިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.