‘ބަޒި ރިކޯޑްސް ސްޓޫޑިއޯ’ އޭ ބުނުމުން އެނަން ދަންނަ ފަރާތްތައް މަދުވެދާނެ އެވެ. ނަމަވެސް ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ’ އިން އުފައްދާފައިވާ ލަވަތައް އަޑުއަހައިލުމުން ގައިން ހީބިހި ނަގައިގެން ދާނެކަން ޔަޤީނެވެ. ބަޒި ރިކޯޑްސް ސްޓޫޑިއޯ މީސްމީޑިއާ ފަހަނައަޅައިގޮސް، ރަސްމީ މީޑިއާއެއްގެ ދޮރާށި މެދުވެރިވެގެން ދުނިޔެއަށް އެމީހުންގެ އަޑު މިއަދު އިއްވައިލަނީ އެ ސްޓޫޑިއޯ އިން އެންމެފަހުން އުފައްދައި އާއްމުކުރި ލަވައާއި އެކުގައެވެ. “ހާމާން’ ގެ ނަމުގައި އެމީހުން ނެފައިވާ ހިޕްހޮޕް ލަވަ، މިއަދުން ފެށިގެން ލަވަފޮށިން އަޑު އަހައިލެވޭނެއެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ ގެ “ހާމާން” ގެ އޮރިޖިނަލް ޕޯސްޓަރާއި ލަވައިގެ އޯޑިއޯ، އެ ސްޓޫޑިއޯ އިން މުނިއަވަސްއާ ހިއްސާކޮށްފައި ވެއެވެ. އެހެންކަމުން ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ފަންވަރު ބަލައިލާ، “ހާމާން”ގެ ފެންވަރު ބަލައިލަން ކިޔުންތެރިންނަށް ލަވަ ހިއްސާކޮށްލާނަމެވެ. އެއަށްފަހު، ބަޒި ރިކޯޑްސް ސްޓޫޑިއޯ އަކީ ކޮބައިކަމާއި އެމީހުންގެ އިތުރު އުފެއްދުންތަކުގެ ވާހަކަތައް ހިއްސާކޮށްލާނަމެވެ.

ތަފާތު ލަވައެއް ދޯއެވެ. މިއުޒިކާއި ޅެންވެރިކަން އަދި މެލޮޑީވެސް ވަރަށް ފުރިހަމައެވެ. ލަވައިގެ ރެޕް ބައި ކިޔާފައިވަނީ ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ލީޑް އަރުޝަދު ސަޢީދު (އަރޭ) އެވެ. އިތުރު ބައިތައް ކިޔާފައިވަނީ މުޙައްމަދު އަޤީލް (ބޮކި)، އަހްމަދު ޝަރީފް (ސަރިއްޕެ)، އަދި އިތުރު އެހެން މެންބަރެކެވެ. ލަވައިގެ މައިގަނޑު ވޯކަލް ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ތިއޭޓާ ރައުންޑާއި ހަމައަށް ދަތުރުކުރި ހުސައިން މުބާރިކް (މާރިއޯ) އެވެ. “ހާމާން” ލަވައިގެ ލިރިކްސް ހެދީ ޝާހީން އެވެ.

މިވަގުތުކުރަމުންދަނީ އަމިއްލަ އަލްބަމްގެ މަސައްކަތް

ބަޒި ރިކޯޑްސް ސްޓޫޑިއޯ އުފެދުނީ 2016 ހިސާބުގައެވެ. މިއުޒިކަށް ހުންނަ ޝަޢުޤާއިއެކު، އަރޭ އާއި އޭނާގެ އެކުވެރިންކޮޅެއް އަމިއްލައަށް އިސްވެންޓްމެންޓެއް ކޮށްގެން މިއުޒިކް ހެދުމާއި، ރެކޯޑިން ހަދައި ކޮމްޕޯސްކުރުމަށް ބޭނުންވާނެ ސާމަނު ގަނެ، މަސައްކަތްފެށިއެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯގެ އުއްމީދީ ޒުވާން ޓީމުން މަސައްކަތްކުރަމުން ގެންދަނީ ދިވެހި އަމިއްލަ، އޮރިޖިނަލް މިއުޒިކް އުފައްދައި ވުޖޫދަށް ނެރުމަށެވެ. ރިޒޯޓްގައި ވަޒީފާ އަދާކުރަމުން، މިއުޒިކަށް ވަގުތު ހުސްކޮށްގެން ބަޒި އިން ވަނީ 10 ވަރަކަށް އަމިއްލަ ލަވަ ތައްޔާރުކޮށްފައެވެ. ބަޒި ރިކޯޑްސް ސްޓޫޑިއޯގެ “ރައްޒާގު” ނަމަކަށް ކިޔާ ހިޕްހޮޕް ލަވައެއް މީގެ ކުރިން ވަނީ ލަވަފޮށި އެޕްގައި ރިލީޒްކޮށްފަ އެވެ. މި ލަވައިގައި އަލިއަޅުވާލާފައިވަނީ މާރާމާރީ ހިންގައި މީހުންމެރުމާއި ޑްރަގްސްގެ ވަބާގެ މައްޗަށެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯގެ މެންބަރުންގެ ތަޢާރަފަކަށް ޖެހިލާނަމެވެ.

އަރުޝަދު ސަޢީދު (އަރޭ)

އަރުޝަދު ސަޢީދު (އަރޭ)

ބަޒި ރިކޯޑްސް ސްޓޫޑިއޯ ލީޑްކުރަނީ ސްޓޫޑިއޯގެ އޯނަރު އަރުޝަދު ސަޢީދު (އަރޭ) އެވެ. އަރޭ އަކީ މިއުޒިކަށް ހުންނަ ޝަޢުޤުގައި އޮންލައިންކޮށް ދެ އަހަރުވަންދެން މިއުޒިކް ކިޔަވާފައިވާ އަދި މިހާރުވެސް ކިޔަވަމުން އަންނަ ޒުވާނެކެވެ. މީގެ އިތުރުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން (އެމްއެމްއޭސީ) މިއުޒިކް ކޯހެއް ފުރިހަމަކޮށްފައި ވެއެވެ. މުނިއަވަސް އަށް އަރޭ ބުނީ މިހާރުވެސް އޮންލައިންކޮށް އޭނާ މިއުޒިކް ކިޔަވަމުން އަންނަކަމަށެވެ.

އަރޭ އަކީ ރެޕް އާޓިސްޓެކެވެ. ޕިއާނޯ ކުޅުމަކީވެސް އަރޭގެ މައިގަނޑު ޓާސްކެކެވެ. ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ލަވަތައް ކޮމްޕޯސް ކުރުމާއި މިކްސިން އަދި މާސްޓަރިން ފަދަ ޓެކްނިކަލް މަސައްކަތްތައް ކުރަނީވެސް އަރޭ އެވެ.

އަހްމަދު ޝަރީފް (ސަރިއްޕެ)

އަހްމަދު ޝަރީފް (ސަރިއްޕެ)

އަހްމަދު ޝަރީފް (ސަރިއްޕެ)އަކީ ރާއްޖޭގެ ނިސްބަތުން އެންމެ ކުރީ ސަފުގައި ގުނައިލެވޭ މޮޅު ކުރެހުންތެރިއެކެވެ. ރާއްޖެ ޓީވީގެ ފަރާތުން އިންތިޒާމް ކޮށްގެން ނެޝަނަލް އާޓް ގެލެރީގައި 2013 ވަނަ އަހަރު ބޭއްވި “ދެފިޔަވަޅު ފަހަތަށް” ކުރެހުމުގެ މުބާރާތުގައި ސަރިއްޕެ ވަނީ އެއްވަނަ ހޯދާފައެވެ. ސެޓް ޑިޒައިން ކުރުމަށްވެސް މޮޅު ސަރިއްޕެ އަކީ ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ރެޕާ އެކެވެ.

މުޙައްމަދު އަޤީލް (ބޮކި)

މުޙައްމަދު އަގީލް (ބޮކި) އަކީ ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ވޯކަލިސްޓެކެވެ. މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބަޒިގެ ލަވަތަކުގެ ޅެންވެރިކަމަކީ ބޮކިގެ އަލިގަދަ ސިކުނޑިން ލިބެމުންދާ އަލިކަމެކެވެ.  ބަޒިގެ މެއިން ޑްރަމަރ އަކީވެސް މުޙައްމަދު އަގީލް (ބޮކި) އެވެ.

ހުސައިން މުބާރިކް (މާރިއޯ)

އިސްމާޢީލް މުބާރިކް (މާރިއޯ)

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ތިއޭޓާ ރައުންޑާއި ހަމައަށް ދަތުރުކުރި ހުސައިން މުބާރިކް (މާރިއޯ) އަކީ ބަޒި ރިކޯޑްސް ސްޓޫޑިއޯގެ އިސް ވޯކަލިސްޓެވެ. އެމީހުންގެ ގިނަ ލަވަތަކުގައި އާދައިގެ ގޮތަށް ލަވަތައް ހުށައަޅައިދެނީ އޭނާއެވެ.

އިތުރު މެންބަރެއް

މި މެންބަރަކީ ވެސް ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ހުނަރުވެރި ވޯކަލިސްޓެކެވެ. ހަމަ އެހާމެ ހުރުވެރި ގިޓަރިސްޓެވެ.

މިވަގުތުކުރަމުންދަނީ އަމިއްލަ އަލްބަމްގެ މަސައްކަތް

ބަޒި ރިކޯޑްސް ސްޓޫޑިއޯ އިން އަރޭ ބުނީ އެމީހުންގެ ފުރަތަމަ އަމިއްލަ ލަވަ އަލްބަމްގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަކަމަށެވެ.

“އުއްމީދަކީ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އަލްބަމް ރިލީޒް ކުރުން. މިހާރު 85 ޕަސެންޓް މަސައްކަތް ނިމިއްޖެ.” އަރޭ ބުންޏެވެ. އަރޭ އިތުރަށް ބުނީ މި އަލްބަމުގައި މިއުޒިކްގެ އެކި ފީލްތަކުގެ، އެކި ޖޮންރާގެ ލަވަތައް ހިމެނޭނެ ކަމަށެވެ. އެގޮތުން ޒީރޯ ޑިގްރީ އަލްބަމުގައި ހުރިފަދަ ބޮޑުބެރު ފީލްގެ ލަވައާއި، ސަލްސާ، ރެޕް އަދި ތަފާތު ޖޮންރާތަކުގެ ލަވަތައް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި “ރާޅު މަރިޔބަނު” ބަޒި ސްޓޫޑިއޯ ބަލައިލަން ގޮސް – ފޮޓޯ: ބަޒި

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.