މަޝްހޫރު ނޫސްވެރިޔާ ލަޔާލް މަނިކަށް ޕީޕީއެމުން ދިން ޓިކެޓް އަތުލުމުން، ފިލްމު “ފޯޓީ ޕްލަސް”ގެ ޓީމުން ލަޔާލަށް “ފޯޓީ ޕްލަސް” ޕްރިމިއާ ޝޯގެ ޓިކެޓް ހަވާލުކޮށްފި އެވެ.

ލަޔާލް އާ ޓިކެޓް ހަވާލުކުރީ މިއަދު މެންދުރުފަހު އެ ފިލްމުގެ އެއް ލީޑް އެކްޓަރު އަހްމަދު ސައީދު އާއި ފިލްމުގައި މަޖާ އަދި ތަފާތު ރޯލަކުން ފެނިގެންދާނެ އަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ލަޔާލްގެ އިތުރުން އޭނާގެ ބައިވެރިޔާއަށް ވެސް “ފޯޓީ ޕްލަސް” ޕްރިމިއާ ޝޯގެ ޓިކެޓް ދިންކަމަށް މަޢުލޫމާތު ލިބެއެވެ.

ފޯޓީ ޕްލަސްގެ ޓީމުން ބުނީ “ފޯޓީ ޕްލަސް” އިން ލަޔާލަށް ޓިކެޓްދޭން ނިންމީ ލަޔާލް އަކީ ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ކުޅަދާނަ، ޒުވާން ނޫސްވެރިއަކަށް ވެފައި، ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ކަނބަލަކަށް ވީތީ ކަމަށެވެ.

“ފޯޓީ ޕްލަސް”ގެ ޓީމުން ލަޔާލް އާ ޓިކެޓް ހަވާލުކޮށްފައި މިވަނީ މަޖިލިސް19 ގައި މަތިވެރި ދާއިރާއަށް ލަޔާލް ވާދަކުރުމަށް ޕީޕީއެމް އިން ޓިކެޓް ހަވާލުކުރުމަށްފަހު އެޓިކެޓް އަތުލާފައި ވަނިކޮށެވެ. ލަޔާލް އަތުން ޓިކެޓް އަތުލުން ވެގެންދިޔައީ ގިނަބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ.

އަންނަ މާރިޗް މަހު 05 ގައި ރިލީޒްކުރުމަށް ނިންމާފައިވާ “ފޯޓީ ޕްލަސް”ގެ ޓީމުން ބުނީ ޕީޕީއެމުން ލަޔާލް ގެ ޓިކެޓް އަތުލިޔަސް، ފޯޓީ ޕްލަސް ޕްރިމިއާ ޝޯގެ ޓިކެޓް އަތުނުލާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.