އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާ ކުރު ފިލްމު “ސޯލް” އަށް، ޓީވީއެމްގެ “މެންދުރުފަސް” ޕްރޮގްރާމުން ފާހަގަވެގެންދިޔަ ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ރިފްޒާ އާއި ލަންކާގެ ރެޕް އާޓިސް އީސްވަރަން ކޮކިލަންގެ އަޑުން ލަވައެއް ރެކޯޑްކޮށްފައިވާކަމަށް އެކްޓަރ ޑައިރެކްޓަރ ސީޒަން ބުނެފިއެވެ.

“ސޯލް”ގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތް ކުރުމަށް މިވަގުތު ލަންކާއަށްގޮސް ހުރި ސީޒަން މުނިއަވަސް މިއަދު ބުނީ “ސޯލް” ގެ އެންމެ ފަހު ލަވައިގެ ރެކޯޑިން ނިމިފައިވާކަމަށެވެ.

“”ސޯލް” ޑަބްކޮށް ނިމިއްޖެ. “ސޯލް”ގެ އެންމެ ފަހު ލަވައިގެ ރެކޯޑިން ވެސް ނިމުނީ. ކުރީގެ ޕްރެޒެންޓަރ ރިފްޒާ ފީމޭލް ވޯކަލިސްޓަކަށް އަދި މޭލް ވޯކަލިސްޓަކަށް ލަންކާގެ ރެޕާ އީސްވަރަން ކޮކިލަން (ޑީބީކޭ)” ސީޒަން ބުންޏެވެ.

“ސޯލް”ގެ ލަވައެެއް ރިކޯޑްކުރުމަށް ކުރީގެ ޕްރެޒެންޓަރ ރިފްޒާ، ތިއްތިގެ ސްޓޫޑިއޯގައި – ފޮޓޯ: އެސް ޕްރޮޑަކްޝަންސް

ސީޒަން ބުނީ މިއީ ދިވެހިބަހާއި ސިންގަޅަބަސް މަސްހުނިކޮށްގެން ކިޔާފައިވާ ލަވައެއް ކަމަށެވެ. ފިލްމު ޑަަބްކޮށް ނިމިފައިވާއިރު، މިއުޒިކްގެ މަސައްކަތް ލަންކާގައި މިވަގުތު ކުރަމުން އަންނަ ކަމަށްވެސް ސީޒަން ބުންޏެވެ.

“ލަންކާގަ ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރިއަށްދަނީ. މިއުޒިކް ހަދަނީ ނިފާރް (ތިއްތި).”

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާ ވިއްސަކަށް މިނެޓްގެ ފިލްމެކެވެ.

ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް ސީޒަން ބުނެއެވެ.

”ސޯލް“ގެ ފުރަތަމަ ދައްކައިލުން މިދިޔަ މަހު 27 ގައި ނެރެފައިވާއިރު އަންނަ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ބައިސްކޯފް އެޕް މެދުވެރިކޮށް ”ސޯލް“ ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.