އެއްދުވަސްވަރެއްގައި ޕަރިސްތާނުގައި ސަމާހާ ނަމަކަށްކިޔާ ކުޑަކުޑަ ޕަރީއެއް އުޅުނެވެ. ސަމާހާ ޕަރީ އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކަށް ދުއްޕާންކޮށްކޮށެވެ. ދޮގުހަދައިގެން ފާޑުފާޑުގެ ވާހަކަތައް ދެއްކުމަކީވެސް ސަމާހާ ޕަރީގެ ކިބައިގައި އަށަގަނެފައިވާ ނޭދެވޭ އާދައެކެވެ. މިހެން އުޅެން ހަދައިގެން ވަރަށް ގިނަ ފަހަރަށް ސަމާހާއަށް ލަނޑުލިބެއެވެ. އަނިޔާވެސް ލިބިފައި އެބަހުއްޓެވެ.

ސަމާހަ ޕަރީގެ ލާނެތްކަމާއި ދުއްޕާންތައް ބޮޑުވެގެން އެހެން ޕަރީންތައް އޭނާގެ ވާހަކަ ދައްކަން ފެށިއެވެ. ސަމާހާގެ އުޅުން އިސްލާޙްކުރުމަށް ކުރެވެންހުރި ކަންތައްތަކާއިމެދު އެމީހުން މަޝްވަރާ ކުރަން ފެށިއެވެ.

އެއް ޕަރީ ބުންޏެވެ. “ހިނގާ އޭނާއަށް ފިލާވަޅެއް ދެމާ.” އެހެން ޕަރީންތައް މި ޚިޔާލަށް އެއްބަސްވި އެވެ.

 

ޕަރީންތައް ގޮސް މައްސަލަ ހުށައެޅީ ޕަރިސްތާނުގެ ރަސްގެފާނުގެ ދަރުބާރަށެވެ. ޕަރީންތަކުގެ ފަރާތުން އެންމެ ދޫހެލޭ ޕަރީ، ސަމާހާގެ ކިބައިން ފާހަގަވާ ނޭދެވޭ އެންމެހައި ކަމެއް ކިޔައިދީ މައްސަލަ ހުށައެޅިއެވެ. ރަސްގެފާނުގެ ދަރުބާރުގައި ތިއްބެވި ވަޒީންނާ އެކަމާމެދު މަޝްވަރާކުރެވި، ނިންމީ ޕަރީންތައް އެދުނު ފަދައިން ސަމާހާއަށް ރަނގަޅު ފިލާވަޅެއް ލިބޭނޭ ފަދަ އަދަބެއް ދިނުމަށެވެ.

 

ހަމަ އެދުވަހު، ދަރުބާރަށް ސަމާހާ ޕަރީ ހާޒިރުކުރެވިއްޖެ އެވެ.

“އެހެންވީމާ ސަމާހާ ޕަރީއަށް އޮތް އަދަބަކީ ސަމާހާ ޕަރީ ޖެހޭނީ ދުނިޔޭގެ ބިމަށް ފައިބަން. އެތަނުން ކޮންމެވެސް ބޮޑު ބޭނުމެއް ޖެހިފައިވާ މީހާކަށް ޖެހޭނީ އެހީވެދޭން.” ރަސްގެފާނު ބަސްފުޅު އިއްވެވިއެވެ.

“އާދެ މަސާހިބާ.” ސަމާހާ ވަރަށް އަދަބުވެރިކަމާއެކު ޖަވާބުދިނެވެ.

“އެކަމަކު ސަމާހާގެ ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭ އެއް ކަމެއް އެބަޮތް.” ޕަރީންގެ ރަސްގެފާނު ވިދާޅުވިއެވެ. “ސަމާހާ ދުނިޔެއަށް ދާއިރު، ޕަރީންނަށް ލިބިފައިވާ އެއްވެސް ޖާދޫގެ ބާރެއް ނުގެންދެވޭނެ.” ރަސްގެފާނުގެ ދެވަނަ އަމުރުފުޅު އައެވެ. މިފަދަ ހުކުމެއް އަައިސްފާނެ ކަމަކަށް ސަމާހާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ރަސްގެފާނުގެ ނިންމެވުމަކަސް އެ ނިންމެވުމާ ސަމާހާ ހިތުން ރުހުމެއް ނުދެއެވެ.

“ހަމަ މިހާރުން މިހާރަށް، ސަމާހާ ދާންވީ ދުނިޔެއަށް. ދުނިޔެއަށް ގޮސް ސަމާހާ ޖެހޭނީ އެހީއަކަށް ބޭނުންވެފައިވާ މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިވާން.”

 

ކިތަންމެ ހިތް ނޭދުނަސް، ރަސްގެފާނުގެ އަމުރުފުޅަށް ސަމާހާ ބޯލެނބިއެވެ. ވަގުތުން ދުނިޔޭގެ އާލަމަށް ދަތުރުކޮށްފި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޙަޤީޤީ އެހީތެރިކަމަކަށް ބޭނުންޖެހިފައިވާ ބަޔަކު ފެނޭތޯ އަތްފުނާ އަޅަން ފެށިއެވެ.

ސަމާހާ ދަތުރުކުރަމުން ގޮސް އިންޑިޔާގެ ކޮޗިންގެ މަގެއް މަތީގައި މަޑުކޮށްލައި އޭނާގެ ފިޔަގަނޑު ހަށިގަނޑުގެ ތެރެއަށް ލައި ފޮރުވިއެވެ. އެވަގުތު މަގުގެ އެއް ފަރާތުގައި ތުއްތު ދެކުދިންނާއި ކުއްތާއެއް ތިބިތަން ފެނިއްޖެ އެވެ. އެކުދިން ކައިރިއަށް ސަމާހާ ގޮސް މަޑުކޮށްލައި އެކުދިންގެ ހާލުއަހުވާލު އޮޅުންފިލުވި އެވެ. އެކުދިންގެ ހާލު ރަނގަޅުކަމަށް ބުންޏެވެ.

“ކޮއްކޮމެން އެއްވެސް ކަމެއްގައި އެހީތެރިކަމަކަށް ބޭނުންތަ؟” ސަމާހާ އަހައިލިއެވެ.

އެތަނުން އެއް ކުއްޖަކު ސަމާހާ އާއި ދިމާއަށް ވަރަށް ބީރައްޓެހި ގޮތަކަށް ބަލައިލަމުން ނޫނެކޭ ބުންޏެވެ. އެހެންކަމުން ސަމާހާ އެތަނުން ދުރަށް ހިނގައްޖެއެވެ.

 

ތަންކޮޅަކަށް ދެވުނުތަނާ ސަމާހާ އަށް ފެނުނީ އެއްވެސް އަމާޒެއް، މަންޒިލެއް ނެތި ލައިހޫރެމުން ދިޔަ ދެ ކުއްތާ އެވެ.

“ހީވަނީ އެއީ ބެހިގެން އުޅޭ ދެ ކުއްތާ ހެން.” ސަމާހާ އަމިއްލަ ނަފުސާ މުޚާޠަބުކޮށް ބުންޏެވެ.

ސަމާހާ ގޮސް ދެ ކުއްތާ ކައިރީގައި މަޑުކޮށްލިއެވެ. ހަމަ އެވަގުތު އެސޮރުމެން ވައްވައް ޖަހައިގެންފި އެވެ. ކުއްތާ އެއް ވައްވައް ޖަހައިގަތްތަން ސަމާހާ އަށް ފެނުނު މިއީ އެންމެ ފުރަތަމަ ފަހަރެވެ. އެހެންކަމުން ސަމާހާ ވަރަށް ބޮޑަށް ބިރުގަނެ ހާސް ވެއްޖެ އެވެ. ކުރާނެ އެއްވެސް ކަމެއް އޭނާއަކަށް ނޭނގުނެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވައި މީހާ ހަމައަކަށް އަޅުވައިލަމުން އެސޮރުމެންނާ ވާހަކަދައްކަން ފެށިއެވެ. ސަމާހާ ގެ ނިޝްވާނީ، މޫސީޤީ އަޑު އިވުމުން ކުއްތާތައް ވައްވައް ޖެހުން ހުއްޓާލައިފި އެވެ. މިތަން ފެނިފައި ސަމާހާ އަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ހިނގައްޖެ އެވެ. ދެ ކުއްތާ ގެއަށް ދާނެ މަގު ދައްކައިދިނީ ސަމާހާ އެވެ.

ކުއްތާތައް އުޅޭ ސަރަހައްދަށް ގެންދިއުމަށްފަހު ސަމާހާ ވިސްނައިލި އެވެ.

“ވިޔާނުދާކޮށް ނޫޅެ، އަހަރެން އެހެން މީހުންނަށް އެހީވުމުން މިހާ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭއިރު އަހަރެން އެހެން ނޫޅެންވީ ސަބަބެއް ނެތް.”

 

ކުޑަކުޑަ ސަމާހާ ޕަރީ ޕަރިސްތާނަށް ގޮސް ރަސްގެފާނާއި ބައްދަލުކޮށް، ދުނިޔެމަތިން ދިމާވި ކަންތައްތައް ދަންނަވައިފި އެވެ. ސަމާހާގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރަސްގެފާނު ހިނފުޅުވަޑުވަމުން ވިދާޅުވި އެވެ.

“އެހެން ވެއްޖެއްޔާ ތިކަމުން ސަމާހާ އަށް ލިބުނީ ކޮން ފިލާވަޅެއް؟”

“އަޅުގަނޑަށް އެނގުނީ މީހުންނަށް އުނދަގޫކުރުމަކީ ގޯސް ކަމެއްކަން. ހިތްހަމަޖެހުމެއް ނުލިބޭ ކަމެއްކަން. އޭގެ ބަދަލުގައި މީހުންނަށް ޖެއްސުން ނުކޮށް، އެހީތެރިވެދިނުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭކަން.” ސަމާހާ މަޑުމައިތިރި ކަމާއެކު ބުންޏެވެ.

ސަމާހާގެ މި ވާހަކަތައް އިވިފައި ރަސްގެފާނު ވަރަށްބޮޑަށް ހިތްޕުޅާ ހަމަކުރެއްވި އެވެ.

ސަމާހާ ގޮސް އޭނާގެ ރަހުމަތްތެރިންނާއި ބައްދަލުކޮށް ދުނިޔެއިން ދިމާވި ކަންތައްތައް ކިޔައިދީފި އެވެ. ސަމާހާ އަށް ކުރިން އުޅެވުނީ ގޯސްކޮށްކަން އެނގިއްޖެ ކަމަށާއި ދެން އެހެން ނޫޅޭނެ ކަމަށްވެސް ބުންޏެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.