ލ. ކައްދޫން ފުރައިގެން މާމެންދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޝިމާ ނާފިޒް ހޯދުމަށް ޑައިވިން ރޮބޮޓް ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ޑައިވިން ރޮބޮޓްގެ އިތުރުން ކޯސްޓްގާޑް ޝިޕް ޝަހީދުއަލީ ވެސް ޒުވާނާ ހޯދުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޝިމާ ހޯދުމަށް އިއްޔެއިން ފެށިގެން ހެލިކޮޕްޓަރު ބޭނުންކޮށްގެންވެސް ‘މެގާ ސާޗެއް’ ކުރަމުން  ދާއިރު ކޯސްޓްގާޑް ޑައިވިން ޓީމުން ވެސް ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު ދަނީ ބަލަމުންނެވެ.

ޑިންގީ ބަންޑުން ޖަހާލި އިރު އޭގައި ދަތުރުކުރަމުން ދިޔައީ ދެ މީހުންނެވެ. އެއީ ޑިންގީ ދުއްވަން އިން މީހާ އާއި ގެއްލިގެން ހޯދަމުންދާ ލ. މާމެންދޫ އައިމިނަތު ޝިމާ ނާފިޒު (19އ) އެވެ.

ޑިންގީ ބަންޑުންޖަހައިލި ސަރަހައްދު ގައި ހަރަކާތްތެރިވާ ޕޮލިސް، އެމްއެންޑީއެފް އަދި އިތުރު އުޅަނދެއް – ފޮޓޯ: އެމްއެންޑީއެފް

ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ ކަނޑުއޮޅިއާ ހިސާބުން ކަމަށް ފުލުހުން ބުނެއެވެ. ހުކުރު ދުވަހުގެ ރޭ 21:30 ގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރިއިރު ޑިންގީން ދަތުރުކުރި ފިރިހެން މީހާ ފަތާފައި ގޮސް އެތަނުގެ ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރާ ޑިންގީ ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ދިނެވެ. ހަމަ އެއާއެކު އެ ރިސޯޓްގެ މުވައްޒަފުންނާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ޝިމާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ޝިމާ ހޯދުމަށް ޑައިވަރުން ހަރަކާތްެތެރިވަނީ – ފޮޓޯ: އެމްއެންޑީއެފް

ފިރިހެން މީހާ އެ ރިސޯޓަށް ފަތާފައި ދިޔައީ އަންހެން މީހާގެ އަތަށް ރީނދޫކުލައިގެ ހަމެއް ދިނުމަށްފަހު އޭގެ އެހީގައި އޮތުމަށް ބުނެފައެވެ. އަދި ފޯނެއް ވެސް ދިންކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ކައްދޫ އިސްކަންދަރު އެއާބޭސް ގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓަރުން ޝިމާ ހޯދުމަށް ހިންގި ‘މެގަ ސާޗް’ގައި ލ. އަތޮޅުގެ ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ. އެގޮތުން އަތޮޅުގެ ހުޅަނގު ދެކުނު ސަރަހައްދުން ބޮޑުބައެއްވެސް ބަލާފައިވެއެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުން ބަލައި ހޯދި ސަރަހައްދު – ފޮޓޯ: އެމްއެންޑީއެފް

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.