ލ. ކައްދޫން އެ އަތޮޅު މާމެންދުށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހައިލި ޑިންގީން ގެއްލުނު، އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް ލ. ގާދޫގައި “އަތްފުނާ އަޅަން” ފަށައިފިއެވެ.

މާމެންދޫ މީހަކު ބުނީ ޑިންގީން ދަތުރުކުރި ފިރިހެން މީހާ ދައްކާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރުމުން ޝިމާގެ އާއިލާއިން ބޭނުންވެގެން ގާދޫ ބަލަން ފަށާފައިވާކަމަށެވެ. އެގޮތުން ހަތަރެއް ނުވަތަ ފަސްވަރަކަށް ގްރޫޕަށް ބަހާލައިގެން އެރަށް ބަލައި ހޯދުމުގެ މަސައްކަތުގައި އާއިލާއިންނާއި މާމެންދޫން ގިނަ ބަޔަކު ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

ލ. ގާދު ބަލައި ފާސްކުރުމުގައި އެމްއެންޑީއެފްގެ ޓީމެއްވެސް ހަރަކާތްތެރިވެއެވެ. މިކަމާގުޅޭ ސީދާ ބަހެއް އެމްއެންޑީއެފުން އަދި މިހައިތަނަށް ބުނެފައިނުވިޔަސް މާމެންދޫން ގާދުއަށް ދިޔަ މީހުންވަނީ އެކަން ޔަޤީންކޮށްދީފައެވެ.

ގާދޫގައި ހަރަކާތްތެރިވަމުން އަންނަ ލ. މާމެންދޫ ސްކޫލްގައި މަސައްކަތްކުރައްވާ އިސްބޭފުޅެއް ކަމަށްވާ އަސްލަމް މުނިއަވަސް އަށް ބުނީ މިއީ އާއިލާ ފަރާތުން ބޭނުންވެގެން ބަލާބެލުމެއް ކަމަށާއި ގާދޫގެ ވަރަށް ބޮޑުބައި ބެލިއްޖެ ކަމަށެވެ. އަސްލަމް ބުނީ ޝައްކުކުރެވޭ ފަދަ އެއްވެސް ނިޝާނެއް ރަށުތެރެއިން ފެނިފައިނުވާކަމަށެވެ.

ގާދޫ ތެރެއިން އެއްވެސް ނިޝާނެއް ފެނިފައިނުވިޔަސް، ޑިންގީ ބަންޑުންޖަހައިލި ސިކްސް ސެންސަސް ރިސޯޓް ބޭރުން އޮންނަ ތިލައަކާއި ހަމައިން ލޯންޗުން ދަތުރުކުރި ކޮންމެވެސް އެކެއް ފޯނު ނެޓްވޯކް އެންމެފަހުން ލިބިފައިވާކަން އެނގިގެން އެކަން މިހާރު ފުލުހުންނަށް އަންގާފައިވާނެކަމަށް އަސްލަމް ބުންޏެވެ.

ޑިންގީ ދުއްވަން އިން މީހާއާއި ހަވާލާދީ މީހުން ދައްކާ ވާހަކަތަކުގައި ފޫނުބެދޭ އެތައް ކަމެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން މީސްމީޑިއާގައިވެސް ގިނަބަޔަކު ގެންދަނީ މިފަދަ ވާހަކަތައް ހިއްސާކުރަމުންނެވެ. އެގޮތުން ޝިމާ އަތަށް ހަމަކާއި ފޯނެއް ދީފައި ދިޔަކަމަށް ބުނާބުނުމަށް ބައެއް ފަރާތްތަކުން ބުނަނީ ފޯނު ދީފައި ދިއުމުގެ ކުރިން، އެހީއަށް އެދުމަށް ފޯނުން ނުގުޅަންވީ ކީއްވެގެންބާވައެވެ. އަނެއް ބަޔަކު ބުނާގޮތުން ލ. ގާދޫ ކަނޑުއޮޅިން ފެށިގެން ސިކްސް ސެންސަސް އާއި ހަމައަށް ފަތާފައި ދިއުމަކީ ދެތިން ގަޑިއިރުން ނޫނީ ނުކުރެވޭނެ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.