މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު، އެ ފިލްމެއްގެ އިންތިޒާރުގައި ތިބި ދިވެހި ފިލްމު “ފޯޓީ ޕްލަސް” ސިނަމާތަކަށް އައުމާމެދުު ދެން މާގިނަ ދުވަހެއް ނެތެވެ. “ފޯޓީ ޕްލަސް” ގެ ކުރު ޓީޒާއަކާއިއެކު ދުވަސްގުނަން ފަށާފައިވާއިރު ދެން ބާކީ އޮތީ އެންމެ އަށް ދުވަހެވެ. ފިލްމު ސްކްރީން ކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރާއްޖޭގެ ސިނަމާ އަށް އަންނާނެ ފުރަތަމަ ހެއްވާ މަޖާ ބިރުވެރި ފީޗާ ފިލްމު “ފޯޓީ ޕްލަސް” އަކީ އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަހަރުގެ އެންމެ ބޮޑުފިލްމުގެ ގޮތުގައި ފާހަގަޖަހާފައިވާ “ފޯޓީ ޕްލަސް” އަޅުވާ ތާރީޚު ކުޑަތަންވަމުން އަންނަ އިރު ކޮންމެ ދުވަހަކުވެސް އައު ޓީޒާއެއް އާއްމުކުރަމުން ދެއެވެ. ހެއްވާ މަޖާ އަދި ބިރުވެރި ކަންތައްތަކެއް ހިމެނޭ މި ފިލްމު ރިލީޒްކުރާ ތާރީޚަށް ދިހަ ދުވަހަށް ވެފައިވަނިކޮށް ފަށާފައިވާ ކައުންޑައުންގެ ދަށުން މިހާރު ވަނީ 10 ދުވަސް، 09 ދުވަސް އަދި 08 ދުވަސް ގެ ކައުންޓްޑައުން ވީޑިއޯ ޓީޒާ ނެރެފައެވެ. ފިލްމުގެ ހެއްވާ މަޖާ ބައެއް ޑައިލޮގްތަކާއެކު “ފޯޓީ ޕްލަސް”ގެ ރަސްމީ ފޭސްބުކް ޕޭޖަށް ނެރެމުން އަންނައިރު، ކޮންމެ ޓީޒާއަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

”ނޯޓީ ފޯޓީ“ގެ ދެވަނަ ބައެއްގެ ގޮތުގައި ނެރޭ ”ފޯޓީ ޕްލަސް“ގެ ޓިކެޓް މިމަހުގެ 12 އިން ފެށިގެން އޮލިމްޕަހުން ވިއްކަމުދާއިރު ޕްރޮޑިއުސަރ ޝަފީޤް ބުނީ ޓިކެޓް ގަތުމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ “ފޯޓީ ޕްލަސް” ގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އާއި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ހަރަކާތްތެރިވެއެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.