ލ.ފޮނަދޫ ގޮނޑުދޮށުން، ދިޔަރެހާ ހިސާބުން ފެށިގެން ހައެއްކަ ފޫޓު ބޭރަށް، ބޮޑު ސަރަހައްދެއް ރަތްވެފައި އޮތުމުން ގިނަ ބަޔަކު ރަށު ގޮނޑުދޮށަށް އެެއްވެއްޖެއެވެ. ފޮނަދޫ ކައްދޫ ކޯސްވޭއާ ހިސާބަށް އެއްވެތިބި މީހުން ބުނީ ފޮނަދޫ ހުޅަނގުފަރާތު ގޮނޑުދޮށުން ރަށުގެ ހުރިހައި ދިމާއެއްވެސް އެގޮތަށް ރަތްވެފައި އޮތެވެ.

ފޮނަދޫ މީހުންއުޅޭ ސަރަހައްދުން ބޮޑުދޮށަށް ކޮށާފައިއޮތް މަގަކާއި ދިމާއަށް ފުލުހުންވެސް އެރި މޫދަށް އަލިކޮށް ބަލަމުން ދާކަމަށް ބައެއް މީހުން ބުނެއެވެ. މޫދުން ރަތްވެފައި އޮތް ލޮނުގަނޑުން ނުބައި ވަހެއް ދުވަމުންދާކަން މުނިއަވަސް އިން އެތެނަށް ދިޔަ ރިޕޯޓަރުންނަށް ފާހަގަކުރެވިފައިވެއެވެ.

މުނިއަވަސް އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ކަމާބެހޭ ބޭފުޅަކަށް ގުޅައިލުމުން ވިދާޅުވީ އެގޮތަށް ރަތްވުމަކީ ‘އަލްގަލް ބްލޫމް’ އެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެއް ކަމަށާއި ނަމަވެސް ފޮނަދޫގައި އެގޮތަށް ރަތްވެފައި އޮތީ ސީދާ ކޮން ސަބަބަކާއިހުރެކަން ދަންނަވަން އެނގޭނީ ސާމްޕަލް ނަގައިގެން ޓެސްޓް ކުރުމަށްފަހުގައި ކަމަށެވެ.

ފޮނަދޫގެ އުމުރުން ދުވަސްވީ ބައެއް މީހުން ބުނަނީ އެއީ ވިހާ ނަކަތް އައުމުން މޫދުގައި އުޅޭ ސޫފާސޫފި ވިހެއުމުން ވާގޮތެއް ކަމަށެވެ. އަލްގަލް ބްލޫމް އަކީ އެބުނާ ބުނުމަށް ސައިންޓިފިކަލީ ކިޔާ ގޮތެވެ.

އަލްގަލް ބްލޫމް އަކީ ތިމާވެއްޓަށް އަންނަ ބަދަލު ތަކާއި ގުޅިގެން ކުރިމަތިވާކަމެކެވެ. މިހެންވުމުން ކުއްލިއަކަށް އާދަޔާ ޚިލާފު ކުލައެއްގައި މޫދުގެ ލޮނުގަނޑު ފެނުމާއި އެކު ގިނަފަހަރަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މަސްމަހާމެހި ނުވަތަ އެއިން ބައެއް ބާވަތުގެ މަސްތައް މަރުވެ އޮޔާއި އެކު އައިސް ގޮނޑުދޮށް ތަކަށް ލައްގަންފަށައެވެ.

އަލްގަލް ބްލޫމަކީ މޫދުގައި އެކުލެވިގެންވާ ކުދި ދިރުންތަކުގެ ތެރޭގައި އޭގެ އާބާދީ ވަކިމިންވަރަކަށް ހިފެހެއްޓިފައިވާ އަލްގައި ތައް އެއްވެސް ހައްދެއްނެތި ކުއްލިއަކަށް އިތުރުވެގެން ދާ ދިއުމަށް ކިޔާ ނަމެކެވެ.

މި ފަދަ އަލްގަލް ބްލޫމްތައް ފެތުރޭ ސަރަހައްދުތަކަށް މޫދަށް އެރުމާއި، ގޮނޑުދޮށްތައް ބޭނުން ކުރުމަކީ އެފަދަ ދުވަސްވަރެއްގައި ކުރުން ރަނގަޅު ކަމެއްނޫނެވެ.

ފޮނަދޫ ގޮނޑުދޮށަށް ވެރިވެފައި އޮތް ރަތްކަމުގެ ކުލަވަރު ފަނޑުވަމުން އަންނަކަމަށް މިރޭ 11 ޖަހާލިހައިއިރު ބައެއް މީހުން ބުނެފައިވެއެވެ. އެގްރިކަލްޗަރުން މަޢުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިހެން މިއީ ފަހަރެއްގައި އަލްގަލް ބްލޫމްއެއް ނޫންކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ ކޮންމެވެސް ކަހަލަ ޤުދުރަތީީ ފިނޯމެނާއެކެވެ.

ފޮނަދޫ ގޮނޑުދޮށް ރަތްވެފައި އޮތްތަން ބެލުމަށް ގަމުންވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ދިޔަކަމަށް މަޢުލުމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.